ޓެކްނޮލޮޖީގެ ދުނިޔޭގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުރިއަރަމުން އަންނަ ވަރަކަށް، ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ ރައްކާތެރިކަމަށްޓަކައި މެޓާ ކުންފުނިން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން، ފުރާވަރުގެ ކުދިން މެޓާގެ އޭއައި ސިސްޓަމްތަކާ ވާހަކަދައްކާއިރު، އަމިއްލައަށް މަރުވުމަށް ނުވަތަ އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ އެއްވެސް ވާހަކައެއް ދައްކައިފިނަމަ، އެކަން ވަގުތުން ބެލެނިވެރިންނަށް އެންގުމަށް މެޓާއިން މިހާރު ވަނީ ނިންމާފައެވެ.

މި އާ ފީޗާއަކީ އިންސްޓަގްރާމް، ފޭސްބުކް އަދި މެސެންޖަރ ފަދަ ޕްލެޓްފޯމްތަކުގައި ބޭނުންކުރާ މެޓާ އޭއައި ޗެޓްބޮޓްތަކަށް ގެނެވުނު ބަދަލެކެވެ. މީގެ މައިގަނޑު މަގްސަދަކީ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމާއި، ނުރައްކާތެރި ވިސްނުންތަކުން އެކުދިން ސަލާމަތްކުރުމަށް ބެލެނިވެރިންނަށް އެހީތެރިވުމެވެ.

އޭއައިއާ ކުރާ މުއާމަލާތެއްގައި އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ ބަސްތަކެއް ނުވަތަ ޝުއޫރުތަކެއް ފާޅުކޮށްފިނަމަ، އޭއައިއިން އެކަން ދެނެގަންނާނެއެވެ. އަދި އެއާއެކު، އެ ކުއްޖެއްގެ އެކައުންޓާ ގުޅިފައިވާ ބެލެނިވެރިންގެ "ފެމިލީ ސެންޓަރު" މެދުވެރިކޮށް ބެލެނިވެރިންނަށް އެލާޓެއް ފޮނުވާނެއެވެ. މީގެ އިތުރުން، އެފަދަ ހާލަތްތަކުގައި ކުދިންނަށް ބޭނުންވާނެ އެހީތެރިކަމާއި، ގުޅޭނެ ހޮޓްލައިން ނަންބަރުތައް ފަދަ ވަސީލަތްތައްވެސް އޭއައި މެދުވެރިކޮށް އެ ކުއްޖަކަށް ފޯރުކޮށްދޭނެއެވެ.

މި ނިޒާމު މަސައްކަތްކުރަނީ "ސޭފްގާޑް" ތަކެއްގެ އެހީގައެވެ. މެޓާއިން ބުނާ ގޮތުގައި، އޭއައިއިން ދެނެގަންނާނީ ހަމައެކަނި ނުރައްކާތެރިކަމުގެ ނިޝާންތަކެވެ. ކުދިން ކުރާ ހުރިހާ މެސެޖުތަކެއް ބެލެނިވެރިންނަށް ފެންނާކަށް ނުހުންނާނެއެވެ. މިއީ ކުދިންގެ ޕްރައިވަސީ ނުވަތަ އަމިއްލަ މިނިވަންކަމަށް އިހުތިރާމްކުރަމުން، އެކުދިންގެ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތްތަކުގައި އެހީތެރިވުމަށް އެކުލަވާލާފައިވާ އުސޫލެކެވެ.



އަމިއްލަ ނަފްސަށް ގެއްލުދޭ ވާހަކަތައް ހިއްސާކޮށްފައިވާ ޗެތްލޮގްތަކުގެ ސްކްރީންށޮޓުތަކެއް


މި ފިޔަވަޅަކީ ސޯޝަލް މީޑިއާގެ ސަބަބުން ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް މެޓާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެކެވެ. ޚާއްޞަކޮށް، ފުރާވަރުގެ ކުދިންނަކީ ނަފްސާނީ ގޮތުން ނާޒުކު ބަޔަކަށް ވާތީ، ޓެކްނޮލޮޖީގެ އެހީގައި މިފަދަ ކަންކަން ދެނެގަނެވުމަކީ ބެލެނިވެރިންނަށް ލިބޭ ބޮޑު ހިތްހަމަޖެހުމަކަށް ވާނެއެވެ.

މެޓާގެ މި އާ ފީޗާއަކީ އޭއައިގެ ބޭނުން ހެޔޮގޮތުގައި ހިފައި، މުޖުތަމައުގެ އެންމެ ނާޒުކު ފަންތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު ރަނގަޅު ފިޔަވަޅެކެވެ. މިއީ ބެލެނިވެރިންނާއި ކުދިންނާ ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށް، ބޭނުންޖެހޭ ވަގުތު އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު