އިންސާނާގެ ހަށިގަނޑުގެ އެންމެ މުހިންމު އެއް ގުނަވަނަކީ ސިކުނޑި
އިންސާނާގެ ހަށިގަނޑުގެ އެންމެ މުހިންމު އެއް ގުނަވަނަކީ ސިކުނޑި
އިންސާނާގެ ހަށިގަނޑުގެ އެންމެ މުހިންމު އެއް ގުނަވަނަކީ ސިކުނޑިއެވެ. އަޅުގަނޑުމެން ކުރާ ކޮންމެ ކަމަކާއި، ކުރާ ކޮންމެ އިހުސާސެއް ކޮންޓްރޯލް ކުރަނީ ސިކުނޑިންނެވެ. ނަމަވެސް، އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާދަކާދަތައް ހުންނަ ގޮތުން ނޭނގި ނަމަވެސް ސިކުނޑިއަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެއެވެ. ނިއުރޯސާޖަންއެއް ހާމަކޮށްފައިވާ ގޮތުގައި، ދިރިއުޅުމުގެ ތެރޭގައި ހިމެނޭ ބައެއް އާދަތަކުގެ ސަބަބުން ސިކުނޑީގެ މަސައްކަތްތަކަށް ހުރަސްއެޅި، ދިގު މުއްދަތުގައި ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވެއެވެ.

ސިކުނޑިއަށް ގެއްލުންދޭ އެންމެ ބޮޑު އެއް ކަމަކީ ނިދި މަދުވުމެވެ. ރޭގަނޑުގެ ވަގުތަކީ ސިކުނޑީގައި ހުންނަ ބޭކާރު މާއްދާތައް (ޓޮކްސިންސް) ސާފުކޮށްދޭ ވަގުތެވެ. އެކަށީގެންވާ ވަރަށް ނިދި ނުލިބުމަކީ ސިކުނޑީގެ ސެލްތަކަށް ވަރުބަލިކަން ގެނުވައި، ހަނދާން ބަލިވުމާއި ކަންކަމަށް ސަމާލުކަން ދިނުން ދަތިކުރުވާ ކަމެކެވެ. މީގެ އިތުރުން، ހަކުރު ގިނައިން ބޭނުންކުރުމަކީ ވެސް ސިކުނޑިއަށް ނުރައްކާތެރި ކަމެކެވެ. މާގިނައިން ހަކުރު ބޭނުންކުރުމުން ހަށިގަނޑަށް ބޭނުންވާ ޕްރޮޓީންނާއި ނިއުޓްރިއެންޓްސް ރަނގަޅަށް ހަށިގަނޑަށް ނުލިބި، ސިކުނޑީގެ ކުރިއެރުމަށް ހުރަސްއެޅެއެވެ.

އިޖުތިމާއީ ގުޅުންތަކާ ދުރުވުމަކީ ވެސް ސިކުނޑީގެ ދުޅަހެޔޮކަން ކުޑަވާ ކަމެކެވެ. އިންސާނުންނަކީ އެކަހެރިކޮށް އުޅުމަށް އުފައްދަވާފައިވާ ބައެއް ނޫނެވެ. އެހެން މީހުންނާ ވާހަކަދައްކައި، މުާމަލާތް ކުރުމަކީ ސިކުނޑި ހަރަކާތްތެރިކޮށް ބެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ. މީގެ އިތުރުން، ހެޑްފޯން ނުވަތަ އިއަރފޯން ބޭނުންކޮށްގެން މާ ބާރަށް ލަވަ ނުވަތަ އެހެނިހެން އަޑުތައް އެހުމަކީ ކަންފަތުގެ އިތުރުން ސިކުނޑީގެ ޓިޝޫތަކަށް ގެއްލުންދޭ ކަމެކެވެ. މިއީ ދިގު މުއްދަތުގައި ހަނދާން ނެތޭ ބަލި (އަލްޒައިމާސް) ފަދަ ބަލިތަކަށް މަގުފަހިވާ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ.

ކެއުމުގެ އާދަކާދައަށް ބަލާއިރު، ހެނދުނުގެ ނާސްތާ ދޫކޮށްލުމަކީ ސިކުނޑިއަށް ބޭނުންވާ ގުލްކޯޒް ނުލިބި، ސިކުނޑީގެ މަސައްކަތްތައް ލަސްވާ ކަމެކެވެ. ހަމައެއާއެކު، މާ ގިނައިން ކެއުމަކީ ވެސް ސިކުނޑީގެ ނާރުތަކަށް ބާރުބޮޑުވެ، ސިކުނޑީގެ ބާރު ދަށްވާ ކަމެކެވެ. އަދި ބަލިވެ އުޅޭއިރު ސިކުނޑިއަށް ބުރަވާ ފަދަ މަސައްކަތްތައް ކުރުމާއި، ކިޔެވުމަކީ ވެސް ސިކުނޑީގެ މަސައްކަތްތަކަށް ބުރޫއަރާނެ ކަމެކެވެ. އެފަދަ ވަގުތުތަކުގައި ސިކުނޑިއަށް އަރާމު ބޭނުންވެއެވެ.

ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި، ގިނަ ވަގުތު އަނދިރީގައި އުޅުމަކީ ވެސް ސިކުނޑިއަށް ގެއްލުން ހުރި ކަމެކެވެ. އިރުގެ އަލި ނުލިބުމުން ސިކުނޑީގެ ނާރުތަކަށް ބޭނުންވާ މާއްދާތައް އުފެއްދުމަށް ހުރަސްއެޅި، ނަފްސާނީ ބަލިތަކަށް މަގުފަހިވެއެވެ. އެހެންކަމުން، މިފަދަ ނުރަނގަޅު އާދަތަކުން ދުރުހެލިވެ، ސިކުނޑީގެ ދުޅަހެޔޮކަމަށް އިސްކަންދިނުމަކީ ދިގު ދިމާވެދާނެ ސިއްހީ މައްސަލަތަކުން ސަލާމަތްވުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު