ވައްކަމުގެ މައްސަލައިގައި ހައްޔަރު ކުރި މީހުން-
ވައްކަމުގެ މައްސަލައިގައި ހައްޔަރު ކުރި މީހުން-
ހދ. ކުޅުދުއްފުށީ އޮޑިހަރުގެއަކާއި ގުދަނަކުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނެގި މައްސަލައެއްގައި ތުހުމަތުކުރެވޭ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ކުޅުދުއްފުށީގެ ދެ ޒުވާނުންނެވެ. އެއީ އެ ރަށު ތަންބީގެ، ޙަސީބު އާދަމް (27އ) އާއި ވައިޓްހާރޑް، މުޙައްމަދު ނަބީލް އަޙްމަދު (27އ) އެވެ.

ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، މި ވައްކަން ކުރި މީހުން ވަނީ 80،000 ރުފިޔާއަށްވުރެ އަގުބޮޑު ތަކެތި ވަގަށް ނަގާފައެވެ. އޭގެ ތެރޭގައި ކަރަންޓު ބުރުމާ، ކަރަންޓު ކީސް، ކަޓްއޮފް މެޝިން، އެކި ބާވަތުގެ ޓޫލް ބޮކްސްތައް، ކަރަންޓު ނަރުތައް އަދި ކަރަންޓު މަސައްކަތަށް ބޭނުންކުރާ އިތުރު ގިނަ ސާމާނުތަކެއް ހިމެނެއެވެ.

ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ވަނީ ވަގަށް ނަގާފައިވާ މި ހުރިހާ ތަކެތި ހޯދާފައެވެ. އަދި މިހާރު ކުރިއަށްދަނީ އެ ތަކެތި އޭގެ ވެރިފަރާތާ ހަވާލުކުރުމުގެ މަސައްކަތް ކަމަށް ފުލުހުން ބުނެއެވެ.

ހައްޔަރުކުރެވުނު ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙަސީބު އާދަމްގެ ބަންދަށް 5 ދުވަސް އަދި މުޙައްމަދު ނަބީލް އަޙްމަދުގެ ބަންދަށް 12 ދުވަސް ކޯޓުން ވަނީ އިތުރުކޮށްދީފައެވެ.

ކުޅުދުއްފުށި ސިޓީ ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް