ޞާދިރު ޢަލީދީދީ   25 އޮކްޓޯބަރު 2020 - 12:32
އިރިފުސްމެ
އިރިފުސްމެ
އެޕިސޯޑް 13

................

[އާނ...ދިގު އިންތިޒާރަކަށް ނިމުން އަންނާތީ އުފާވާނެތާ...ހައިޝަމް އުފަލެއްނުވޭދޯ؟ އަނެއްކާ އަހަރެން މާލޭގައި ހުރި ދުވަސްކޮޅު ބިޓެއް ނެގީތަ؟] ޝީނާ މިހެން ބުނެފައި، ހައިޝަމްގެ މޭގައި ބޯއަޅާލިއެވެ.

ހައިޝަމާއި ޝީނާގެ ކައިވެނި ޙަފްލާގެ ތައްޔާރީތައް ކުރިޔަށް ދިޔައިރު، ހައިޝަމާއި ރީޙާން ރާވަމުންދިޔައީ، އެ ޙަފްލާގެ ތެރެއިން ޝަބާބްގެ ދެބެންވެސް އެއްގަލަކަށް އެރުވުމަށެވެ. ޝަބާބް މިހާރު އުޅޭ ގޭގެ ހުރިހާ މީހުނަށް އެ ޙަފްލާއަށް ދަޢުވަތު ދިނުމަށް ކަނޑައެޅީ ސީދާ ރީޙާނެވެ. ހައިޝަމްވެސް އެކަމަށް ތާއީދު ކުރިއެވެ.

[ދަޢުވަތު ދިނަސް، އެގޭ މީހުން އަންނާނެބާ...އެގޭ މީހުން އަތުވެއްޖެއްޔާ، ޝަބާބްގެ ދެބެން ދިމާވާނެތާ...] ހައިޝަމް ބުނެލިއެވެ.

ހައިޝަމާއި ޝީނާގެ ޢާއިލާއިން އެދެކުދިންގެ ކައިވެނި ޙަފްލާއަށްޓަކައި ބޮޑެތި ޚަރަދުތަކެއް ކުރުމަށް ރާވާފައިވެއެވެ. އެމީހުން ޤަޞްދުކޮށްފައި ވަނީ، ހިތަދޫ ހުރިހާ ގެއަކަށް އެ ކައިވެނީގެ ވަލީމާގެ ދަޢުވަތު ދޭށެވެ. އޭގެއިތުރުން، އަތޮޅުގެ އެހެން ރަށް ރަށަށްވެސް ދަޢުވަތު ދިނުމަށް ރާވާފައިވެއެވެ.

ހައިޝަމާއި ޝީނާއަކީވެސް އައްޑުއަތޮޅު ފެންވަރުގެ ވިޔަފާރީގައި ވަރަށް ފުންނާބު އުސް ދެ ޢާއިލާއަކަށް ނިސްބަތްވާ ދެކުދިންނެވެ. ޝީނާގެ ބައްޕަ ޖަމާލަކީ ރިސޯޓެއްގެ ޖެނެރަލް މެނޭޖަރެއްގެ އިތުރުން، ރަށުގައި ތިން ފިހާރައެއް ހިންގަމުންދާ ކުޅަދާނަ ވިޔަފާރިވެރިއެކެވެ. އެހެންމެ ހައިޝަމްގެ ބައްޕައަކީ ހިތަދޫގައި އަމިއްލަ މަސްދޯންޏަކާއި ދެފިހާރަ ހިންގަމުން އަންނަ، ރަށުގެ ނިސްބަތުން މަހުޖަނެކެވެ. ހައިޝަމްގެ ބައްޕަ މުޙައްމަދު ރަޝީދަކީ އަތޮޅުގެ ގިނަ ބަޔަކު ދަންނަ އެހީތެރި އަތެކެވެ.

[މިހާރު ކާޑުތައް ހުންނާނީ ޗާޕްކުރެވިފައި. ބައްޕަ ޤަޞްދުކުރަނީ، ދޯންޏެއް ގޮތަށް ބުފޭ ތައްޔާރުކުރަން.] މުޙައްމަދު ރަޝީދު އޭނާގެ ދަރިފުޅު ހައިޝަމާ ވާހަކަ ދެއްކިއެވެ.

[ބައްޕާ...މާބޮޑު ޚަރަދު ކުރުމުގެ މާނައެއް ނެތް. ކުޑަގޮތެއް ހަދާލީމާ ރަނގަޅުވާނެކަންނޭނގެ.] ހައިޝަމަކީ އިސްރާފު ކުރުމުގެ ނުރަނގަޅު ސިފައަށް ތާއީދުކުރާ މީހެއް ނޫނެވެ.

ޙަޤީޤަތުގައި ވަރުގަދަ ޕާޓީއެއް ބާއްވާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. ނަމަވެސް، އޭނާގެ ބައްޕަ ވަނީ އޭނާގެ ކައިވެނި ޙަފްލާއަށްޓަކައި އަށްޑިހަ ހާސް ރުފިޔާ ކަނޑައަޅާފައެވެ. އެފަދައިން ޝީނާއަކީ ޖަމާލްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅަށްވުމާއެކު، އޭނާވަނީ އެ ކައިވެނި ޙަފްލާއަށްޓަކައި ދިހަހާސް ޑޮލަރު ކަނޑައަޅާފައެވެ.

[މީހުން ބުނެއެއްނު، ފައިސާވެރިންނާއި ފައިސާވެރިން ގުޅޭނެޔޭ...] ރީޙާން ހައިޝަމާ ދިމާކޮށްލިއެވެ.

[އަހަރެން ޝީނާޔާ ރައްޓެހިވީއިރު، ނުވެސް ދަންނަން، އޭނަގެ ބައްޕަޔަކީ ކާކުކަމެއް...އަޞްލު ޙަޤީޤަތުގައި އަހަރެން ބޭނުންވަނީ ވަރަށް ނިކަމެތި އަންހެން ކުއްޖެއް. އެކަމަކު ދެން ކުރާނޭ ކަމެއްނެތް.....] ހައިޝަމް ބުންޏެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް، ހައިޝަމާއި ޝީނާގެ ކައިވެނީގެ ދުވަސްވެސް ބޯމަތިވެއްޖެއެވެ. މިހާރު ދަޢުވަތު ކާޑުތައްވެސް ބަހައިފިއެވެ. ގެވެސްވަނީ މާމެލާމެލީގެ ގުލްދަސްތާއެއް ފަދައިން ތައްޔާރުކޮށް، ކުލަބޮކިތަކުން ޒީނަތްތެރިކޮށްފައެވެ. ޙަފްލާއަށްޓަކައި އެގެ ތައްޔާރުވަމުން ދިޔައިރު، މަސައްކަތުގައި ރީޙާންގެ ދެމަފިރިންވެސް ވަރަށް ބުރަކޮށް އުޅެމުންދިޔައެވެ.

މިހާރު ހައިޝަމާއި ޝީނާ ނަލަހެދިލައިގެން އެތިބީ ކައިވެނިކޮށްދޭން ޤާޟީއާއި ހެކިވެރިން އަންނާނޭ ވަގުތެއްގެ އިންތިޒާރުގައެވެ. ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ ހަތެއް ޖަހާއިރެވެ. ޕާޓީ ފެށޭ ގަޑިއަކަށް އޮތީ އަށެއް ޖަހާއިރު ކަމަށެވެ. ވުމާއެކު، ކައިވެނީގެ ރަސްމިއްޔާތަށްފަހު، ހައިޝަމް ދާންޖެހޭނީ ޕާޓީއަށްޓަކައި، އެގޭ ގޯތިތެރޭގައި ތައްޔާރުކޮށްފައިވާ ސަރަޙައްދަށެވެ.

މާގިނައިރުތަކެއްނުވެ ހައިޝަމާއި ޝީނާގެ ޒަވާޖީ ޙަޔާތުގެ ގޮށް ޖަހާލެވިއްޖެއެވެ. އެއީ އުފާވެރި ވަގުތުކޮޅެކެވެ. ދެ ޢާއިލާ އެކުއެކީގައި ފޮޓޯތައް ނެގުމަށްފަހު، ހައިޝަމްމެން ނިކުތީ ޕާޓީއަށްޓަކައި ތައްޔާރުކޮށްފައިވާ ސަރަޙައްދަށެވެ.

އެރޭގެ ޕާޓީ ޙަފްލާ ފެށުމާއެކު، ރީޙާނަށް އިންތިޒާރު ކުރެވެން ފެށީ ޝަބާބްގެ ކޮއްކޮއަށެވެ. އޭނަޔާ ހައިޝަމްގެ ރޭވުމުގައި ވަނީ ޝަބާބާއި އޭނާގެ ކޮއްކޮ އެއްތަންކުރާށެވެ.

[ހައިޝަމް އެއްކަލަ ގެޔަށް ދަޢުވަތު ފޮނުވިންތަ؟...އަދިވެސް އެގޭ މީހަކު ނުފެނޭ.] ރީޙާންގެ ކެތްތެރިކަން ކުޑަވިއެވެ.

[އާނ...އަހަރެން އަމިއްލައަށް ގޮސް، އެގެޔަށް ދަޢުވަތު ދިނީ. އަހަރެން ދަޢުވަތު ދިން ކުއްޖާ ގާތު ބުނިން، ބީރައްޓެއްސަކު ހުއްޓަސް ގޮވައިގެން އަންނާށޭ...އަދި ކެތްކުރޭ، އެމީހުން އަންނާނެ.] ހައިޝަމް ބުންޏެވެ. އޭރުވެސް މީހުންތައް އަންނަމުންދެއެވެ.

[ޝަބާ މާގިނައިރު ކޮއްޅަށް ހުންނާކަށް ނުވާނެ. ދޭ އިށީންނަން...] ރީޙާން ޝަބާބްގެ އަތުގައި ހިފައިގެން ގޮސް ގޮނޑިއެއްގައި ބޭންދިއެވެ. އެވަގުތު ޝަބާބްގެ ކޮއްކޮ ކަމަށް ޝަބާބް ބުނާ އަންހެން ކުއްޖާ، ފިރިހެނަކާއެކު އެ ޕާޓީއަށް ވަންތައް ރީޙާނަށް ފެނުނެވެ.

އޭނާ އައިސް ހައިޝަމްމެނާ ސަލާމްކުރި ވަގުތު ހައިޝަމް ރީޙާން ފެނޭތޯ ހޯދާލިއެވެ. ނަމަވެސް، އޭރު އަދި ޝަބާބަކަށް އެއިން ކަމެއް މޭރުންނުވޭކަންނޭނގެއެވެ. އޭނާ އިންގޮތަށް އިނީއެވެ.

[އަހަރެން އެބަ އަންނަން....ޝަބާ މިތާ މަޑުކުރޭ.] ރީޙާން ހިނގައިގަތެވެ. ރީޙާން ގޮސް ޝަބާބްގެ ކޮއްކޮއާ ދާދި ކައިރިއަށް ހުއްޓިއްޖެއެވެ. އެއަށްފަހު އޭނާ ވަރަށް ރަނގަޅަށް އޭނާއަށް ބަލައިލިއެވެ. އެކުއްޖާ ޝަބާބާ ކުޑަވެސް ތަފާތެއް ނެތެވެ. ޝަބާގެ މޫނު ވާތްފަރާތު ކޯތާފަތްމަތީގައި ހުންނަ ކަޅު ތިލަވެސް އެބަހުއްޓެވެ. ރީޙާން މާބޮޑަށް ބަލަން ފެށުމުން، އެކުއްޖާ ލަދުގަތީކަންނޭނގެއެވެ. އޭނާ އިސްއޮބާލައިފިއެވެ.

[ޝަބާބް ދަންނަންތަ؟] ރީޙާނާ އޭނާޔާ ކުރިޔަށްވުރެން ކައިރިއަށް ޖެހިލައިފިއެވެ. އޭރު އެ އަންހެން ކުއްޖާގެ ފިރިމީހާ އޭނާގެ ރައްޓެއްސަކާއެކު އޮލަ ވާހަކައެއްގައި ތަންކޮޅެއް ދުރުގައި ހުއްޓެވެ.

[ކިހިނެއްވީ؟ އަހަންނަކީ ޝަބާބޭ! ކޮން ޝަބާބެއްގެ ވާހަކަ ތިބުނީ؟] އެކުއްޖާ ހިސާބަކަށް ޙައިރާންވިއެވެ.

[ތީ ޝަބާބޭ! ތިހެންވީއިރު ޓްވިންސެއް ހުރޭތަ؟] ރީޙާން ޙައިރާންވިއެވެ.

[ޓްރިންސެކޭ! ނޫން ނުހުރޭ....ހަމަގައިމުވެސް އަހަންނަކަށް އެނގިފައެއްނުވޭ...ތިޔަވީގޮތުން މަންމަ ގާތު އަހާލަން ޖެހޭނީ. އަޅެ އަހަންނާ ވައްތަރު މީހަކު އުޅެނީތަ؟] އެ އަންހެން ކުއްޖާ ހުރީ ޢަޖައިބުވެ އަންތަރީސްވެފައެވެ.

[އާނ...އަހަރެންގެ އަންހެނުން. އޭނަގެ ސިފަޔާ ތީނަޔާ އެއްވެސް ތަފާތެއް ނެތް. އޭނަގެ ނަމަކީވެސް ޝަބާބް....މިތާނގައި އޭނަ މިހާރުވެސް އެބައިން....ހިނގާ ދައްކާނަން...ދެންމެ ބުނެފީމެއްނު، މަންމަގާތު އަހާނެ ވާހަކަ. މަންމަ ދުނިޔޭގައި އެބައިންތަ؟] ރީޙާން ކުރިޔަށް ހިނގައިގަތެވެ.

[އާނ...މަންމަވެސް ބައްޕަވެސް އަދި ދެބޭބެއަކުވެސް އެބަތިބި...ހިނގާބަލަ...] އޭނާ ރީޙާންގެ ފަހަތުން ހިނގައިގެންފިއެވެ. އެވަގުތު ޕާޓީގެ މެޙެފިލަށް ފެތުރިފައިވާ މަޑު އަލީގެ ތެރެއިން ރީޙާން، އެ އަންހެން ކުއްޖާއަށް އޭނާގެ އަނބިމީހާ ދައްކާލިއެވެ. ނަމަވެސް، ދުރުކަމާއި ތަނަށް ވެރިވެފައިވާ ފަނޑު އަލީގެ ސަބަބުން މާ ރަނގަޅަށް އެނގޭގޮތެއް ނުވެއެވެ.

ޢަމުދުން އޭރު ޝަބާބް އިނީ އެމީހުނަށް ފުރަގަސްވާ ގޮތަށް އެނބުރިގެންނެވެ. ރީޙާން އެކުއްޖާ ގޮވައިގެން ގޮސް، ޝަބާބާ އަރާހަމަކޮށްލިއެވެ. އޭރުވެސް ޝަބާބް އިނީ މޫނު ފޮރުވައިގެން ކަހަލަ ގޮތަކަށެވެ.

[ޝަބާބް...] ރީޙާން ޝަބާބްގެ ކޮނޑަށް އަތް ވައްޓާލިއެވެ. އެޔާއެކު، ޝަބާބް އެނބުރުނެވެ. ރީޙާންގެ ދެލޯ ބޮޑުވިއެވެ. މަޑުމަޑުން އޭނާޔަށް ފަހަތަށް ޖެހިލެވުނެވެ. މިހާރު އޭނާޔާ ކުރިމަތިލައިގެން އެއިނީ އޭނާގެ އަނބިމީހާ ޝަބާބެއް ނޫނެވެ. އެ އަންހެން ކުއްޖާ ހުރީ ފިސާރި ޙައިރާންކަމާއެކު ރީޙާންގެ މޫނަށް ބަލަހައްޓައިގެނެވެ.

[ކޮންބައެއްތީ!؟] އެ އަންހެން ކުއްޖާ ޙައިރާންކަމާއެކު ރީޙާންމެނާ ދިމާއަށް ބަލަން ހުރެފައި އެއްސެވެ.

[ސޮރީ...އަހަރެން ހީކުރީ އަހަރެންގެ އަންހެނުން ކަމަށް. އަހަރެންގެ އަންހެނުންވެސް މިރޭ ލައިގެން ހުރީ ތި ވައްތަރުގެ ހެދުމެއް. ތީނަ މިތަނަށް އައިއިރު، މި ގޮނޑީގައި އެހެން މީހަކު ނެތްތަ؟] ރީޙާން އޭނާގެ ކުރިމަތީގައި ހުރި ޝަބާބްގެ މޫނަށް ބަލައިލިއެވެ.

[އަހަރެން މިތާ ހުންނަތާ ކިތަންމެއިރެއް....ތިބުނާ މީހަކު ގެޔަށް ދިޔައީކަންނޭނގެ.] މިހެން ބުނެފައި އެތަނުގައި ހުރި ގޮތް ނޭނގޭ އަންހެން ކުއްޖާ އިށީނެވެ. ރީޙާނާ އޭނާޔާއެކު އެތަނަށް އައި ޝަބާބް ގާތު ބުނެފައި، އޭނާގެ އަނބިމީހާ ފެނޭތޯ ހޯދަން ފަށައިފިއެވެ.

ފުރަތަމަ އޭނާ ގެޔަށް ގުޅާލިއެވެ. އޭރު އޭނާގެ މަންމައާއި ބައްޕަ ޕާޓީއަށް އައިސްފައި ގެޔަށް ހިނގައްޖެއެވެ. ވުމާއެކު، ގެއިން ފޯނުނެގީ އޭނާގެ މަންމަ ޤިސާމާއެވެ.

[މަންމާ...ޝަބާ ނުދޭތަ؟] ރީޙާން ހުރީ ވަރަށް ކަންބޮޑުވެފައެވެ.

[އާނ...ނާދޭ...މަންމަމެންވެސް ދެންމެ ގެޔަށް އައިސް މިވަނީ...ކޮއްކޮވެސް ޕާޓީތެރޭގައި ވާނެ. ދަރިފުޅުމެން ގެޔަށް އަންނައިރު ރިޔާ ގޮވައިގެން އަންނާތި....] ޤިސާމާ ފޯނު ބާއްވާލިއެވެ.

[ޝަބާބް ކޮންތާކަށްބާ އެދިޔައީ!؟] ރީޙާން ހިތާހިތާ ކިޔާލިއެވެ. ރީޙާނަށް މީހުން ތޮއްޖެހިފައިވާ ޙަފްލާ ތެރެއިން އޭނާގެ ކޮއްކޮ ރިޔާ ފެނުނީވެސް ހޯދާތާ އެތައްއިރެއްގެ ފަހުންނެވެ. ނަމަވެސް، ރިޔާގެ ގާތަކުވެސް ޝަބާބެއް ނެތެވެ.

[ކޮއްކޯ...ޝަބާ ދައްތަ ނުދެކެންތަ؟] ރީޙާން އެއްސެވެ.

[ޝަބާ ދައްތަ ކޮންމެވެސް ފިރިހެނެއްގެ އަތުގައި ހިފައިގެން އުޅެނިކޮށް ދުށިން. މިރޭ ބޭބެޔާއެކު ޕާޓީއަށް އައިއިރު ލައިގެން ހުރި ހެދުމެއްވެސް ނޫން ލައިގެން ހުރީ...!] ރިޔާވެސް ހުރީ ވަރަށް ބޮޑަށް ޙައިރާންވެފައެވެ.

[ކޮއްކޮ ތިބުނީ ޝަބާ ދައްތަގެ އެއްމާބަނޑު ކޮއްކޮގެ ވާހަކަ. ހިނގާބަލަ ޝަބާ ފެނޭތޯ ހޯދަން ދަމާ...] ރީޙާން ހިނގައިގެންފިއެވެ.

[ޝަބާ ދައްތަގެ ކޮއްކޮޔަކުވެސް ހުރޭތަ؟ އެކަމަކު ޝަބާ ދައްތަ ބުނީ، ތިމާގެ މީހަކުވެސް މިހާރު ދުނިޔޭގައި ނެތޭ...]

[ތިކަމާ ބެހޭގޮތުން ވާހަކަ ދައްކާނީ ފަހުން. ހިނގާބަލަ، އޭނަ ފެނޭތޯ ހޯދަމާ....އޭނަ ބުނެވެސްނުލާ ދިޔައީމަ، ކިހާބޮޑު ތުރާލެއް މި ކުރިމަތިވީ.] ޝަބާބް އޭނާ ގާތު ބުނެވެސްނުލާ ދިޔައީމާ، ރީޙާންހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އޭނާ ޝަބާބްދެކެ ކިތަންމެ ލޯބިވިޔަސް، ޝަބާބް އެގޮތަށް ކަންތައްތައް ތަކުރާރު ކުރާނަމަ، ރީޙާންގެ ގާތަށްވެސް ރުޅި އަންނާނެތާއެވެ.

އެރޭ ޕާޓީތެރެއިން ރީޙާނާއި ރިޔާ މަސައްކަތް ކޮށްގެންވެސް ޝަބާބް ފެންނަގޮތެއް ނުވިއެވެ. ޙަޤީޤަތުގައި ރީޙާން ބޭނުންވަނީ މިރޭ ކޮންމެ ގޮތެއް ހަދާފައިވެސް އޭނާގެ އަނބިމީހާ ދައްކާ ވާހަކަތަކާއި، މިހާރު އެ ޕާޓީތެރޭގައި ޙަރަކާތްތެރިވަމުންދާ ޝަބާބް ދައްކާ ވާހަކަތަކުގެ ތެދު ދޮގު ބަލާށެވެ.

އެ ޙަފްލާތެރޭ ހޯދަމުން ދަނިކޮށް ދެންވެސް ރީޙާންމެނާ ދިމާވީ، އޭނާގެ އަނބިމީހާ ޝަބާބް، އޭނާގެ ކޮއްކޮ ކަމަށް ބުނާ ޝަބާބާއެވެ. ޙައިރާންވާންޖެހޭ ކަމަކީ އެއްމާބަނޑު ދެބެންނެއްކަމަކު، އެއް ނަމެއް ކިޔާތީއެވެ. މިހާތަނަށް އެއީވެސް ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭކަށް ނެތެވެ.

[ޝަބާބް މަޑުކޮށްފާނަންތަ؟] ރީޙާން ޝަބާބް ހުއްޓުވިއެވެ. އޭނާގެ ފިރިމީހާއާއެކު ގެޔަށް ދަނިކޮށެވެ.

[ކޮބާ އަހަންނާ ވައްތަރު ކުއްޖާ ނުފެނުނުދޯ؟ އަޞްލު ކިހިނެއްތަ ވެގެން މިއުޅެނީ. އަހަންނަށް ކިޔާދީފާނަންތަ؟] ޝަބާބް ހުރީ ޙައިރާންވެފައެވެ. ޙަޤީޤަތުގައި އޭނާޔާ އެއްމާބަނޑު އަންހެނަކު ހުންނަކަމެއް، މީގެކުރިޔަކުން އޭނާޔަކަށް އެނގިފައެއް ނުވެއެވެ. ނަމަވެސް، މި ނުދަންނަ މީހުން މިދައްކަނީ ކޮންކަހަލަ ވާހަކަތަކެއްބާއެވެ؟

[ކުއްލިއަކަށް އޭނާ ނުފެނިގެން މިއުޅެނީ...އަހަރެންގެ އަނބިމީހާ ބުނާގޮތުން، ތީނަޔާ އޭނަޔާ ޖެހުނު މައްސަލައެއްގައި ވާހަކަ ނުދައްކަނީ. އޭނާގެ މަންމައާއި ބައްޕަ ދަތުރުކުރި ދޯންޏެއް ބަންޑުން ޖަހާލައި، އެމީހުން ވަރަށްފަހުން މަރުވެއްޖެ ކަމަށް އޭނަ ބުނަނީ...އެކަމަކު އަހަރެންގެ އަންހެނުން ދައްކާ ވާހަކަޔާ ތީނަ ކިޔާ އެއްޗަކާ އެއްވެސް ވަރަކަށް ދިމާނުވޭ...] ރީޙާން ދެފަރާތަކަށް ބޯހޫރާލިއެވެ.

[އަހަރެން ޔަޤީންކަން ދީފާނަން، އަހަރެންގެ އެއްމާބަނޑު ކޮއްކޮއަކު ނުހުންނާނެ ކަމުގެ. އަހަރެންގެ މަންމައާއި ބައްޕަވެސް މާތްރަސްކަލާނގެ އިރާދަފުޅުން އަދި ހެޔޮ ޙާލުގައި އެބައުޅޭ. އަހަރެން ދަނީ...އަހަރެންގެ ޢާއިލާއާބެހޭ ހުރިހާ މަޢުލޫމާތެއް މިހުރި އަހަރެންގެ ފިރިމީހާ ޝިނާޒަށްވެސް އެނގޭނެ. ޝިނާ ހިނގާ ދާން...] ޝަބާބް ޝިނާޒްގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ރީޙާންގެ ސިކުނޑި ސުމަކަށްދިޔަ ކަހަލައެވެ.

[ކޮއްކޯ...ކޮންކަހަލަ ކަންތައްގަނޑެއްތަ ދިމާވާން މިއުޅެނީ...ކާކުގެ ވާހަކައެއްތަ، އަހަރެން ޤަބޫލުކުރާނީ! އެއްމާބަނޑު ދެބެންނޯ...އެއްމާބަނޑު ދެބެންނަށް އެއްނަމެއް ކިޔަންޖެހުނީ ކީއްވެ؟] ރީޙާން ފުންނޭވާއެއްލިއެވެ.

[ބޭބޭ...އޭނަޔަށްވެސް ކިޔަނީ ޝަބާބްތަ؟] ރިޔާ އެއްސެވެ.

[އާނ...ކޮއްކޯ....ދެންމެ އޭނަ ދެއްކި ހުރިހާ ވާހަކައެއްވެސް ކޮއްކޮ އަޑުއަހައިފީމެއްނު. ދެން ހިނގާ ގެޔަށް ދާން...އަހަންނާއެކު އައިސް، ބުނެވެސްނުލާ އޭނަ ނުޖެހޭނެ އެއްވެސް ތަނަކަށް ދާކަށް.] ރީޙާން ހިނގައިގަތެވެ. އޭނާ ގެޔަށް ދިޔައިރުވެސް ޝަބާބެއް ގެޔަކަށް ނާދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން