ރައީސް ބިލެއް ތަސްދީގު ކުރައްވަނީ
ރައީސް ބިލެއް ތަސްދީގު ކުރައްވަނީ
މާލެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ އަދި ޒަމާނީ ހައްލުތަކެއް ހޯދުމަށްޓަކައި، "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް"ގެ ނަމުގައި ސަރުކާރުގެ އާ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މި އޮފީސް އުފެއްދެވިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ދެންނެވުމެއްގައި ވަނީ އިއުލާންކޮށްފައެވެ.

ރައީސް އޮފީހުން ބުނީ މާލޭގެ މަގުތަކުގައި އުޅަނދުތައް އިތުރުވެ، ތޮއްޖެހުމުގެ މައްސަލަ ބޮޑުވެފައިވާ މި ދަނޑިވަޅުގައި، މި އޮފީސް އުފެއްދެވީ އެކަމަށް އަވަސް ހައްލުތަކެއް ހޯދައިދިނުމުގެ ބޭނުމުގައިކަމަށެވެ. އެގޮތުން، ދަތުރުފަތުރުގެ ނިޒާމު ޒަމާނީކުރުމާއި، ޕާކިންގގެ މައްސަލަތަކަށް ހައްލު ހޯދުމަށް ބޭނުންވާ ވަސީލަތްތައް ތަރައްގީކުރުމާއި، އެކަމާ ގުޅޭ ޕްރޮގްރާމްތައް ރާވައި ތަންފީޒުކުރުމުގައި މި އޮފީހުން އިސްދައުރެއް އަދާކުރާނެކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.

ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގާ މި އޮފީހުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން ސިޔާސަތުތައް އެކުލަވާލުމާއި، ޒަމާނީ މޮބިލިޓީ ހައްލުތައް ފޯރުކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން، ދައުލަތުގެ އިދާރާތަކުން މި އޮފީހަށް ފޮނުވާ ސިޓީތަކުގައި ބޭނުންކުރަންޖެހޭ ނަންބަރަކީ 1142 ކަމުގައިވެސް ރައީސް އޮފީހުން ވަނީ ކަނޑައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު