އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާ ސިފައިން ވަނީ ޖެހިޖެހިގެން ހަތްވަނަ ރޭ އިރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ.

މި ހަމަލާތައް މިހާރު އިރާނުގެ މެދުތެރޭގެ ސަރަހައްދުތަކަށް ފުޅާކޮށްފައިވާއިރު، އިރާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ބަންދަރު ޚަމީރުގައި ހުންނަ ފާލަމަކަށް ދިން ހަމަލާއެއްގައި ތިން މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަނީ ކަށަވަރުކޮށްދެއްވާފައެވެ. މި ހަމަލާތަކުގައި ޖުމްލަ އަށް މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިރާނުގެ އޮފިޝަލުން މައުލޫމާތު ދޭ ގޮތުގައި، އެމެރިކާގެ މި ހަމަލާތަކުގެ ސަބަބުން އާންމު ހިދުމަތްތަކަށް ބޭނުންކުރާ އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މީގެ ތެރޭގައި ވައިގެ ބަނދަރުތަކާއި، ކަރަންޓު އުފައްދާ މަރުކަޒުތަކާއި، ރޭލު ސްޓޭޝަންތައް ހިމެނެއެވެ. އަދި ބުޝެހްރުގެ ޚާރްގް އައިލެންޑްގައި އޮތް ތެޔޮ ޓޭންކަރަކަށް ވެސް ހަމަލާދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިރާނުން ވަނީ ބަހްރޭން، އުރުދުން، ކުވައިތު އަދި ގަތަރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ. ގަތަރުން ބުނާ ގޮތުގައި އިރާނުގެ ހަމަލާތައް ވަނީ ނާކާމިޔާބުކޮށްލާފައެވެ. ނަމަވެސް، ވެއްޓުނު މިސައިލް ބައިތަކުގެ ސަބަބުން ކުޑަކުއްޖަކަށް ވަނީ އަނިޔާވެފައެވެ. މީގެ އިތުރުން، އިރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރު.ޖީ.ސީ) އިން ވަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަން އުޅުނު އެމެރިކާގެ ހިމާޔަތް ލިބޭ ހަތަރު ތެޔޮ ޓޭންކަރެއް ހުއްޓުވާފައެވެ.

މި ހަމަލާތަކާ ގުޅިގެން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ އާންމު ވަސީލަތްތަކަށް ހަމަލާދިނުން ކުށްވެރިކުރައްވާފައެވެ. ހަމައެއާއެކު، ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ވެސް ގިނަ ބަޔަކު ޝަހީދުވަމުންދާކަން ފާހަގަކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު