ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް
ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވިފަހުން، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ފުރަތަމަ ފަހަރަށް މަޖިލީހުގެ ޖަލްސާއެއްގައި މިއަދު ބައިވެރިވެވަޑައިގެންފިއެވެ.

ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވީ މިދިޔަ މޭ މަހުގެ 31 ވަނަ ދުވަހުއެވެ. އޭނާ އިސްތިއުފާ ދެއްވީ، ވެރިކަން ކުރާ ޕީއެންސީގެ ހުރިހާ މެންބަރުން ސޮއިކުރަށްވައި، އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމާ ގުޅިގެންނެވެ.

މަޖިލީހުގެ ޗުއްޓީއަށްފަހު ޖުލައި 6 ވަނަ ދުވަހު ޖަލްސާތައް އަލުން ފެށި ފަހުން ފުރަތަމަ ފަހަރަށް ނާޒިމް މިއަދު ވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެން ދެ ބިލަކަށް ވޯޓު ދެއްވާފައެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި އޭނާ ވާހަކަދައްކަވާފައެއް ނުވެއެވެ.

ޕީއެންސީގެ 73 މެންބަރުން ސޮއިކޮށް ނާޒިމް ވަކިކުރުމަށް ހުށަހެޅި ގަރާރުގައި އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ. އެތުހުމަތުތަކާ ގުޅިގެން މަޤާމުން އިސްތިއުފާ ދެއްވުމަށްފަހު ނެރުއްވި ބަޔާނުގައި ނާޒިމް ވަނީ އެ ހުރިހާ ތުހުމަތުތަކެއް ދޮގުކުރަށްވާފައެވެ. ނާޒިމް ވިދާޅުވީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް އެ ގަރާރުގައި ނެތް ކަމަށެވެ. އޭނާ ސިފަކުރެއްވީ އެއީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްގެ ގޮތުގައެވެ.

ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމާއެކު، މަޖިލީހުގެ އެންމެ ނުފޫޒުގަދަ ދެ ކޮމިޓީ ކަމަށްވާ މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މެންބަރުކަމުންވެސް އޭނާ ވަނީ ވަކިކޮށްފައެވެ. އަދި ޕީއެންސީގެ ތެރޭގައި އޭނާ ފުރުއްވަމުން ގެންދެވި ދިއްގަރު ދާއިރާގެ ރައީސްކަމުގެ މަގާމުންވެސް ނާޒިމް ވަނީ ދުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު