ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ
އެއްލައްކަ ޑޮލަރުގެ ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) އެއް ހަދާއިރު، އޭގެ ތެރެއިން 75 އިންސައްތައަށްވާ ޑޮލަރު ހޯދަން ޖެހެނީ ކަޅު ބާޒާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު އެމްޑީޕީން "ޑޮލަރެއް ނެތް" ނަމުގައި ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ، އެއްލައްކަ ޑޮލަރުގެ ޓީޓީ ހަދާ ވިޔަފާރިތަކަށް ބޭންކް ރޭޓުގައި ލިބެނީ އޭގެ ތެރެއިން އެންމެ 25 އިންސައްތަ ކަމަށެވެ. ބާކީ 75 އިންސައްތައަށްވާ ޑޮލަރު ކަޅު ބާޒާރުން ގަންނަން ޖެހުމުގެ ސަބަބުން، އިތުރަށް ގާތްގަނޑަކަށް ހަތަރު ލައްކަ ރުފިޔާ ހޭދަކުރަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އީވާ ވިދާޅުވީ، މަހެއްގެ މައްޗަށް އެއްލައްކަ ޑޮލަރުގެ ޓީޓީ ހަދާ ވިޔަފާރިތަކުން، ޑޮލަރުގެ އަގަށް އައިސްފައިވާ ބަދަލާއެކު އަހަރަކު ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާ އިތުރަށް ހަރަދުކުރަން ޖެހޭކަމަށެވެ. "އޭގެ މާނައަކީ ފަސް މިލިއަނާ ގާތަށް އަހަރަކު ހަރަދުކުރަންޏާ ކޮންމެ ވިޔަފާރިއަކަށްހޭ އެވަރެއްގެ ހިޓެއް ނެގޭނީ." އީވާ ސުވާލު އުފެއްދެވިއެވެ.

ޑޮލަރުގެ ދަތިކަމުގެ އިތުރުން، ޓީޓީ ހެދުމުގައި ކުރިމަތިވާ ލަސްތަކާ ގުޅޭގޮތުން ވެސް އީވާ ވާހަކަ ދެއްކެވިއެވެ. އޭނާ ވިދާޅުވީ ޑޮލަރު ހޯދައިގެން ޓީޓީ ހެދުމުން ވެސް، ސަޕްލަޔަރާ ހަމައަށް ފައިސާ ލިބެން ދެ ހަފްތާވަރު ނަގާ ކަމަށެވެ. މީގެ ސަބަބުން މުދާ ގެނެސް ޕޯޓުގައި ބަހައްޓަން ޖެހި، ޑެމަރޭޖްގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހުމާއި، މުވައްޒަފުންގެ މުސާރަ އާއި ކުލި ފަދަ ހިންގުމުގެ ހަރަދުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު އީވާ ވިދާޅުވީ ޑޮލަރުގެ އަގު ބޮޑުވެ އިގްތިޞާދަށް މިހާރު އައިސްފައިވާ ހީނަރުކަމުގެ އަސަރު ދިގު މުއްދަތަކަށް ގައުމުގެ ތަރައްގީއަށް ކުރާނެ ކަމަށެވެ. އަދި މިކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ އެންމެ ދަތި ހާލުގައި އުޅޭ ގޭބިސީތަކަށް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިހާރު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21 ރުފިޔާއަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ބައެއް ވިޔަފާރިތަކަށް ބޭންކް މެދުވެރިކޮށް ޓީޓީ ނެހެދޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އަދި ކަޅު ބާޒާރުން ވެސް ޑޮލަރު ހޯދުމަކީ މިހާރު ވިޔަފާރިތަކަށް ބޮޑު ތަކުލީފަކަށް ވަނީ ވެފައެވެ.



ކިޔުންތެރިންގެ ހިޔާލު