ޕީއެންސީ އިންތިހާބުގެ ތެރެއިން ހިންގި މާރާމާރީ-
ޕީއެންސީ އިންތިހާބުގެ ތެރެއިން ހިންގި މާރާމާރީ-
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި އެތެރޭގެ އިންތިޚާބުގެ ތެރެއިން ހުޅުމާލެ ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އެ ސްކޫލަށް ލިބުނު ގެއްލުންތަކުގެ ޒިންމާ އެ ޕާޓީން އުފުލައިފިއެވެ.

ޖުލައި މަހުގެ 11 ވަނަ ދުވަހު ބޭއްވި މި އިންތިޚާބުގައި ހުޅުމާލެ އުތުރު ދާއިރާގެ ވޯޓު ފޮށި ބަހައްޓާފައި ހުރީ ކާމިލް ދީދީ ސްކޫލުގައެވެ. ވޯޓުލުމުގެ ތެރެއިން ހިނގި ހަމަނުޖެހުމުގައި އެ ސްކޫލުގެ މުދަލަށް ވަނީ އެކިވަރުގެ ގެއްލުންތައް ވެފައެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ސްކޫލުގެ އެއް ދޮރުފަތުގެ ބިއްލޫރިގަނޑު ތަޅައިގެން ދިއުމުގެ އިތުރުން، އެ ތަނުގެ ސައުންޑް ސިސްޓަމަށްވެސް ގެއްލުން ލިބިފައިވާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ގެއްލުންތަކުގެ ޒިންމާ ޕީއެންސީން މިހާރު އުފުލާފައިވާ ކަމަށާއި، ލިބުނު ގެއްލުންތަކަށް ބަދަލު ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ޕާޓީން ދީފައިވާ ކަމަށެވެ.

ޕީއެންސީގެ މެންބަރުންގެ މެދުގައި ހިނގި މި ހަމަނުޖެހުމާއި މާރާމާރީގެ މައްސަލަ ފުލުހުން މިހާރު ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

މި ހަމަނުޖެހުމުގެ ތެރޭގައި ބައެއް ފަރާތްތަކުން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ފުލުހުންގެ ގަޔަށް އަތްލައި ކޮށްޕާފައިވާކަން ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯތަކުން ފެނެއެވެ.



ކިޔުންތެރިންގެ ހިޔާލު