އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު
ދައުލަތުން ބޮޑު ހޭދައެއްކޮށްގެން މާލޭގެ މަގުތައް ހަދަމުންދާއިރު، އެ މަގުތަކުގައި ގާނޫނު ތަންފީޒު ނުކުރެވޭނަމަ ރައީސް އޮފީހާއި ރިޔާސީ ގަނޑުވަރު ދޮރުމަތީގައި ވެސް ޕާކު ކުރެވެން ޖެހޭނެ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ސަރުކާރަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފިއެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކޮށް ހުޅުވާލުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޫސަ ވިދާޅުވީ، އެކި ސަރުކާރުތަކުން ބޮޑުތަކުރުފާނު މަގު ހަދަމުން ގޮސް މިފަހަރު ވެސް އުތުރު ފަރާތުގެ ބޮޑު ބައެއް ވަރަށް ފުރިހަމައަށް ހަދާފައިވާތީ އެކަމަށް ޝުކުރުވެރިވާ ކަމަށެވެ. ނަމަވެސް، މަގުތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ނުކުރެވެނީ ގާނޫނު ތަންފީޒު ނުކުރެވޭތީކަން އޭނާ ފާހަގަކުރެއްވިއެވެ.

މޫސަ ވިދާޅުވި ގޮތުގައި، ދަތުރުވެރިން ލަފާފުރުމާއި، މުސްކުޅިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ތުއްތުކުދިން ގޮވައިގެން އުޅުމުގައި އެއްވެސް ނިޒާމެއް މަގުމަތިން ނުފެނެއެވެ. އަދި މަގުމަތީގެ އުސޫލުތައް ހަމަޔަކަށް އަޅުވާނެ އެހީތެރިއެއް ނުވަތަ އޮފިސަރަކު ވެސް މަގުމަތިން ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ޕާކްކުރާކަށް، މުދާ އަރުވާ ބާލާކަށް، ޓެކްސީ އާއި އަމިއްލަ ކާރުތަކަށް މީހުން އަރުވާ ފޭބުމަކަށް އެއްވެސް ހަމައެއް ނެތް،" މޫސަ ވިދާޅުވިއެވެ.

މަގުގެ ބައެއް ސަރަހައްދުތަކުގައި ޕާކު ނުކުރެވޭނެ ކަމަށް ބުނެ ފުލުހުން ކުރާ އިޢުލާނުތަކަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވީ، އެއީ އިޢުލާނު ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. ސަބަބަކީ ޑްރައިވިންގ ލައިސަންސް ދެނީ މަގުމަތީގެ ނިޝާންތަކަށާއި ޕާކިންގ ގަވާއިދުތަކަށް އިހުތިރާމް ކުރުމަށް އިގުރާރުވެ ސޮއިކުރުމަށްފަހު ކަމަށްވާތީއެވެ.

މޫސާ މަނިކު އިތުރަށް ވިދާޅުވީ، ދައުލަތުގެ މުދަލާއި ފައިސާ ޚަރަދުކޮށްގެން ރައްޔިތުންނަށް ދޭ ލުއިފަސޭހައަށް މަދު ބަޔަކު އިހުތިރާމް ނުކުރާނަމަ އަދި ގާނޫނާ ޚިލާފުވާ މީހުންނަށް ފިޔަވަޅު ނާޅާނަމަ، އޭގެ ނަތީޖާ ގޯސްވާނެ ކަމަށެވެ.

"ރައީސް އޮފީހާއި ރިޔާސީ ގަނޑުވަރު ދޮރުމަތީގައި ވެސް ޕާކް ކުރެވެން ވާނެތާއެވެ؟" މޫސަގެ ޕޯސްޓް ނިންމަވާލައްވަމުން ސުވާލު ކުރައްވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު