ހުޅުމާލޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ބަނގުރާ ދަޅުތަކަކާއެކު ހައްޔަރުކުރި ޒުވާނާގެ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ދީފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ އަމާން އިބްރާހީމް (ހމ. ހިޔާ 4-18-15) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމުން މިއަދު ކުރިއަށް ގެންދިޔަ ހާއްސަ މަސައްކަތެއްގެ ތެރެއިންނެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގުޅޭ ސަރަހައްދުގައި އޮންނަ ވެމްކޯ ބުރިޖު ކައިރީގައެވެ. ފުލުހުން ބުނި ގޮތުގައި އަމާން ހައްޔަރުކޮށް، އޭނާ ބަލައިފާސްކުރިއިރު 24 ދަޅު ބަނގުރާ ފެނިފައިވެއެވެ. މި ތަކެތި ފެނިފައިވަނީ އޭނާ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް ހުއްޓުވައި ފާސްކުރުމުގެ ތެރޭގައެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ތަހުގީގަށްޓަކައި އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު