ފުލުހުން ހިންގި އޮޕަރޭޝަނެއް، ފޮޓޯ: ފުލުހުން
ފުލުހުން ހިންގި އޮޕަރޭޝަނެއް، ފޮޓޯ: ފުލުހުން
ވައިގެ މަގުން ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރުމުގެ ވިއުގައެއްގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތުކުރެވޭ މީހަކު ހުޅުމާލެއިން ހައްޔަރުކޮށް، އޭނާގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މ. ލިއޯންސް، އަބްދުﷲ ތާއިފް (32 އަހަރު) އެވެ. ފުލުހުން ކޯޓުގައި ހާމަކޮށްފައިވާ ގޮތުގައި، ތާއިފަކީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެކެވެ. އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފައެވެ.

މި ހައްޔަރުކުރުމަކީ މިއަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު، މއ. މޯނިންވިއު، އާމިނަތު ޝަފަގު (32 އަހަރު) ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެއްޗާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ނަތީޖާއެވެ. މި މައްސަލައިގެ ތަހުގީގަށް ފުލުހުން ހިންގި "ކޮންޓްރޯލް ޑެލިވަރީ" އޮޕަރޭޝަނުގެ ތެރެއިން، ޝަފަގާއި ތާއިފާ ދެމެދު މުއާމަލާތްތަކެއް ހިނގާފައިވާކަން ފާހަގަކުރެވިފައިވެއެވެ.

މި އޮޕަރޭޝަނުގެ ތެރެއިން، އެމްޕީއެލް ޓަވަރުގެ ޕާކިންގް ސަރަހައްދުގައި އޮތް ސައިކަލެއްގެ ޕޮކެޓަށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ލާފައިވަނިކޮށް، ތާއިފް ވަނީ އެ ސައިކަލަށް އަރައި ސްޓާޓުކުރި ވަގުތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ސައިކަލުން ފެނުނު ތަކެއްޗާ ގުޅޭގޮތުން ފުލުހުން ސުވާލުކުރުމުން ތާއިފް ވަނީ ހަނު ހުރުމުގެ އިހުތިޔާރު ބޭނުންކޮށް، އެއްވެސް ޖަވާބެއް ދިނުމަށް އިންކާރުކޮށްފައެވެ.

ތާއިފް ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު، މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ބާރުދޭ ގިނަ ހެކިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން، އޭނާގެ ކޮޓަރީގެ އަލަމާރީގައި އޮތް ގަމީހެއްގެ ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއްގެ އިތުރުން، މަސްތުވާތަކެތި ކިރުމަށް ބޭނުންކުރާ ޑިޖިޓަލް ކައްޓާއަކާއި، ތަކެތި ބަންދުކުރަން ބޭނުންކުރާ ހުސް ކޮތަޅުތަކެއް ވަނީ ފެނިފައެވެ.

ކްރިމިނަލް ކޯޓުން ތާއިފްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި މަޖިލީހުގައި، އޭނާގެ މައްޗަށް ހުށަހެޅިފައިވާ ހެކިތަކަށް ރިއާޔަތްކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު