މަރްޔަމް ނަހްދާ ވަޙީދު   23 ޖުލައި 2026 - 9:4
އިންސާނާގެ ހަށިގަނޑުގެ ބަރުދަނާއި ބައްޓަމަކީ ހަމައެކަނި ބޭރުފުށުގެ ރީތިކަމާ ގުޅިފައިވާ ކަމެއް ނޫނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ބަނޑުގައި ސަރުބީ ޖެހުމަކީ ނުވަތަ "ބެލީ ފެޓް" އަކީ ސިކުނޑީގެ މަސައްކަތްތަކަށާއި ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ. މަޝްހޫރު ނިއުރޮލޮޖިސްޓް ޑރ. ސުދީރު ކުމާރު ހާމަކުރައްވާ ގޮތުގައި، އުނަގަނޑަށް ފައިދާހުރި ކޮންމެ ކަމަކީ ސިކުނޑިއަށް ވެސް އޮތް ފައިދާއެކެވެ.

ބަނޑުގެ ސަރުބީ ނުވަތަ "ވިސެރަލް ފެޓް" އަކީ ހަށިގަނޑުގެ އެތެރެހަށީގެ ގުނަވަންތަކުގެ ވަށައިގެން ޖަމާވާ ސަރުބީއެވެ. މި ބާވަތުގެ ސަރުބީއަކީ ހަމައެކަނި ހަކަތަ ރައްކާކުރާ އެއްޗެއް ނޫނެވެ. މިއީ ހަށިގަނޑުގައި އިންފްލެމޭޝަން ނުވަތަ ދުޅަވުން އުފައްދާ މާއްދާތައް ބޭރުކުރާ "އެކްޓިވް" އެއްޗެކެވެ. މި މާއްދާތައް ލޭގެ ތެރެއިން ސިކުނޑިއަށް ދަތުރުކޮށް، ސިކުނޑީގެ ސެލްތަކަށް ގެއްލުންދީ، ސިކުނޑި ހިިނދުމަށް މެދުވެރިކުރުވައެވެ.

ޑރ. ސުދީރު ފާހަގަކުރައްވާ ގޮތުގައި، ބަނޑު ބޮޑުވުމަކީ ސިކުނޑީގެ މަރުކަޒީ ބައިތަކުގެ ވޮލިއުމް ކުޑަވުމާ ގުޅިފައިވާ ކަމެކެވެ. ޚާއްޞަކޮށް ހަނދާން ބަލިވުމާއި، ވިސްނުމުގެ ބާރު ދަށްވުމާއި، އަދި އުމުރުން ދުވަސްވާއިރު ޑިމެންޝިއާ ނުވަތަ އަލްޒައިމަރ ފަދަ ބަލިތަކަށް މަގުފަހިވުމުގެ ފުރުސަތު ބަނޑުގައި ސަރުބީ ގިނަ މީހުންގެ ބޮޑެވެ. މީގެ އިތުރުން، ބަނޑުގެ ސަރުބީ ގިނަވުމަކީ ލޭގެ ހަކުރު މަތިވުމާއި ލޭގެ ޕްރެޝަރު މަތިވުމަށް މެދުވެރިވާ ކަމަކަށް ވާއިރު، މިއީ ސިކުނޑީގެ ލޭހިނގުމަށް ބުރޫއަރުވާ ކަންކަމެވެ.

މި ނުރައްކަލުން ސަލާމަތްވުމަށްޓަކައި ޑރ. ސުދީރު އިރުޝާދު ދެއްވަނީ އުނަގަނޑުގެ ވަށައިގެންވާ ސަރުބީ މަދުކުރުމަށެވެ. މިގޮތުން ހަކުރު ގިނަ ކާތަކެއްޗާއި މެދުކެނޑުމެއްނެތި ކެއުން މަދުކުރުމަކީ މުހިންމު ކަމެކެވެ. ގަވާއިދުން ކަސްރަތު ކުރުމާއި، ފައިބަރު ގިނަ ކާނާ ބޭނުންކުރުމަކީ ބަނޑުގެ ސަރުބީ ވިރުވައިލުމަށް އެހީތެރިވެދޭނެ ކަންކަމެވެ. ހަށިގަނޑުގެ ބަރުދަން އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަކީ ހަމައެކަނި ހަކުރުބައްޔާއި ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދޭ ކަމެއް ނޫނެވެ. އެއީ ސިކުނޑީގެ ތޫނުފިލިކަމާއި ހަނދާން ވަރުގަދަކުރުމަށްވެސް އޮތް އެންމެ ފަހި މަގެވެ.

"އުނަގަނޑަށް ރަނގަޅު ކޮންމެ ކަމަކީ ސިކުނޑިއަށް ވެސް ރަނގަޅު ކަމެކެވެ." ހަށިގަނޑުގެ މެދުހަށި ފަލަވިޔަނުދީ ހިފެހެއްޓުމަކީ އުމުރުން ދުވަސްވާއިރު ސިކުނޑީގެ ބަލިތަކުން ދުރުވުމަށް އެޅޭނެ އެންމެ ވަރުގަދަ އެއް ފިޔަވަޅެވެ. އެހެންކަމުން، ދުޅަހެޔޮ ދިރިއުޅުމަކަށްޓަކައި ކެއިންބުއިމާއި ކަސްރަތަށް ސަމާލުކަން ދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު