މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)
ދަޢުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ނިމިދިޔަ ޖޫން 2026 މަހުގެ ތެރޭގައި ޖުމްލަ 465 މިލިއަން ރުފިޔާ ހޯދައިފިއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ނުލިބި ހުރި ފައިސާ ހޯދުމަށް އެކި މަރުހަލާތަކުގައި ކުރެވުނު މަސައްކަތުން ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. އެގޮތުން، ފައިސާ ދެއްކުމަށް އެދި ނޯޓިސް ފޮނުވައިގެން 286 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ. އަދި ޑިއުސް ކްލިއަރެންސް ނުވަތަ ބާކީ ހުރި ފައިސާ ސާފުކުރުމުގެ ތެރެއިން 79 މިލިއަން ރުފިޔާ ލިބިފައިވާއިރު، ފައިސާ ދެއްކުމަށް އެކުލަވައިލި އިންސްޓޯލްމަންޓް އެއްބަސްވުންތަކުގެ ދަށުން 72 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފައެވެ.

މީގެ އިތުރުން، ޓެކްސް ދައްކަންޖެހޭ ފަރާތްތަކަށް ފޯނުން ގުޅައި ހަނދާންކޮށްދިނުމުގެ ތެރެއިން 26 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ބުނެއެވެ. އަދި އެކްޝަން ޕޮލިސީގެ ދަށުން 0.5 މިލިއަން ރުފިޔާ އަދި ބޭންކް އެކައުންޓް ފްރީޒް ކޮށްގެން 0.7 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ.

ޖޫން 2026 ގައި މީރާއަށް ލިބުނު ޖުމްލަ އާމްދަނީއަށް ބަލާއިރު، އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓީ.ޖީ.އެސް.ޓީ އެވެ. އެއީ އާމްދަނީގެ 37.2 އިންސައްތަ ނުވަތަ 1.08 ބިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ ޖުމްލަ އާމްދަނީގެ 27.4 އިންސައްތަ ނުވަތަ 799 މިލިއަން ރުފިޔާއެވެ.

އިތުރު އާމްދަނީގެ ގޮތުގައި ލިބިފައިވާ ފައިސާގެ ތެރޭގައި ރިޒޯޓްތަކުގެ ކުލިން ލިބުނު 411 މިލިއަން ރުފިޔާ އާއި، ގްރީން ޓެކްސްގެ ގޮތުގައި 157 މިލިއަން ރުފިޔާ އާއި، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 135 މިލިއަން ރުފިޔާ އާއި، ޑިޕާރޗަރ ޓެކްސްގެ ގޮތުގައި 134 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މީރާއިން ބުނީ މިދިޔަ ޖޫން މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 118.60 މިލިއަން އެމެރިކާ ޑޮލަރުވެސް ހިމެނޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު