ރައީސުލްޖުމްހޫރިއްޔާ މިސްރު ސަފީރާ ބައްދަލު ކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ މިސްރު ސަފީރާ ބައްދަލު ކުރެއްވުން
މީހުން ބިނާކުރުމުގެ ދާއިރާއިން ރާއްޖެއަށް މިސްރުންދޭ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރަށްވައިފިއެވެ.

ރައީސް މިހެން ވިދާޅުވީ، މިޞްރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސަލަންސީ ޢާދިލް އިބްރާހީމް، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރު ހަމަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު ކުރެއްވި ވަދާޢީ ޒިޔާރަތުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަފީރު ޢާދިލް އިބްރާހީމްގެ ސަފީރުކަމުގެ ދައުރުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެއްވި މުހިންމު މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެކަމަށް ތައުރީފު ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއާއި މިޞްރާ ދެމެދު އޮތް ޒަމާންވީ ރަޙުމަތްތެރިކަމުގެ ގުޅުމުގެ އަގުވަޒަން ކުރަށްވާފައެވެ. ޚާއްޞަކޮށް، މީހުން ބިނާކުރުމުގެ ދާއިރާއިން މިޞްރު ސަރުކާރުން ދިވެހި ދަރިވަރުންނަށް ދެއްވަމުންދާ މަތީ ތަޢުލީމުގެ ސްކޮލަރޝިޕް ފުރުޞަތުތަކަށާއި، މިޞްރުގެ ޞިއްޙީ ދާއިރާގެ މާހިރުން ރާއްޖޭގައި ކުރައްވަމުންދާ ޚިދުމަތްތަކަށްޓަކައި އެ ޤައުމުގެ ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައިވެސް މިޞްރާ ގުޅިގެން މަސައްކަތްކުރެއްވުމުގެ ބަދަހި ޢަޒުމުގައި ހުންނެވިކަން ރައީސް ހާމަކުރެއްވިއެވެ. އެގޮތުން ޘަޤާފީ ދާއިރާއާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން، ތަޢުލީމީ އަދި ސަލާމަތީ ދިފާޢީ ދާއިރާއިން ދެ ޤައުމު ގުޅިގެން މަސައްކަތްކުރުންމަތީ ދެމިތިބޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ރާއްޖެއާއި މިޞްރާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން ކުރިމަގުގައި އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމަށް ދެ ފަރާތުންވެސް ފުރިހަމައަށް މަސައްކަތް ކުރަށްވާނެކަމުގެ އިތުބާރު އައުކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު