ސ.ހުޅުދޫ، ގޯރަންވިލާ އަލްއުސްތާޛާ ފާޠިމަތު ދިޔާނާ
ސ.ހުޅުދޫ، ގޯރަންވިލާ އަލްއުސްތާޛާ ފާޠިމަތު ދިޔާނާ
ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ސ.ހުޅުދޫ، ގޯރަންވިލާ އަލްއުސްތާޛާ ފާޠިމަތު ދިޔާނާ މިއަދު ޢައްޔަން ކުރަށްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ދިޔާނާއަށް މަޤާމުގެ ފަތްކޮޅު ރައީސް ހަވާލުކޮށްދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ކަމަށެވެ.

ދިޔާނާއަށް މަޤާމުގެ ފަތްކޮޅު ޙަވާލުކޮށް ދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުު އެވެ.

ދިޔާނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ޓެޒްމޭނިއާއިން ބެޗެލަރ އޮފް ލޯރސް، ޖަޕާނުގެ ޔުނިވަރސިޓީ އޮފް އޮސާކާއިން މާސްޓަރ އޮފް ލޯރސް (ލޯ އެންޑް ޕޮލިޓިކަލް ސައިންސް)، އިނގިރޭސިވިލާތުގެ ލެސްޓަރ ޔުނިވަރސިޓީން މާސްޓަރ އޮފް ލޯރސް (އިންޓަރނޭޝަނަލް ހިއުމަންރައިޓްސް ލޯ) ހާސިލްކުރަށްވާފައެވެ.

ދިޔާނާ މީގެ ކުރިން ސަރުކާރާއި ދައުލަތުގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގައިވެސް މަތީ މަޤާމުތަކެއް ފުރުއްވާފައިވެއެވެ. އެގޮތުން ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯރޕަރޭޝަން (ސާކު) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާއި ޖެންޑަރ، ފެމިލީ އެންޑް ހިއުމަންރައިޓްސް މިނިސްޓަރުކަމުގެ މަޤާމާއި ދިވެހި ދައުލަތުގެ ބަންޑާރަނައިބު ކަމުގެ މަޤާމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު