ނިވާކަންމަތީ ހުރުމަކީ ރީތިކަން ގެއްލުމެއް ނޫން، އެއީ ރީތިކަން ރައްކާތެރިކުރުން
ނިވާކަންމަތީ ހުރުމަކީ ރީތިކަން ގެއްލުމެއް ނޫން، އެއީ ރީތިކަން ރައްކާތެރިކުރުން
މިއަދުގެ ދުނިޔޭގައި ރީތިކަން މިނަނީ ހަމައެކަނި ބޭރުފުށުގެ ސިފަތަކަށެވެ. މީސްމީޑިއާގެ ޒަރީއާއިން، މީހުންގެ ސަމާލުކަން ހޯދުމަށްޓަކައި ހެދުން އެޅުމުގެ އުސޫލުތައް މުޖުތަމައުގައި ވަނީ ބަދަލުވެފައެވެ. މިފަދަ ދަނޑިވަޅެއްގައި، މުސްލިމް މައިންބަފައިން އިސްލާމީ ރިވެތި އުސޫލުތައް ދަރިންނަށް ދަސްކޮށްދިނުމަކީ ނުހަނު މުހިންމު ކަމެކެވެ.

އަންހެން ދަރިންނަށް ދަސްކޮށްދޭންވީ، ހަށިގަނޑު ނިވާކުރުމަކީ ރީތިކަން ގެއްލިގެންދާ ކަމެއް ނޫން ކަމެވެ. އެއީ އެކަނބަލުންގެ ރީތިކަން ހިމާޔަތްކޮށް، ގަދަރާއި އިއްޒަތް ދަމަހައްޓައި، ﷲގެ އަމުރުފުޅަށް ކިޔަމަންތެރިވުމެވެ. ހަގީގީ ރީތިކަމަކީ ލަދުވެތިކަމުގެ ސަބަބުން އުނިވާ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި، ލަދުވެތިކަމަކީ އީމާންތެރިކަމާއި، އަމިއްލަ ނަފްސަށް އޮންނަ އިހުތިރާމާއި، ސާބިތުކަމުގެ ރަމްޒެކެވެ.

ކީރިތި ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ މިކަމަށް އަމުރުކުރަށްވާފައެވެ:

"އަދި މުއުމިން އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތްތެރިކަމުގެ ތެރެއިން ފާޅުވެގެންވާ މިންވަރު ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތްތެރިކަން ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައި ނިވާކުރާހުށިކަމެވެ!" (ސޫރަތުއް ނޫރު: 31)

އަދިވެސް ވަހީކުރަށްވާފައިވެއެވެ:

"އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ދަރިދަރިކަނބަލުންނާއި، މުއުމިންތަކުންގެ އަންހެނުން، އެކަނބަލުންގެ ބޭރު ފޭރާންތަކުން އެކަނބަލުންގެ ހަށިގަނޑު ނިވާކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އެކަނބަލުންނަކީ (މިނިވަން ތަގުވާވެރި އަންހެނުންކަން) އެނގިގެންވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑެވެ. ﷲއީ، ގިނަގިނައިން ފާފަފުއްސަވާ، ރަހީމްވަންތަ ރަސްކަލާނގެއެވެ." (ސޫރަތުލް އަޙްޒާބް: 59)

މިއީ ހަމައެކަނި ސަގާފީ އާދަކާދައެއް ނުވަތަ މީހެއްގެ އަމިއްލަ ހިޔާލެއް ނޫނެވެ. މިއީ އަޅުތަކުންނަށް އެންމެ ފައިދާހުރި ގޮތް މޮޅަށް ދެނެވޮޑިގެންވާ އަހަރެމެންގެ ހާލިގުވަންތަ ރަސްކަލާނގެ އަމުރުފުޅުތަކެވެ. އިސްލާމްދީނުގެ ކޮންމެ އަމުރެއްގައިވެސް ބޮޑުވެގެންވާ ހިކުމަތެއްވެއެވެ.

ކައު އިތުރު ރަސޫލާ ﷺ ހަދީޘްކުރެއްވިއެވެ:

"ލަދުވެތިކަމަކީ އީމާންކަމުގެ ތެރެއިންވާ ކަމެކެވެ." (ބުޚާރީ އަދި މުސްލިމް) އަދިވެސް ހަދީޘްކުރެއްވިއެވެ: "ކޮންމެ ދީނަކަށްވެސް ހާއްސަ ސިފައެއްވެއެވެ. އިސްލާމްދީނުގެ ހާއްސަ ސިފައަކީ ލަދުވެތިކަމެވެ." (އިބްނު މާޖާ)

މި އިރުޝާދުތަކުން އެނގެނީ ލަދުވެތިކަމަކީ ހަމައެކަނި އަޅާ ހެދުމުން ފާޅުވާ ކަމެއް ނޫން ކަމެވެ. އެއީ އަހަރެމެންގެ ބަސްމަގާއި، އަމަލުތަކާއި، އަހުލާގާއި، މީސްތަކުންގެ ކުރިމަތީގައާއި ﷲގެ ހަޟްރަތުގައި އަހަރެމެން އުޅޭ އުޅުމުން ފާޅުވާންޖެހޭ ސިފައެކެވެ.

މައިންބަފައިންގެ ޒިންމާއަކީ މި މަތިވެރި ސިފަތައް އޯގާތެރިކަމާއި، ހިކުމަތްތެރިކަމާއެކު ދަރިންނަށް އުނގަންނައިދިނުމެވެ. ނިވާކަންމަތީ ހުރުމަކީ ބުރައެއް ނޫންކަމާއި، އެއީ އަޅުކަމެއްގެ ގޮތުގައި ދަރިންނަށް ވިސްނައިދޭންޖެހެއެވެ. ހަމައެފަދައިން، ފިރިހެން ދަރިންނަށްވެސް އެކަނބަލުންނަށް އިހުތިރާމްކުރުމަށާއި، ބެލުންތައް ތިރިކުރުމަށް ދަސްކޮށްދޭން ޖެހެއެވެ. ދުނިޔެއަކީ ވަގުތީ ތަނެކެވެ. އަހަރެމެންގެ ރީތިކަމާއި، ޒުވާންކަމާއި، މުދަލަކީ ކޮންމެވެސް ދުވަހަކުން ނެތިގެންދާނެ ތަކެއްޗެވެ. އަހަރެމެން ކޮންމެ މީހަކުވެސް ﷲގެ ހަޟްރަތަށް ރުޖޫޢަވާންޖެހޭނެއެވެ. އެ ދުވަހުން މީހުންގެ ސަމާލުކަން ހޯދުމަށް އެޅި ހެދުންތަކާއި ފެޝަންތަކުގެ އެއްވެސް ފައިދާއެއް ނޯންނާނެއެވެ. ފައިދާ ކުރާނީ ހަމައެކަނި އަހަރެމެންގެ އީމާންތެރިކަމާއި، އިހުލާސްތެރިކަމާއި، ﷲގެ އަމުރުފުޅުތަކަށް ކިޔަމަންވި މިންވަރަކުންނެވެ.

ޤުރުއާނުގައި މާތް ﷲ ވަހީކުރައްވާފައިވެއެވެ:

"އެއީ މުދަލެއްވިޔަސް އަދި ދަރިންވިޔަސް އެއްވެސް ފައިދާއެއް ނުކުރާނޭ ދުވަހެވެ. ސަލާމަތްތެރި ހިތަކާއިގެން ﷲގެ ހަޟްރަތަށް އައި މީހަކަށް މެނުވީއެވެ." (ސޫރަތުއް ޝުޢަރާއު: 88-89)

ދުނިޔެއަކީ އިމްތިހާނެކެވެ. އަހަރެމެން ކުރާ ކޮންމެ ކަމަކީ ﷲގެ ރުހިވޮޑިގަތުމާ ގާތްކޮށްދޭ ނުވަތަ އެކަލާނގެ ކޯފާއާ ކައިރިކޮށްދޭ ކަމެކެވެ. ރީތިކަމަކީ ނިއުމަތެކެވެ. އެހެންކަމުން އެ ނިއުމަތް ބޭނުންކުރަންވާނީ ﷲ ރުހިވޮޑިގަންނަވާ ގޮތަށެވެ.

އެހެންކަމުން އަހަރެމެންގެ ދަރިންނަކީ މީސްތަކުންގެ ރުހުމަށްވުރެ ﷲގެ ރުހިވޮޑިގަތުން އިސްކުރާ ބަޔަކަށް ހަދަމާ ހިނގާށެވެ. ނިވާކުރުމަކީ އަގުހުރި އެއްޗެއް ރައްކާތެރިކުރުންކަން ދަރިންނަށް ބުނެދެމާ ހިނގާށެވެ. ދުޢާއަކީ ﷲ އަހަރެމެންގެ ދަރިންނަށް ތައުފީގު ދެއްވައި، އެކުދިންނަކީ ލަދުވެތި، އީމާންތެރި، ސާބިތުކަންމަތީ ތިބޭ ބަޔަކު ކަމުގައި ލެއްވުމެވެ. އާމީން.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް