ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގައި ބައިވެރިވުމަށް މިހާތަނަށް 350 އަށްވުރެ ގިނަ ފަރާތުން އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހާމަކޮށްފިއެވެ.

މިއީ މިދިޔަ އަހަރުގެ އެކްސްޕޯގައި ބައިވެރިވި 240 ފަރާތާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.

މި މައުރަޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަތްތެރި މަސައްކަތްތެރިންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ޑިޖިޓަލް އުފެއްދުންތެރިންގެ އިތުރުން އައު އީޖާދުތައް ކުރާ ފަރާތްތަކުގެ ހުނަރާއި އުފެއްދުންތައް ދައްކާލުމަށް ޤައުމީ ފެންވަރުގައި ބާއްވާ މުހިންމު ހަރަކާތެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރަކީ "އުފެއްދުންތެރިކަމުގެ އަހަރު" ގެ ގޮތުގައި ކަނޑައަޅުއްވާފައިވާތީ، ބީސީސީގެ އަމާޒަކީ މިއަހަރުގެ މައުރަޒަކީ ދިވެހި އުފެއްދުންތެރިންނަށް އެފަރާތްތަކުގެ މަސައްކަތްތައް މާކެޓުކޮށް އިޝްތިހާރުކުރުމަށް ލިބޭނެ އެންމެ ފަހި ފުރުޞަތަށް ހެދުމެވެ.

ޖުމްލަ 16 ދާއިރާއަކުން 73 ގިންތިއެއްގައި އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމުގެ ފުރުޞަތު މި މައުރަޒުގައި ވަނީ ހުޅުވާލާފައެވެ. މީގެ ތެރޭގައި އުމުރުން 13 އަހަރުން މަތީގެ ދިވެހިންނާއި، އަމިއްލަ ވިޔަފާރިތަކާއި، ސަރުކާރު ކުންފުނިތަކުގެ އިތުރުން ތަޢުލީމީ މުއައްސަސާތަކާއި ކައުންސިލްތަކަށް ވެސް ބައިވެރިވެވޭނެއެވެ. އަދި ޚާއްޞަ އިސްކަމެއްގެ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް މި މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ.

އަންނަ އޮކްޓޫބަރު މަހުގެ 23 އިން 31 އަށް ކުރިއަށްގެންދާ މި މައުރަޒުގައި ބައިވެރިވުމުގެ އެންމެ ފަހު ސުންގަޑިއަކީ އޮގަސްޓް މަހުގެ 31 ވަނަ ދުވަހެވެ. ބައިވެރިވާން އެދޭ ފަރާތްތަކުން އެކްސްޕޯ.އެމްވީ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. ބީސީސީން ވަނީ މައުރަޒުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެންމެ ފަހު ވަގުތަށް މަޑުނުކޮށް، ވީހާވެސް އަވަހަށް ރަޖިސްޓްރީ ކުރުމަށް އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު