ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވެފައި-
ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވެފައި-
ހދ. ހަނިމާދޫ ބަނދަރުގައި އަޅާފައި އޮތް ލޯންޗެއްގައި ރޭ ދަންވަރު އަލިފާނުގެ ހާދިސާއެއް ހިނގައި، އެ އުޅަނދުގައި ތިބި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 12:20 އެހާއިރުއެވެ. މި ހާދިސާ ހިނގި އިރު ލޯންޗުގައި ތިބީ އޭގެ ކެޕްޓަނާއި ފަޅުވެރިއެކެވެ.

މި ހާދިސާގައި ލޯންޗުގެ ކެޕްޓަނަށާއި ފަޅުވެރިޔާއަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު، ދެ މީހުންނަށްވެސް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ހަނިމާދޫ ސިއްހީ މަރުކަޒުގައެވެ.

ފަޅުވެރިޔާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. ނަމަވެސް، ކެޕްޓަނަށް ލިބިފައިވާ އަނިޔާތައް ސީރިއަސްވުމާ ގުޅިގެން، އިތުރު ފަރުވާއަށް އޭނާ މިހާރު ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

އަލިފާނުގެ މި ހާދިސާގައި ލޯންޗު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. ލޯންޗުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

ފުލުހުން ގެންދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު