ޞާދިރު ޢަލީދީދީ   26 އޮކްޓޯބަރު 2020 - 14:21
އިރިފުސްމެ
އިރިފުސްމެ
އެޕިސޯޑް 14

................

[އާނ...ކޮއްކޯ....ދެންމެ އޭނަ ދެއްކި ހުރިހާ ވާހަކައެއްވެސް ކޮއްކޮ އަޑުއަހައިފީމެއްނު. ދެން ހިނގާ ގެޔަށް ދާން...އަހަންނާއެކު އައިސް، ބުނެވެސްނުލާ އޭނަ ނުޖެހޭނެ އެއްވެސް ތަނަކަށް ދާކަށް.] ރީޙާން ހިނގައިގަތެވެ. އޭނާ ގެޔަށް ދިޔައިރުވެސް ޝަބާބެއް ގެޔަކަށް ނާދެއެވެ.

މިހާރު ގަޑިން ދިހަގަޑިބައި ވެއްޖެއެވެ.

[އަދިވެސް ޝަބާވީ ތަނެއް ނޭނގޭތަ؟] ރީޙާންމެން ގެޔަށް އައިސް ވަނީމާ، މަންމައާއި ބައްޕަޔަށް އެއްފަހަރާ ކަހަލަ ގޮތަކަށް އަހާލެވުނެވެ.

[އަދިވެސް ގެޔަކަށް ނާދޭދޯ؟ އަހަރެން އަންނާނަން.]

ރީޙާން ނިކުތެވެ. އެންމެ ފުރަތަމަ އޭނާއާ ޝަބާބް ބައްދަލުވި ސަރަޙައްދަށެވެ. އެހެން ނަމަވެސް، މިއީ އިރިފުސްމެ ވަގުތެއް ނޫނެވެ. ރީޙާން މަޑުމަޑުން ހިނގާފައި ގޮސް ލިންކް ރޯޑް ހުރަސްކޮށް އަތިރިޔާވީ ފަރާތަށް ފޭބިއެވެ. އޭރު ރީޙާނަށް ޝަބާބް އެންމެ ފުރަތަމަ ފެނުނު ބޯޓްގަނޑުތެރެއިން ރަންގު ކުލައިގެ އައްޔެއް ފާޅުވަމުންދާތަން އޭނާއަށް ފެނިއްޖެއެވެ. ރީޙާން ހުއްޓުނެވެ. އެއީ ކުރިން ދުވަހަކުވެސް އޭނާ ދެކެފައިވާފަދަ އައްޔެއް ނޫނެވެ. ވުމާއެކު، އޭނާ ހިސާބަކަށް ބިރުގަތީކަންނޭނގެއެވެ. އޭނާ އުޅުނީ އެނބުރި ހިނގައިގަންނާށެވެ. ނަމަވެސް، އެވަގުތު ގިސްލުމެއްގެ އަޑާއެކު، ޝަބާބް އޭނާއަށް ގޮވާލިއެވެ.

[ރީޙާން...މަޑުކުރޭ....] އަޑުއައި ދިމާއަށް ރީޙާން އެނބުރުނެވެ. އެވަގުތު ރޮއިރޮއި އެހުރީ ޝަބާބެވެ. އޭނާހުރީ ރީޙާނަށް ފުރަގަސްދީގެނެވެ.

[ޝަބާބް...އަހަރެން ޝަބާބް ދައްކާ ވާހަކަތައް ޤަބޫލުކުރާނީ ކިހިނެއްތަ؟ ކީއްވެތަ ތިރޮނީ...؟] ރީޙާން ހުރީ ހިތްހަމަނުޖެހިފައެވެ.

[އަހަންނަށް....މަޢާފްކުރޭ ރީޙާން...އަހަރެން މިރޭ ރީޙާނަށް ހުރިހާ ވާހަކައެއްވެސް ކިޔާދޭނަން....ރީޙާންގެ ހިތުގައި އުފެދިފައިވާ ހުރިހާ ސުވާލުތަކަށްވެސް އަހަރެން ޖަވާބުދޭނަން. ޙަޤީޤަތް ވަންހަނާކޮށްގެން، އަހަރެންގެ ދިރިއުޅުން ބައްޓަން ކުރަންޖެހުނީ، ރީޙާންދެކެ މާބޮޑަށް ލޯބިވާތީ....ރީޙާން....އެއްވެސް އިންސާނަކަށް އަހަރެން ރީޙާންދެކެ ލޯބިވާވަރަކަށް ލޯތްބެއް ނުވެވޭނެ...އަޅެ ރީޙާން...އަހަންނަށް މަޢާފް ކުރާނަންތަ؟] ޝަބާބް ވާހަކަ ދައްކަނީ ރޮއިރޮއިފައެވެ. ރީޙާން ބޯޖަހާލިއެވެ.

[ރީޙާން...މިހާތަނަށް ރީޙާނާއި އަހަރެންގެ ލޯތްބަށް ހުރަސްއެޅިދާނެހެން ހީވާ އެތައް ކަމެއް އަހަރެން ވާނީ ނައްތާލާފަ....ފަހަރެއްގައިވެސް އެއީ އަހަރެން އަނިޔާވެރިވެގެން ކުރި ކަމެއް ނޫން...އަހަންނަށް މަޖުބޫރުވީ...ރީޙާން އަނގައިން ބުނެބަލަ...އަހަންނަށް މަޢާފްކުރާނަންތަ؟] ޝަބާބް ރޮއިރޮއިފައި ރީޙާންގެ މޭގައި ބޯއަޅާލިއެވެ.

[އާނ....ޝަބާބް....އެކަމަކު ދޮގުހެދުމަކީ އަހަރެން ވަރަށް ފޫހިވާ ސިފައެއް. އެކަމަކު އަހަރެންވެސް ޝަބާބްދެކެ ވަރަށް ލޯބިވޭ. ޝަބާގެ ލޯތްބާނުލައި ދިރިއުޅުމަކީ މިހާރު އަހަންނަށް ފަސޭހަ ކަމަކަށް ނުވާނެ. ދެންވެސް ދައްކަން އުޅޭ ވާހަކައެއް ދައްކަބަލަ. މިހާރު މަންމަމެން އުޅޭނެ، އަހަރެމެން ނުފެނިގެން....] ރީޙާނަށްވެސް ވަނީ ވަރަށް އަސަރުކޮށްފައެވެ.

[ރީޙާން...މިވާހަކަ ދައްކަން އަހަރެން ވަރަށް ޖެހިލުންވޭ....ހިތަށްއަރާ، ރީޙާން އަހަންނަށް މަޢާފް ނުކޮށްފާނެޔޭ. އެކަމަކު ރީޙާން އަޑުއަހާ...އަހަންނަކީ...ޝަބާބެއް ނޫން....] މިހާ ހިސާބަށް ބުނެފައި، އޭނާ ރީޙާންގެ މޫނަށް ބަލައިލިއެވެ. އެވަގުތު ރީޙާން ދެލޯ ބޮޑުކޮށްގެންހުރެ، ޝަބާބްގެ ގައިން ދޫކޮށްލިއެވެ.

[ކާ...ކުތީ!؟] ރީޙާން ޝަބާބްގެ މޫނަށް ބަލަން ހުރެފައި އެއްސެވެ.

[އާނ...ރީޙާން...އަހަންނަކީ ޝަބާބެއް ނޫން. ޝަބާބާ އަހަންނާ އެއްވެސް ގުޅުމެއްވެސް ނެތް...އަހަންނަށް ކިޔާ އަޞްލު ނަމަކީ ލޫބާ. ކޮންމެފަދަ ޙާލެއްގައިވެސް އަހަރެން ބޭނުންވަނީ، ރީޙާނާއެކު ދިރިއުޅެން. އަހަރެމެން ހިސާބު މީހުން ލޯބިވަނީވެސް އެންމެ ފަހަރަކު...އަހަންނަށްވެސް އެނގޭ، އަހަރެންގެ ޙަޤީޤަތް އެނގުމަށްފަހު، ރީޙާންގެ މައިންބަފައިން އަހަރެން ޤަބޫލު ނުކުރާނެކަން. އަޅެ ރީޙާން، އެމީހުން ގާތު އެއްވެސް ވާހަކައެއް ނުދައްކައްޗޭ....] މިހާރު ޝަބާބެއް ނޫނެވެ. ލޫބާއެވެ. ލޫބާ ވާހަކަ ދައްކަމުން ދިޔައީ ރޮއިރޮއިފައެވެ.

[ދެންވެސް ތި ކިޔަން އުޅޭ އެއްޗެއް ކިޔާބަލަ.] ރީޙާންގެ ހިތް އަވަސްވިއެވެ. ލޫބާ ކުޑަކޮށް ރީޙާނާ ދުރަށް ޖެހިލައިފިއެވެ.

[ރީޙާން....އަހަންނަކީ ލޫބާ ކަމަށް މިވަރުން ޤަބޫލުކުރޭ....އަހަންނަކީ އިންސާނެއް ނޫން...އަހަންނަކީ...ހަންޑިއެއް...] ކުރިމަތީ ހުރި ލޫބާގެ ސިފަ ބަދަލުވީ ރީޙާން ބަލަން ހުއްޓައެވެ. ލިބުނު ސިހުމާއި ގަތް ބިރާއެކު، ހަޅޭއްލަވައިގަތުމާއެކު، ސަލާމަތަށް އެދި ގޮވަމުން ރީޙާނަށް ދުއްވައިގަނެވުނީ ބޭއިޚްތިޔާރުގައެވެ. ނަމަވެސް، އޭނާޔަކަށް ކުރިޔަށް އެންމެ ފިޔަވަޅެއްވެސް ނޭޅުނެވެ. އޭނާގެ ދެފައި ބިމުގައި ހަރުލި ކަހަލައެވެ. ކުރިޔަށްދާން އުޅެއުޅެވެސް އޭނާޔަކަށް އެންމެ ފިޔަވަޅެއްވެސް ކުރިޔަކަށް ނޭޅުނެވެ.

[އަހަރެން ސަލާމަތްކުރޭ....ކަލޭ އަހަރެން ކުރިމަތިންދޭ. ތިޔައީ އެއްވެސް ރަޙުމެއް ނެތް މީހެއް. އަހަންނަށް މިހާރު ޔަޤީންވެއްޖެ. ޒޭބާގެ މަރާވެސް ކަލެޔާ ގުޅުމެއްވާނެ...] ރީޙާން ހަޅޭއްލަވައިގަތެވެ. އޭރުވެސް ލޫބާ ރޫނީއެވެ.

[އާދޭސްކުރަން ރީޙާން...އަހަންނަށް މަޢާފްކުރޭ. އަހަންނަށް ރީޙާންގެ ލޯތްބާނުލައި ނޫޅެވޭނެ. އާނ...ޒޭބާގެ އުނދަގުލުން ރީޙާން ސަލާމަތްކުރީ އަހަރެން. އެއީ އޭނާގެ ސަބަބުން އަހަރެންގެ ލޯތްބަށް ހުރަސް އެޅިދާނެތީ....] ލޫބާޔަށް ގިސްލެވުނެވެ. އޭނާ ހީވަނީ ލޯތްބަށްޓަކައި ދީވާނާވެފައިވާހެންނެވެ.

[ތީ ވަރަށް ރަޙުމްކުޑަ މީހެއް. އަހަރެންގެ ކުރިމަތިންދޭ....އަހަރެން ބޭނުމީ ގެޔަށް ދާން...ކަލޭ ކިތަންމެ ބުންޏަސް، އިންސާނަކަށް ހަންޑިއަކާއެކު ދިރިއުޅުން ޙިއްޞާއެއް ނުކުރެވޭނެ.] އަނެއްކާވެސް ރީޙާން ހިނގައިގަންނަން އުޅުނެވެ. ނަމަވެސް، މިފަހަރު އޭނާއަކަށް އެއްވެސް ހުރަހެއްނެތް ކަހަލައެވެ.

[ރީޙާން...އަދި ނުގޮސް މަޑުކޮށްބަލަ. އަހަރެންގެ ބަނޑުގައި މިވާ ރީޙާންގެ ދަރިފުޅުގެ ޙައްޤުގައި ވިޔަސް، އަހަންނަށް މަޢާފްކޮށްފައި ދޭބަލަ....] ފަސްއެނބުރި ބަލައިލި ނަމަވެސް ރީޙާން މަޑެއް ނުކުރެއެވެ. ކުއްލިއަކަށް ބާރަށް ދުއްވައިގެންފިއެވެ. އޭނާއަށް ދުވެފައި ގޮސް ކިރިޔާ ގެޔަށް ވަދެވުނީއެވެ. އޭނާ ޚަބަރު ހުސްވެއްޖެއެވެ. ވުމާއެކު، ވަގުތުން އޭނާ ގެންދެވުނީ ހިތަދޫގައި ހުންނަ އައްޑޫ ރީޖަނަލް ހޮސްޕިޓަލަށެވެ.

ރީޙާން ހޭއެރީ ހޮސްޕިޓަލުން ފަރުވާދޭތާ ގަޑިއެއްހާއިރު ފަހުންނެވެ. ހޭ އެރުމާއެކު، އޭނާ ވަށައިގެން ހޯދަން ފަށައިފިއެވެ.

[މަންމާ...ބައްޕާ...އެއީ ޝަބާބެއް ނޫން. އެއީ އިންސާނެއްވެސް ނޫން. އެއީ އޮޅުވާލައިގެން އުޅުނު ހަންޑިއެއް...އަހަރެން ސަލާމަތްކުރޭ. އޭނާގެ ކިބައިން އަހަރެން ސަލާމަތްކޮށްދީ....] އެއީ ހައިޝަމްވެސް ހޮސްޕިޓަލަށް އައިސް ވަން ވަގުތެވެ. ރީޙާން ދެއްކި ވާހަކަތަކުގެ ސަބަބުން ހައިޝަމަށް މާޒީއަށް ވިސްނާލެވުނެވެ. ޝަބާބް ރީޙާންގެ އުފަންދުވަސް ފާހަގަކުރި ކަމަށް ރީޙާން ބުނިގޮތެވެ. އެކަންތައް ހައިޝަމަށް ރީޙާން ސިފަކޮށްދީފައިވާ ގޮތުން އެއީ އިންސާނަކަށް އެކަށީގެންވާފަދަ ގޮތަކަށް ޝަބާބް ކޮށްފައިވާ ކަމެއް ނޫނެވެ.

[އެއީ އިންސާނެއް ނޫނޭ، ދަރިފުޅު ގާތު ބުނީ ކާކުތަ؟] ޤިސާމާ ހުރީ ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވެފައެވެ.

[މަންމާ، ސީދާ އޭނަ ބުނީ...އަހަރެންގެ ކުރިމަތީގައޭ އޭތި ސިފަ ބަދަލުވީ....އޭނަ ބުނީ އޭނަޔަށް ކިޔަނީ ލޫބާޔޯ...] ރީޙާން އޮތީ ވަރަށް ބޮޑަށް ބިރުގެންފައެވެ.

[އޭތި މިހާރު ކޮބައިތަ؟ މަޖީދު، އަވަހަށް ފަންޑިތަ ހަދާ މީހަކު ހޯދަބަލަ. މަންމަ އަބަދުވެސް ބުނަމެއްނު، އިރިފުސްމެ ވަގުތު އަތިރިޔަށް ފައިބާކަށް ނުވާނެޔޭ. ތި އެއްޗެއް ދަރިފުޅާ އަވަލައިގެން ތިއުޅެނީ، އެދިމާ އަތިރިން ކަމަށްވާނީ...] ޤިސާމާ ހުރީ ފެންކަޅިވެފައެވެ.

[އަހަރެންވެސް...ޝަބާބާ ދޭތެރޭ ޝައްކުވެގެން އެވާހަކަ ދެއްކިން. އެކަމަކު އެދުވަހު ރީޙާން ޤަބޫލެއްނުކުރި...މިތާ ބާއްވައިގެން ތިއްބަކަސް ރަނގަޅެއް ނުވާނެ. އަވަހަށް ހިނގާ، ގެޔަށް ގޮސް ފަންޑިތަ ހައްދަމާ...އޭތީގެ ކިބައިން ސަލާމަތް ކުރެވޭނީ އޭރުން.] ހައިޝަމް ބުންޏެވެ.

ހޮސްޕިޓަލްގެ ޑޮކްޓަރާ ވާހަކަ ދައްކައިގެން، ވަގުތުން ރީޙާން ގޮވައިގެން އެމީހުން ދިޔައީ ގެޔަށެވެ. ދަންވަރުގެ ވަގުތު ކަމުގައިވިޔަސް، މަޖީދާއި ހައިޝަމް ދިޔައީ ފަންޑިތަވެރިޔަކު ހޯދުމަށްޓަކައެވެ.

ރީޙާން ގޮވައިގެން ގެޔަށް ދިޔައީ އޭނާގެ މަންމައާއި ބައްޕައެވެ.

ހައިޝަމާއި މަޖީދު ދިޔައީ ހިތަދޫގައި ހުންނަ އެންމެ މަޝްހޫރު ފަންޑިތަވެރިޔާ ހާރޫނުބޭގެ ގެޔަށެވެ. އެއީ މެންދަމުގެ ވަގުތު ކަމުގައިވިޔަސް، ހާރޫނުބެ، އޭނާގެ މަސައްކަތުގައި ހޭލާ އުޅެއެވެ. ކަންތައް ވެގެންއުޅޭ ގޮތް، މަޖީދު ހާރޫނުބެޔަށް ސާފުކޮށް ކިޔާދީފިއެވެ.

[ތަވީދު ތައްޔާރު ކުރެވޭނީ މާދަމާ...މާދަމާ ހެނދުނު އާދޭ. އަހަރެން ތަވީދު ނިންމާނަން. މައްސަލައެއް ނެތް، ކަލޭމެން ނަޔަސް. އަހަރެން މާދަމާ ތަވީދު ނިންމައިގެން ގެންގޮސްދޭނަން. ވަރަށް ނަޞީބުވެރިކޮށް ތި ދިމާވީވެސް. މާދަމާއަކީ ހުކުރު ދުވަސް.] ހާރޫނުބެ ބުންޏެވެ.

[ހާރޫނުބެއަށް އަހަރެމެންގެ ގެ އެނގޭތަ؟ ހާރޫނުބެ ބަލާވެސް އަހަރުމެން އަތުވެދާނަން ދޯ ހައިޝަމް.] މަޖީދު މިހެން ބުނީމާ، އެންމެ ރަނގަޅޭ، ހެނދުނު ދިހައެއް ޖަހާއިރު މީހަކު ފޮނުވާށޭ ހާރޫނުބެ ބުނެފިއެވެ.

[އަހަރެމެން ދަނީ....] ހައިޝަމްމެން ނިކުތެވެ. އެރެއަކީ ހައިޝަމްގެ އަލަތު ކައިވެނީގެ ރޭ ކަމުގައިވިޔަސް، އޭނާ ގެޔަށް ދިޔައީ ރީޙާން ގާތު ވަރަށް ގިނައިރު ވަންދެން ހުރެފައެވެ.

[ދެން މަންމަމެންވެސް ނިދަންދޭ....] ގަޑިން ދެގަޑިބައިވެ ބޮޑުވުމުން ރީޙާން ބުންޏެވެ. ޤިސާމާއާއި މަޖީދު އެކޮޓަރިން ނިކުމެއްޖެއެވެ. ރީޙާން ކޮޓަރި ތަޅުލައި، ނިދާ ބޮކި ދިއްލުމަށްފަހު އެނދުގައި އޮށޯވެލިއެވެ. އޭރު ރީޙާނަށް ނުފެނުނަސް، އެ ކޮޓަރިތެރޭގައި ލޫބާ ހުއްޓެވެ. ލޫބާ ހުރީ ވަރަށް ދެރަވެފައެވެ. އޭނަޔާ ރީޙާން ދުރުކުރުވަން ރީޙާންގެ ބައްޕަމެން ފަންޑިތަ ހައްދާކަން މާރަނގަޅަށްވެސް އޭނާ ދެނެހުއްޓެވެ. ވުމާއެކު، މިރޭ ރީޙާންގެ ފުށުން އަރާމާއި ހިތްހަމަޖެހުން ލިބިގަންނަން ކިތަންމެހާވެސް އޭނާ ބޭނުންވެއެވެ.

އޭނާއާ އޭނާ އެންމެ ލޯބިވާ ބައިވެރިޔާއާ ދެމެދު މާދަމާ ހެނދުނު ވަރުގަދަ ހުރަހެއްލެވޭނެކަން އޭނާއަށް އެނގެއެވެ.

ރީޙާން އޮތް އެނދާ ދިމާއަށް ލޫބާ ހިނގައިގަތީ، ރީޙާން ނިދިޖެހުނު ވަގުތެވެ. ނިދާ ބޮކީގެ ފަނޑުއަލީގެ ތެރޭގައި ރީޙާން އޮތް އެނދާ ދިމާއަށް ލޫބާ ގުދުވެލައިފިއެވެ. އޭރު ރީޙާން އޮތީ ގަދަ ނިދީގައެވެ. ނުވަތަ ލޫބާގެ ބާރުގެ ދަށުގައެވެ. އޭގެ ކުޑައިރުކޮޅެއްފަހުން އެނދުމަތީގެ މަންޒަރު މުޅިން ބަދަލުވެއްޖެއެވެ. މިހާރު ރީޙާންވެސް ލޫބާފަދައެވެ. ނަމަވެސް، ރީޙާނަށް ބާރުފޯރުވައި، ޙަރަކާތް ކުރުވަމުންދަނީ ސީދާ ލޫބާއެވެ. ރީޙާނަށް އޭނާގެ ހަމަ ވިސްނުން އައީ ކުއްލިއަކަށެވެ. އެޔާއެކު، އޭނާ ލޫބާ ދުރަށް ކޮއްޕާލައިފިއެވެ. ނަމަވެސް، އޭރު ލޫބާ ހިތްހަމަޖެހުން ލިބިގެންފިއެވެ.

[ކަލޭ ކީއްކުރަންތަ މިތަނަށް ވަނީ؟ ހަމަ މިހާރު މިތަނުން ނިކުމޭ. ބުނެފީމެއްނޫންތަ ނިކުންނާށޭ....] ރީޙާން ހަޅޭއްލަވައިގަތެވެ. އޭރު ލޫބާގެ ލޮލުން ކަރުނަ ހިލެން ފަށައިފިއެވެ.

[ރީޙާން...ހެޔޮނުވާނެ ރީޙާން...އަހަރެން ބާކީނުކުރޭ. އަހަރެންގެ ބަނޑުގައިމިވާ ރީޙާނާއި އަހަރެންގެ ލޯބީގެ ނިޝާނަށްޓަަކައިވެސް އަހަރެން ބާކީނުކުރޭ.] ލޫބާ ރޮއިގަތެވެ.

[ކަލޭ ތިއޮހޮރާ ކަރުނަތަކުން އަހަންނަށް އެއްވެސް އަސަރެއް ނުކުރާނެ...ކަލޭ އަވަލަން އަހަރެން ނޫން ފިރިހެނަކު ނުފެނުނީތަ؟] ރީޙާންގެ ހިތުގައި ރަޙުމެއް ނުއުފެދެއެވެ.

[ރީޙާން...ހާރޫނުބެ ގެންނަ ތަވީދު ނާޅާތި....އެ ތަވީދުގެ ސަބަބުން އަހަރެންގެ ލޯތްބަށް ހުރަސްއެޅޭނެ...އާދޭސްކުރަން...] ލޫބާ އާދޭސް ކުރަމުން ރީޙާންގެ އަތުގައި ހިފެހެއްޓިއެވެ.

[ކަލޭ އަހަރެންދެކެ ލޯބިވަންޏާ، އަހަރެންގެ ކުރިމަތިން ދުރަށްދޭ. އަހަރެން ނިދަންވެއްޖެ...] ރީޙާން މިހެން ބުނުމާއެކު، ވިދާލި ވިދުވަރެއްހެން ލޫބާ ގެއްލިއްޖެއެވެ.

ހުކުރު ދުވަހު ހެނދުނު ތަވީދު ހިފައިގެން ހާރޫނުބެ އެގެޔަށް އަތުވެއްޖެއެވެ. އޭނާ ކިޔަވާލުމަށްފަހު، ރީޙާންގެ އުނަގަނޑުގައި ތަވީދު އަޅުވައިފިއެވެ.

[މިހާރު އޭއްޗަކަށް ރީޙާނާ ދިހަފޫޓަށްވުރެން ކައިރިއެއް ނުވެވޭނެ. އޭތި ކައިރިވެއްޖެއްޔާ އަނދައި ހުލިވާނެ.] ތަވީދު އެޅުވުމަށްފަހު ހާރޫނުބެ ބުންޏެވެ. ހާރޫނުބެ އެ ތަވީދު އެޅުވި މަންޒަރު ބަލަން ދުރުގައި ލޫބާ ހުއްޓެވެ. ރޮއިރޮއިއެވެ. އޭނާ ހިސާބަކަށް ކައިރިވާން އުޅުނެވެ. ނަމަވެސް، އެ ތަވީދުގެ ސަބަބުން އޭނާޔަކަށް ދިހަފޫޓަށްވުރެން ކައިރިއެއް ނުވެވޭނެއެވެ. އެކަން އޭނާޔަށް ޔަޤީނެވެ. މީގެކުރިން އޭނާގެ ރައްޓެހި އެހެން ހަންޑިއަކަށް ވަނީ ވަރަށް ހިތާމަވެރި ގޮތެއް މެދުވެރިވެފައެވެ. އެ ހަންޑި އޮޅުވާލައިގެން ރައްޓެހިވީ ފޯއްމުލަކު މީހަކާއެވެ. ރައްޓެހިވީތާ މާގިނަ ދުވަސްތަކެއްނުވެ، އޭތީގެ ޙަޤީޤަތް އެނގިގެން އެމީހުން ފަންޑިތަ ހެދީއެވެ. އެމީހުންވެސް ބޭނުންކުރީ ތަވީދެކެވެ. ނަމަވެސް، އެ ތަވީދަށް ބެލުމެއްނެތި އެ ހަންޑި ވަނީ އޭނާގެ ލޯބިވެރިޔާއާ ބައްދަލުކުރަން މަސައްކަތް ކުރުމުގެ ސަބަބުން މިދުނިޔެއާ އަލްވަދާޢު ކިޔާފައެވެ. އެމަންޒަރު ލޫބާ ދުށްޓެވެ. އެރޭ އެކުވެރިޔާ ގެއްލި ދިޔުމުން ލޫބާ ވަރަށް ރުޔެވެ.

އައްޑުއަތޮޅު ހިތަދޫ ފިރިހެނަކު ހަންޑިޔަކާ ހިތާވެ، ކައިވެނިކޮށްގެން އުޅެނިކޮށް ހަންޑީގެ ޙަޤީޤަތް އެނގުމުން، ދިރިއުޅުން ރޫޅި، ފަންޑިތަ ހަދަމުންދާ ވާހަކަ ވަރަށް އަވަހަށް ނޫސްތަކުގެ ފަލަ ސުރުޚީތަކަށް އަރަން ފަށައިފިއެވެ. ކޮންމެ ބަޔަކުވެސް އަނެއް ބަޔަކަށްވުރެން މޮޅަށް އެ ޚަބަރު ކަވަރ ކުރެވޭތޯ މަސައްކަތް ކުރަމުންދިޔައެވެ. ބައެއް ނޫސްތަކުގައި، ޝަބާބްގެ ފޮޓޯތައް ޖެހިވެސްމެއެވެ. ވުމާއެކު، މިދުވަސްވަރު ރާއްޖޭގައި އެންމެ ހިނގާ ނަމަކީ ޝަބާބް ކަމުގައި ވެގެންދިޔައެވެ. ބައެއް ނޫސްތަކުގައި ޝަބާބްގެ އިންޓަރވިޔުތަކާއި، ރީޙާންގެ އިންޓަރވިޔުތައްވެސް ތަކުރާރުކޮށް ޖަހާފައިވެއެވެ.

ރާއްޖޭގެ ބައެއް ފިލްމް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން އެ އާދަޔާ ޚިލާފް ޙާދިޘާގެ މައްޗަށް ލިޔުންތެރިއަކު ލައްވައި ވާހަކަ ލިޔުއްވައި، ފިލްމް އުފައްދާ ވާހަކައާއި، ފިލްމް ކުޅެދޭތޯ ޝަބާބާ ވާހަކަ ދައްކަމުންދާ ކަމުގައިވެސް ބައެއް ނޫސްތަކުގައި ލިޔެފައިވެއެވެ. މި އާދަޔާ ޚިލާފް ޙާދިޘާގެ ސަބަބުން ނޫސްތަކުގެ ވިޔަފާރި، ވަރަށްބޮޑުތަން ކުރިޔަށް ޖެހުނު ކަމަށްވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން