ފޮޓޯ-
ފޮޓޯ-
2026 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރާއްޖޭގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި ސްކޭމްގެ މައްސަލަތައް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ ރެކޯޑުތަކުން އެނގޭ ގޮތުގައި، މިދިޔަ ޖުލައި މަހު އެކަނިވެސް ޖުމްލަ 180 ސްކޭމް މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މި މައްސަލަތަކުގައި ރައްޔިތުންނަށް ލިބުނު މާލީ ގެއްލުމުގެ ޖުމްލަ އަދަދު 1،368،844.56 (އެއް މިލިއަން ތިންލައްކަ ފަސްދޮޅަސް އަށްހާސް އަށްސަތޭކަ ސާޅީސް ހަތަރު ރުފިޔާ ފަންސާސް ހަ ލާރި) އަށް އަރައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، މީގެ ތެރެއިން 78 މައްސަލައަކީ ނުވަތަ ޖުމްލަ މައްސަލަތަކުގެ 43.33 އިންސައްތައަކީ އޮންލައިން ވިޔަފާރީގެ މަކަރާއި ހީލަތުގެ މައްސަލަތަކެވެ.

ޖުލައި މަހުގެ ތެރޭގައި އެވަރޭޖުކޮށް ދުވާލަކު 5.8 ސްކޭމް މައްސަލަ ރިޕޯޓުކޮށްފައިވާއިރު، ކޮންމެ މައްސަލައަކުން އެވަރޭޖުކޮށް 7،604.69 ރުފިޔާގެ ގެއްލުން ރައްޔިތުންނަށް ލިބިފައިވެއެވެ. ނަމަވެސް، ފުލުހުންނާއި މާލީ އިދާރާތައް ގުޅިގެން ކުރި މަސައްކަތުން، ގެއްލުނު ފައިސާގެ ތެރެއިން 635،271.17 ރުފިޔާ (46.41 އިންސައްތަ) ވަނީ އަނބުރާ ހޯދައިދީފައެވެ.

ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތަފްސީލު:

އީ-ކޮމާސް / އޮންލައިން ވިޔަފާރި: 78 މައްސަލަ (43.33)

ބުކިންގ ކެންސަލްކޮށް ރިފަންޑް ހޯދުން: 36 މައްސަލަ (20.00)

އެހެނިހެން ސްކޭމްތައް: 26 މައްސަލަ (14.44)

ބޭރު ފައިސާ މާރުކުރުން: 20 މައްސަލަ (11.11)

އެހެން ފަރާތަކަށް ހެދިގެން އޮޅުވާލުން: 20 މައްސަލަ (11.11)

ފުލުހުން ބުނީ، އޮންލައިން ވިޔަފާރިތަކާއި ބުކިންގ ރިފަންޑް މައްސަލަތައް އެކުވެގެން މަހުގެ ޖުމްލަ މައްސަލަތަކުގެ 63.33 އިންސައްތަ ހިއްސާކުރާ ކަމަށެވެ.

މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، އޮންލައިންކޮށް މުދާ ގަންނައިރު ވިއްކާ ފަރާތުގެ ސައްހަކަން ކަށަވަރު ކުރުމަށާއި، މުދާ ލިބުމުން ފައިސާ ދައްކާ "ކޭޝް އޮން ޑެލިވަރީ" އުސޫލަށް އިސްކަންދިނުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. ސޯޝަލް މީޑިއާ ޕޭޖުތަކުގައި ގިނަ ފޮލޮވަރުން ތިބުމަކީ އެއީ އިތުބާރު ހުރި ވިޔަފާރިއެއްކަމުގެ ހެއްކެއް ނޫންކަމަށާއި، އާދަޔާހިލާފަށް އަގުހެޔޮކޮށް ހުންނަ މުދަލާއި އަވަސް އަވަހަށް ފައިސާ ދެއްކުމަށް ބާރުއަޅާ ފަރާތްތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެ އިތުރުން، ބުކިންގ ކެންސަލްކޮށް ރިފަންޑް ހޯދަން އެދޭ ފަރާތްތަކުން ފޮނުވާ ސްލިޕްތަކަށް އެކަނި އިތުބާރު ނުކުރުމަށާއި، ބޭންކިންގ އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ޖަމާވިކަން ކަށަވަރު ކުރުމަށް ވިޔަފާރިތަކަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބޭރު ފައިސާ މާރުކުރުމުގައި ހުއްދަ އޮންނަ ބޭންކުތަކާއި މަނީ އެކްސްޗޭންޖްތައް ބޭނުން ކުރުމަށާއި، ދަންނަ މީހެއްގެ ނަމުގައި ފައިސާއަށް އެދި މެސެޖު އައި ނަމަވެސް، ފޯނުން ގުޅައި އެކަން ކަށަވަރުކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.

އޭގެއިތުރުން ފުލުހުން ބުނެފައިވަނީ، ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ ލަސްނުކޮށް ބޭންކަށާއި ފުލުހުންނަށް ރިޕޯޓުކުރުމަކީ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ބޮޑުވާނެ ކަމެއް ކަމަށެވެ. އަދި މުއާމަލާތާ ގުޅޭ ހުރިހާ ލިޔެކިޔުންތަކާއި ސްކްރީންޝޮޓްތައް ރައްކާތެރިކޮށް ބެލެހެއްޓުމަށްވެސް ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު