އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު
ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކޮށް ޑޮލަރުގެ އަގު ހިފެހެއްޓުމަށްޓަކައި އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ހުއްޓާލަން ނުޖެހޭނެ ކަމަށާއި، ބޭނުންވަނީ ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކޮށް ބޭކާރު ޚަރަދުތައް ކުޑަކުރުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ، ރާއްޖޭގެ މާލީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި މިވަގުތު ހިންގަމުންދާ އުމްރާނީ ތަރައްޤީގެ ހުރިހާ މަޝްރޫޢުތަކެއް ވަގުތީ ގޮތުން ހުއްޓާލަންޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން، އެކަމަށް ރައްދު ދެއްވައި ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައެވެ.

މޫސަ ވިދާޅުވީ ޑޮލަރުގެ އަގު ތިރިކުރުމުގެ ނަމުގައި ތަރައްޤީގެ މަސައްކަތްތައް ހުއްޓާލުމުގެ ބަދަލުގައި، ވިޔަފާރިތައް ހިނގަނީ ޤާނޫނީ އިމުގެ ތެރެއިންތޯ ބަލަންޖެހޭ ކަމަށެވެ. އަދި އިމްޕޯޓް ކުރުމުގައި ސަރުކާރާއި ވިޔަފާރިވެރިން އެއްގަލަކަށް އެރުވުމަށްޓަކައި 'ޗޭމްބަރ އޮފް ކޮމާސް' އަލުން ހަރަކާތްތެރި ކުރުވަން ޖެހޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ދައުލަތުގެ މާލީ ކަންކަމުގައި ސިޔާސީ މަދު ބައެއްގެ ވިސްނުމަށްވުރެ، ޒަމާންވީ ވިޔަފާރިތަކުގައި ޓެކްސް ދައްކަން ތިބޭ ފަރާތްތަކުގެ ބަސް އަހަންޖެހޭ،" މޫސަ ވިދާޅުވިއެވެ.

ބޭރު ފައިސާ ރާއްޖޭގައި ހިފެހެއްޓުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކެއް ބޭނުންވާކަން ފާހަގަކުރައްވަމުން މޫސަ ވިދާޅުވީ، ރައްޔިތުންގެ ބޭސްފަރުވާގެ ބަޖެޓުގެ 80 އިންސައްތަ ކޮންމެ އަހަރަކު އަވައްޓެރި ޤައުމުތަކަށް ހޭދަކުރުމުގެ ބަދަލުގައި، ރާއްޖޭގެ ބޮޑެތި ރަށްރަށުގައި ހަސްފަތާލުތައް ތަރައްޤީކޮށް، ބޭނުންވާ ޑަކްޓަރުންނާއި މެޝިނަރީޒް ގެނެސްގެން ރާއްޖޭގައި ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭ ކަމަށެވެ. މިއީ ބޭރު ފައިސާ ސަލާމަތްކުރުމަށް އޮތް މުހިންމު މަގެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދިވެހިން ފިޔަވައި ބޭރު ބަޔަކު ކުރުން ހުއްޓުވަން ޖެހޭ ކަމަށާއި، ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ކުރާ ވިޔަފާރިތަކުން ލިބޭ ފައިސާގެ ވަކި މިންވަރެއް މަރުކަޒީ ބޭންކު (އެމް.އެމް.އޭ) ގައި ޑިޕޮސިޓް ކުރަން މަޖުބޫރު ކުރަންޖެހޭ ކަމަށްވެސް މޫސަ ވިދާޅުވިއެވެ. އަދި ދިވެހިންގެ ނަން ބޭނުންކޮށްގެން ބޭރު މީހުން ކުރާ 'ބިނާމީ' ވިޔަފާރިތައް ދެނެގަނެ، އެފަރާތްތަކަށް ފިޔަވަޅު އެޅޭނެ ޤާނޫނީ ނިޒާމެއް ހިންގުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

މޫސަ ވިދާޅުވީ، އިޤްތިޞާދު ދެމެހެއްޓުމުގައި އަމިއްލަ އެދުމާއި ސިޔާސީ ފިކުރު އިސްކުރާ ވެރިންނަށްވުރެ، ޤައުމު އިސްކުރާ ބަޔަކު ތިބެގެން ނޫނީ ޑޮލަރުގެ އަގު ތިރިނުކުރެވޭނެ ކަމަށެވެ. "ކޮންމެ ޑޮލަރެއްގެ ފަހަތަކު ފުލުހެއް ނުބެހެއްޓޭނެ،" ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލް ކުރުމުގައި ހަމައެކަނި ބާރުގެ ބޭނުންކުރުމުގެ ބަދަލުގައި ސިޔާސަތުތައް އިޞްލާޙުކުރުމުގެ މުހިންމުކަން ހާމަކުރައްވަމުން މޫސަ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު