އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް
އައްޑޫ ސިޓީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ސަވާހިލި، ސިޓީ ކައުންސިލާއި ރައްޔިތުންގެ އެއްވެސް މަޝްވަރާއެއް ނެތި ވަކިކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލާމަރުކަޒީ ނިޒާމުގެ އަސާސްތަކާ ޚިލާފަށް އަދި އައްޑޫގެ ރައްޔިތުންގެ ނިންމުންތަކާ ދެކޮޅަށް ކުރެއްވި ކަމެއް ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރަށްތަކާއި ސިޓީތަކުގެ އިޚްތިޞާޞް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވަނީ ޤާނޫނީ އިމުގެ ތެރެއިންނެވެ. އަދި އެފަދަ ނިންމުމެއް ނިންމަވަންވާނީ ކަމާބެހޭ ރަށެއް ނުވަތަ ސިޓީއެއްގެ ރައްޔިތުންގެ ލަފަޔާއި މަޝްވަރާގެ މަތިންކަން ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާކަން އެ ޕާޓީން ހަނދާންކޮށްދީފައިވެއެވެ.

އައްޑޫ ސިޓީ ކައުންސިލުން 5 އަހަރުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި، ރައްޔިތުންގެ ބައިވެރިވުމެއް ނެތި ސަވާހިލި ވަކިކުރުމަކީ އައްޑޫގެ ތަރައްޤީއަށް ކުރިމަތިކުރުވި ހުރަހެއް ކަމަށް އެމްޑީޕީން ސިފަކުރެއެވެ. ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ލާޒިމުކުރާ އެންމެ އިސް އެއް މަސްއޫލިއްޔަތަކީ ރައްޔިތުންނާ މަޝްވަރާކޮށްގެން ތަރައްޤީގެ ޕްލޭނާއި ބިނާވެށި ޕްލޭން އެކުލަވާލުންކަންވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، މި ސަރުކާރަށް ވޭތުވެދިޔަ މުއްދަތުގައި އައްޑޫއަށް އެދެވޭ ކުރިއެރުމެއް ހޯދައިދެވިފައި ނުވިނަމަވެސް، އައްޑޫ ސިޓީ ކައުންސިލުން ރައްޔިތުންގެ އަޑުއަހައިގެން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާކަން ފާއިތުވި އިންތިޚާބުގެ ނަތީޖާއިން ހާމަވާ ކަމަށް އެމްޑީޕީން ބުނެއެވެ. އަދި ޕްލޭންތަކަށް ބަދަލު ގެނައުމުގައި ރައްޔިތުންގެ މަޝްވަރާ ބޭނުންވާނެ ކަމަށް ޤާނޫނުގައި އޮތުމުގެ މާނައަކީ، އިޚްތިޞާޞަށް ބަދަލު ގެނައުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ހިތުހުރި ގޮތަކަށް ބޭނުން ނުކުރެއްވޭނެކަން ކަމުގައިވެސް އެ ޕާޓީން ބުނެފައިވެއެވެ.

އެމްޑީޕީގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ، ކައުންސިލްތަކަކީ އަމިއްލަ ނިންމުންތައް ނިންމުމުގެ ޤާނޫނީ ބާރު ލިބިފައިވާ މުއައްސަސާތަކެއް ކަމަށާއި، ރައްޔިތުންގެ އަޣުލަބިއްޔަތުން އިންތިޚާބުކޮށްފައިވާ އައްޑޫ ސިޓީ ކައުންސިލުގެ ނިންމުންތަކަށް ސަރުކާރުން އިޙްތިރާމްކުރަންޖެހޭނެ ކަމަށެވެ. އަދި ލާމަރުކަޒީ ޤާނޫނަށް ފުރިހަމައަށް ބޯލަނބައި، ރައްޔިތުން ބޭނުންވާ ތަރައްޤީއަށް ހުރަސްނޭޅުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު