މަޖިލިސް އިދާރާ-
މަޖިލިސް އިދާރާ-
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ، މަޖިލީހުގެ މަސައްކަތްތައް ހުއްޓުވައި މަޖިލީހުގައި "ތަޅުއަޅުއްވާފައިވާ" ކަމަށް ތުހުމަތުކުރައްވައި، ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު ޝަމްހީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޝަމްހީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު މަޖިލީހުގެ ޖަލްސާއެއް އޮންނާނެކަން ނުވަތަ ނޫންކަންވެސް ރަސްމީކޮށް އަންގާފައި ނުވާ ކަމަށެވެ.

އަދި މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހަފުތާގެ އެއްވެސް ދުވަހެއްގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައި ނުވާކަން ފާހަގަކުރައްވައި ޝަމްހީދު ވިދާޅުވީ، މަޖިލީހުގެ ރައީސް މިގޮތަށް އަމަލުކުރެއްވުމަކީ ސަރުކާރު ޖަވާބުދާރުކުރުވުމަށް އޮތް ޤާނޫނީ ޒިންމާއަށް ހުރަސްއެޅުން ކަމަށާއި، މިއީ ޤާނޫނުއަސާސީގެ ބާރު ކަނޑުވާލުން ކަމަށެވެ.

ސަރުކާރު ޖަވާބުދާރުކުރުވުމަށްޓަކައި އެމް.ޑީ.ޕީގެ ޕާލަމެންޓްރީ ގްރޫޕުން މިހާރުވެސް ގިނަ މުހިންމު ކަންތައްތަކެއް މަޖިލީހަށް ހުށަހަޅާފައިވާކަން ޝަމްހީދު ފާހަގަކުރެއްވިއެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކުން 13,000 އަށްވުރެ ގިނަ މުވައްޒަފުން ވަކިކުރަމުންދާ މައްސަލައާއި، ސިއްރިއްޔާތުގައި ފަށާފައިވާ "ޕާލް ވިސާ" އާ ގުޅޭ މައްސަލައިގެ އިތުރުން ވަޒީރުންނާ ސުވާލުކުރުމަށް 60 އަށްވުރެ ގިނަ ސުވާލު ހުށަހަޅާފައިވާކަން އޭނާ ހާމަކުރެއްވިއެވެ.

މެމްބަރު ޝަމްހީދު އިތުރަށް ވިދާޅުވީ، މަޖިލީސް ހުއްޓުވައިގެން ސަރުކާރުން ހަދަމުންދާ ގޯސްތައް ފޮރުވިދާނެ ކަމަށް ބެލުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. ރައްޔިތުންނާ ގުޅުންހުރި މިފަދަ މުހިންމު މައްސަލަތައް މަޖިލީހުގައި ހުރި ނަމަވެސް، ޖަލްސާތައް ނުބާއްވައި ބޭއްވުމަކީ ޑިމޮކްރެޓިކް ނިޒާމުގެ ތަރުތީބު ގެއްލިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު