މިހާރު ކުރަމުންދާ ވިއްސާރައިގައި ލިބިފައިވާ ބައެއް ގެއްލުންތައް، ފޮޓޯ: އެންޑީއެމްއޭ
މިހާރު ކުރަމުންދާ ވިއްސާރައިގައި ލިބިފައިވާ ބައެއް ގެއްލުންތައް، ފޮޓޯ: އެންޑީއެމްއޭ
މިހާރު ރާއްޖެއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި އެކި ސަރަހައްދުތަކަށް ގެއްލުންތަކެއް ލިބިފައިވާތީ، ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި އެމްއެންޑީއެފް ގުޅިގެން ފޯރުކޮށްދޭން ފަށައިފިއެވެ.

އެންޑީއެމްއޭ އިން މިއަދު ބުނީ، ރޭގެ ވަގުތެއްގައި އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ވައިގަދަވުމުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އެގޮތުން އެއް ގޭގެ ފުރާޅުން ބައެއް އެއްލާލާފައިވާއިރު، އަނެއް ގޭގެ ބަދިގެ ފުރާޅަށް ބަނބުކެޔޮ ގަހެއް ވެއްޓި ވަނީ ގެއްލުންތަކެއް ލިބިފައެވެ.

މި ހާދިސާތަކާ ގުޅިގެން ސިފައިންގެ އެހީތެރިކަމާއެކު ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ކައުންސިލް މެދުވެރިކޮށް އެ އާއިލާތަކަށް ބޭނުންވާ އިތުރު އެހީތެރިކަން ދެނެގަތުމުގެ މަސައްކަތްވެސް އެ އޮތޯރިޓީން ދަނީ ކުރަމުންނެވެ.

ވިއްސާރައިގެ އިތުރުން، އިއްޔެ ދ. ރިނބިދޫއަށާއި ލ. އިސްދޫއަށް ވަނީ އުދައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ. ރިނބިދޫގެ ބައެއް ސަރަހައްދުތަކަށް އާދަޔާ ހިލާފަށް އުދައެރުމާ ގުޅިގެން، ރަށުގެ މުއައްސަސާތަކާއި އާންމު ރައްޔިތުން ގުޅިގެން ވަނީ ގެތަކަށާއި މަގުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކޮށްފައެވެ. ހަމައެހެންމެ، ލ. އިސްދޫގެ ބަނދަރު ސަރަހައްދަށްވެސް އުދައިގެ އަސަރުކޮށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެންޑީއެމްއޭ އިން ރިޕޯޓްކޮށްފައިވެއެވެ.

މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާ މި ދަނޑިވަޅުގައި، ވައިގަދަވެ އުދައެރުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް