މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި
މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި
މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ ކުރިއަށް އޮތް ވަގުތުތަކުގައިވެސް ދެމިގެންދާނެ ކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ނެރެފައިވާ މޫސުމީ ރިޕޯޓުގައި ބުނެފައިވަނީ، ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރައިގެ އަސަރު ކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.

ވައިގެ ބާރުމިނަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް، ރާއްޖޭގެ އެހެން ހިސާބުތަކަށް ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން މަޢުލޫމާތު ދެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުތަކުގެ ހާލަތަށްވެސް ބަދަލުތަކެއް އަންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ. އަދި ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ބެލެވެއެވެ.

މި ވިއްސާރައާަ ގުޅިގެން ރާޅުގެ އުސްމިން ހުންނާނީ ދެކުނުގެ އަތޮޅުތަކުގައި ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދުގައެވެ. އަދި އެހެން ހިސާބުތަކުގައި ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައެވެ.

މުޅި ރާއްޖެއަށް ވިއްސާރަކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުންނާއި، އާންމު ރައްޔިތުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް