ފުލުހުން ހޯދަމުންދާ ދެ މީހުން-
ފުލުހުން ހޯދަމުންދާ ދެ މީހުން-
ޓެރަރިޒަމް އެންޑް ވައިލެންޓް އެކްސްޓްރީމިޒަމް އިންވެސްޓިގޭޝަންސް އިން ތަހުގީގު ކުރަމުންދާ ސީރިއަސް މައްސަލައަކާ ގުޅިގެން، ދެ މީހަކު ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން ފަށައިފިއެވެ.

ފުލުހުން މި ދެ މީހުން ހޯދުމަށް އާންމުކޮށް އިއުލާނުކޮށްފައިވަނީ، އެ މީހުން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމުގެ ޗިޓު ރައްދުކުރެވޭނެ ގޮތެއް ނެތުމުންނެވެ. މި ފިޔަވަޅު އަޅާފައިވަނީ ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާއިން ފުލުހުންނަށް ލިބިދޭ ބާރުގެ ދަށުންނެވެ.

މި މައްސަލައިގެ ތަހުގީގަށް ހާޒިރުވާން އެންގި ފުރަތަމަ މީހަކީ ށ. ކޮމަންޑޫ، ހިޔަލީގެ، އިބްރާހީމް އަޒުހަދު (36އ) އެވެ. އޭނާ ތަހުގީގަށް ހާޒިރުވުމަށް އަންގާފައިވަނީ އޯގަސްޓް 15 ވަނަ ދުވަހުގެ 15:00 އަށެވެ. އަދި މި މައްސަލައިގައި ހޯދަމުންދާ ދެވަނަ މީހަކީ ގއ. ކަނޑުހުޅުދޫ، ނިއުޒިލް، ޝިހާނު އަޙްމަދު (27އ) އެވެ. އޭނާ ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ އޯގަސްޓް 09 ވަނަ ދުވަހުގެ 09:00 އަށެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ދެ މީހުންވެސް ހާޒިރުވާން ޖެހެނީ ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށެވެ.

މި މައްސަލައިގެ ތަފްސީލީ މައުލޫމާތެއް ފުލުހުން މިހާތަނަށް ހާމަކޮށްފައި ނުވި ނަމަވެސް، މިއީ ޓެރަރިޒަމާއި ހަރުކަށި ފިކުރު ފެތުރުމާ ގުޅުންހުރި މައްސަލައެއްކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ޓެރަރިޒަމްގެ މައްސަލަތަކަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކަށް ވާތީ، މިފަދަ ތަހުގީގުތަކަށް އެއްބާރުލުން ދިނުމަކީ ކޮންމެ މީހެއްގެ މައްޗަށްވެސް ގާނޫނީ ގޮތުން ލާޒިމްކަމެކެވެ. އެހެންކަމުން، މި މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ލަސްނުކޮށް ފުލުހުންނާ ހިއްސާކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު