ހައްޔަރުކުރި 2 މީހުން
ހައްޔަރުކުރި 2 މީހުން
ހދ. ކުޅުދުއްފުށީ އޮޑިހަރުގެއަކާއި ގުދަނަކުން ގިނަ އަދަދެއްގެ މުދާ ވަގަށް ނަގާފައިވާ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ފުލުހުން ހޯދައިފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަންދަށް ގެނެސްފައިވަނީ ކުޅުދުއްފުށީގެ ދެ މީހުންނެވެ. އެއީ އެ ރަށު ތަންބީގެ، ޙަސީބު އާދަމް (27އ) އާއި ވައިޓްހާރޑް، މުޙައްމަދު ނަބީލް އަޙްމަދު (27އ) އެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި ހިނގާ ޖުލައި މަހުގެ 8 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީ އޮޑިހަރުގެއަކާއި ގުދަނަކުން ވައްކަންކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، ޖުލައި 9 ވަނަ ދުވަހުއެވެ. މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙަސީބު އާދަމް 5 ދުވަހަށް އަދި މުޙައްމަދު ނަބީލް އަޙްމަދު 12 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ، މި މީހުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ކަރަންޓު ބުރުމާއާއި، ކަރަންޓު ކީހާއި، ކަޓްއޮފްއާއި، ޓޫލް ބޮކްސްތަކަކާއި، ކަރަންޓު ނަރުތަކެއްގެ އިތުރުން ކަރަންޓު މަސައްކަތްތަކަށް ބޭނުންކުރާ އެހެނިހެން ސާމާނު ހިމެނޭ ކަމަށެވެ. ވަގަށް ނަގާފައިވާ މި ތަކެތީގެ އަގު 80،000 ރުފިޔާ އަށްވުރެ ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ކުރި މަސައްކަތުން މިހާރު ވަނީ ވަގަށް ނެގި ހުރިހާ ތަކެތި ހޯދާފައެވެ. އަދި މި ތަކެތި އޭގެ ވެރިފަރާތާ ހަވާލުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި މައްސަލަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު