އެމް.އެމް.އޭގެ ގަވަރުނަރު އަހުމަދު މުނައްވަަރު
އެމް.އެމް.އޭގެ ގަވަރުނަރު އަހުމަދު މުނައްވަަރު
ދިވެހިރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" އާއި އިންޑިއާގެ "ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް" (ޔޫ.ޕީ.އައި) ގުޅާލައި، ސިކުންތުކޮޅެއްގެ ތެރޭގައި އިންޑިއާއަށް ފައިސާ ފޮނުވޭނެ އިންތިޒާމު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން އިފްތިތާހު ކޮށްފިއެވެ.

މަރުކަޒީ ބޭންކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް އިފްތިތާހު ކޮށްދެއްވީ އެމް.އެމް.އޭގެ ގަވަރުނަރު އަހުމަދު މުނައްވަަރެވެ. މިއީ ރާއްޖޭގެ ގައުމީ ޕޭމަންޓް އިންފްރާސްޓްރަކްޗާ ބައިނަލްއަގުވާމީ ޕޭމަންޓް ނެޓްވޯކަކާ ގުޅާލި ފުރަތަމަ ފަހަރެވެ.

މި މަޝްރޫއަކީ 24 ޖުލައި 2025 ގައި އެމް.އެމް.އޭ އާއި ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާގެ ސަބްސިޑަރީ ކުންފުނި ކަމަށްވާ އެން.ޕީ.ސީ.އައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެން.އައި.ޕީ.އެލް) އާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި ހިދުމަތް ތަރައްގީކޮށްފައިވަނީ އެމް.އެމް.އޭ، ޕޭމަންޓް މޯލްޑިވްސް، ރިޒާވް ބޭންކް އޮފް އިންޑިއާ، އެން.އައި.ޕީ.އެލް އަދި ދެ ގައުމުގެ މާލީ އިދާރާތައް ގުޅިގެންނެވެ.

ހިދުމަތް ފެށުމުގެ ފުރަތަމަ މަރުހަލާގައި މި ހިދުމަތް ލިބޭނީ ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) ގެ ކަސްޓަމަރުންނަށެވެ. އިތުރު އެޕްލިކޭޝަނެއް ބޭނުން ކުރުމަކާ ނުލައި، ބޭންކުތަކުގެ މޮބައިލް އެޕް ނުވަތަ އިންޓަނެޓް ބޭންކިން މެދުވެރިކޮށް އިންޑިއާގެ ޔޫ.ޕީ.އައި އާ ގުޅިފައިވާ އެކައުންޓްތަކަށް ސީދާ ފައިސާ ފޮނުވޭނެއެވެ. ކަސްޓަމަރުން ފޮނުވާ ދިވެހި ރުފިޔާ ނުވަތަ ޔޫ.އެސް ޑޮލަރު، އިންޑިއާގައި ހުންނަ ފަރާތުގެ އެކައުންޓަށް ޖަމާވާނީ އިންޑިއާ ރުޕީސްއިންނެވެ.

އެމް.އެމް.އޭ އިން ބުނީ މި ހިދުމަތް ކުރިއަށް ގެންދާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ ފިޔަވަހީގައި އެކަކު އަނެކަކަށް (ޕާސަން-ޓު-ޕާސަން) ފައިސާ ފޮނުވޭއިރު، ދެވަނަ ފިޔަވަހީގައި ވިޔަފާރިތަކަށް ކިއު.އާރު ކޯޑު މެދުވެރިކޮށް ފައިސާ ދެއްކޭނެ (ޕާސަން-ޓު-މާޗަންޓް) އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މިވަގުތު ހަމައެކަނި ރާއްޖެއިން އިންޑިއާއަށް ފައިސާ ފޮނުވޭއިރު، އިންޑިއާއިން ރާއްޖެއަށް ފައިސާ ފޮނުވުމުގެ ޓެސްޓުތައް ކުރިއަށް އޮތް ދުވަސްތަކުގައި ފެށޭނެ ކަމަށް އެމް.އެމް.އޭ އިން ބުނެއެވެ.

މި ހިދުމަތުގެ ދަށުން ފައިސާ ފޮނުވޭނީ ރާއްޖޭގެ ބޭރު ފައިސާގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަނޑައެޅިފައިވާ ވަކި ބޭނުންތަކަކަށެވެ. އޭގެ ތެރޭގައި ތައުލީމީ ހަރަދުތަކާއި، ބޭސްފަރުވާއަށް އިންޑިއާގައި ދިގު މުއްދަތަކަށް ތިބޭ ދިވެހިންގެ ހަރަދުތަކާއި، އާއިލާއަށް އެހީވުމަށް ފޮނުވާ ފައިސާ ހިމެނެއެވެ. ކޮންމެ ކަސްޓަމަރަކަށްވެސް މަހަކު އެންމެ ގިނަވެގެން ފޮނުވޭނީ 24،000 އިންޑިއާ ރުޕީސް (ގާތްގަނޑަކަށް 250 ޑޮލަރު) އެވެ. ނަމަވެސް ބޭންކުތަކަށް މިއަށްވުރެ ކުޑަ ލިމިޓެއް ކަނޑައެޅުމުގެ އިހުތިޔާރު އޮންނާނެއެވެ.

މި އައު ހިދުމަތާއެކު، ދިވެހިރާއްޖެ ވެފައިވަނީ އިންޑިއާގެ ޔޫ.ޕީ.އައި ނެޓްވޯކާ ސީދާ ގުޅާލެވުނު މަދު ގައުމުތަކުގެ ތެރެއިން ގައުމަކަށެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް މާލީ ގުޅުން އިތުރަށް ވަރުގަދަވެ، ޑިޖިޓަލް ޕޭމަންޓްގެ ދާއިރާއިން ލިބުނު ބޮޑު ކުރިއެރުމެކެވެ.



ކިޔުންތެރިންގެ ހިޔާލު