ޞާދިރު ޢަލީދީދީ   27 އޮކްޓޯބަރު 2020 - 14:3
އިރިފުސްމެ
އިރިފުސްމެ
އެޕިސޯޑް 15

................

ރާއްޖޭގެ ބައެއް ފިލްމް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން އެ އާދަޔާ ޚިލާފް ޙާދިޘާގެ މައްޗަށް ލިޔުންތެރިއަކު ލައްވައި ވާހަކަ ލިޔުއްވައި، ފިލްމް އުފައްދާ ވާހަކައާއި، ފިލްމް ކުޅެދޭތޯ ޝަބާބާ ވާހަކަ ދައްކަމުންދާ ކަމުގައިވެސް ބައެއް ނޫސްތަކުގައި ލިޔެފައިވެއެވެ. މި އާދަޔާ ޚިލާފް ޙާދިޘާގެ ސަބަބުން ނޫސްތަކުގެ ވިޔަފާރި، ވަރަށްބޮޑުތަން ކުރިޔަށް ޖެހުނު ކަމަށްވެއެވެ.

އެ ޙާދިޘާއަށް ފިލްމް ހަދަން ޝައުޤުވެރިވުމާއެކު، ރާއްޖޭގެ އެންމެ މަޝްހޫރު އެއް ޑައިރެކްޓަރަކު ސީދާ ރީޙާން ލައްވާ ކުޅުވުމަށްޓަކައި ވަރަށް މަސައްކަތް ކުރި ކަމަށްވެއެވެ. ނަމަވެސް، އެކަމަށް ރީޙާން ދިނީ ބީރު ކަންފަތެވެ.

[އަހަންނަކީ ފިލްމް ސްޓާރެއް ނޫން.] ރީޙާން ބުނި ކަމަށް ނޫސްތަކުގައި ލިޔެފައިވެއެވެ.

[ހިތްވަރުކުރޭ. ދެން އެ ހަނދާންތައް ނައްތާލާ....މިހާރު ދެން އެކަންތައް ހަނދާން ކުރުމަކުން ކުރާނެ ފައިދާއެއް ނެތް.] ހައިޝަމް ރީޙާނަށް ހިތްވަރު ދިނެވެ.

މިހާރު ރީޙާންދެކެ ރަށުގެ ބައެއް ކުޑަކުދިން ބިރުވެސްގަނެއެވެ. ރީޙާން ފެނުނީމާ، ޖިންނި އަވަލީ މީހާއޭ ބުނެ، ބައެއް ކުދިން ދުވެ ފިލައެވެ.

ދުވަސްތައް އާދައިގެ މަތިން ފާއިތުވަމުން ގޮސް، ރީޙާން ލޫބާޔާ ނުލައި ދިރިއުޅޭތާ އެއްމަސް ފުރިއްޖެއެވެ. ލޫބާޔަށް ރީޙާނާ ކައިރިނުވެވޭތީ، މިހާރު ލޫބާގެ ހުރިހާވެސް ވިސްނުމަކީ، ރީޙާންގެ އުނަގަނޑުގައި ހާރޫނުބެ އަޅުވާފައިވާ ތަވީދު ނެގުމެވެ. އެހެން ނޫނީ، އޭނާޔަށް އޭނާގެ ލޯބިވެރިޔާއާ ގާތްކަމެއް ނުބޭއްވޭނެއެވެ. ނަމަވެސް، އޭނާ ވިސްނާ ވިސްނާވެސް އެ ތަވީދު ނަގާނޭ ގޮތެއް ހިތަކަށްނައެވެ. ހަމަގައިމުވެސް ރޫޙާނީ އެއްވެސް ބާރަކަށް މިހާރު ރީޙާނަކާ ކައިރިއެއް ނުވެވޭނެއެވެ. ހުރިހާވެސް މައްސަލައަކީ އެއީއެވެ. މިހާރު ލޫބާޔަށް ކިރިޔާ ރީޙާން ފެންނަފަށަށް ދެވެނީއެވެ. ނަމަވެސް، ލޫބާ ރީޙާނަކަށް ނުފެނެއެވެ. އޭނާ އަމިއްލައަށް ރީޙާން ފެންނަފަށުގައި ހުރެ ކޮންމެ ދުވަހަކުވެސް ރޮއި ހަދައެވެ. މިހާރު މިގޮތުގައިވެސް ދުވަސްތަކެއް ވެއަތުވެގެން ހިނގައްޖެއެވެ.

މިހާރު ރީޙާން ޤަވާޢިދުން ވަޒީފާއަށްވެސް ނިކުމެއެވެ. އޭނާއަށް އޮފީސް ރައްޓެހިންވެސް ވަރަށް ހިތްވަރުދެއެވެ. ޚާއްޞަކޮށް، ރަފީޢުއެވެ.

ރަފީޢަކީ އޮފީހުގައި ހުރި އޭނާގެ އެންމެ ގާތް ރަޙްމަތްތެރިޔާއެވެ.

[އަހަންނަށް ފެންނަނީ، ރީޙާން އެހެން މީހަކާ އިންނަން. އޭރުން ހުރިހާ ހިތާމައެއް ފިލާފާނެ.] ރަފީޢު ރީޙާނަށް ޚިޔާލުދިނެވެ.

[ނޫނޭ...އަހަރެން ދެން އިންތިޒާރު ކުރާނީ....] ރީޙާން ބުނެލިއެވެ.

[ކާކަށް އިންތިޒާރު ކުރާ ވާހަކަތަ ތިބުނީ؟] ރަފީޢު އެއްސެވެ.

[އަހަރެން ލޯބިވި ކުއްޖެއް...މިހާރު އަހަރެންގެ ހުރިހާވެސް ވިސްނުމެއް ވަނީ އޭނާޔާއެކު....އެއީ މިރަށު ކުއްޖެއް، ނަޝްވާ. މިހާރު އޭނަހުރީ ޑޮކްޓަރުކަން ކިޔަވަން މެލޭޝިޔާއަށް ގޮސް.] ރީޙާން ބުންޏެވެ.

[އޭނަ ބުނިތަ، އިންތިޒާރު ކުރާށޭ.] ރަފީޢު އެއްސެވެ.

[އާނ އޭނަ ބުނި، އިންތިޒާރުކޮށް، އޭނާޔަށްޓަކައި ހުރެއްޖެއްޔާ، އަހަންނާ އިންނާކަށް ފަހެއްނުޖެހޭނަމޭ.] ރީޙާން ބުންޏެވެ.

މިހާރު ރީޙާންގެ އެންމެ ގާތް ރަޙްމަތްތެރިޔާ ހައިޝަމްގެ ކައިވެންޏަށް ހަމަސް ފުރިއްޖެއެވެ. އެދެމަފިރިން އުޅެމުންދަނީ ނިކަން އުފާވެރި ދިރިއުޅުމެކެވެ. ދިރިއުޅުން އުފާވެރި ދިރުއުޅުމަކަށް ހެދޭނީ، އަނބިމީހާއަކީ ރަނގަޅު އަޚްލާޤެއްގެ، ފިރިމީހާގެ އިޙްސާސްތަކަށް ކަމޭހިތައި، ފިރިމީހާގެ މަސައްކަތަށް ހުރަސް އެޅޭފަދަ ކަންތައްތަކުން ދުރުހެލި އަންބަކަށް ވެގެނެވެ. ގައިމެވެ. ޝީނާއަކީ އޭގެ ލާމަސީލު ނަމޫނާއެކެވެ. ފިރިމީހާއަކީ އޭނާގެ ބައްޕަގެ ވިޔަފާރި ހިންގަންހުރި މީހާޔަށްވެ، ފިރިމީހާއަކީ ގިނަބަޔަކާ ގުޅުން ޤާއިމްވެފައިވާނޭ މީހެއްކަން އޭނާ ދަނެއެވެ. ފިރިމީހާ އަންހެނަކާ ވާހަކަ ދައްކާލާއިރަށް، އޭނާ ޝަކުވާއެއް ނުކުރެއެވެ. ފިރިމީހާ ގެޔަށް އައިސް ވަންނައިރަށް ޝަކުވާ ކުރުމަކީ ފިރިމީހާގެ ހިތުގައި ތިމާއަށް އޮންނަ ލޯބި އުނިވެގެންދާނޭ ކަމެއް ކަމަށް އޭނާ ޤަބޫލު ކުރެއެވެ. އެކަމަކު ރީޙާންގެ އޮފީސް ރަޙްމަތްތެރިޔާ ރަފީޢުގެ އަނބިމީހާ މުޅިން ތަފާތެވެ. އޭނާ ހުންނާނީ ރަފީޢު ގެޔަށް ނުވަދެގެނެވެ. ޝަކުވާކުރަން ފަށައެވެ. ބައެއްފަހަރު، ރަފީޢާއެކު މިހާރު އުޅޭ އޮފީސް ކުދިންނާ އަޅުވާވެސް ކިޔައެވެ. ޔަޤީނެވެ. ޙަޤީޤަތެއްނެތި އަނބިމީހާއެއް ކަމަކު ވާހަކަ ދައްކަން ވެއްޖެއްޔާ ފިރިމީހާ ފޫހިވާނެއެވެ.

[ކޮބާ ރަފީޢު އަންހެނުން ކިހިނެއް....ރަފީޢު އަބަދުވެސް ފިކުރެއްގައި ހުންނަހެން ހީވަނީ....އަނެއްކާ ހިތްހަމަނުޖެހުމެއް އޮތީތަ؟] ރީޙާނާއި ރަފީޢު ވާހަކަ ދައްކަން ތިބީ އޮފީސް ކައިރީ ހުންނަ ކެފޭއެއްގެ ތެރޭގައެވެ.

[ދެން ރަނގަޅު....އަޞްލު ބުނަން، ގެޔަށް ވަދެއްޖެއްޔާ ވަރަށް ބޮލަށް އުނދަގޫވޭ. އޭނަގެ ކަމަކީ އަބަދުވެސް ކޮންމެވެސް މީހަކާ އަޅުވާކިޔުން. އޭނަގެ އެއްބަނޑު ކުދިންވާެސް އަޅުވާކިޔާފާނެ....ފިސާރި ތެދެއް ބުނަން....ބޯހަލާކު....] ރަފީޢު ކިޔާދިނެވެ.

ރަފީޢާއި އޭނާގެ އަނބިމީހާ ނީޝާގެ ކައިވެންޏަށް މިހާރު ފަސްއަހަރު ފުރެނީއެވެ. ނަމަވެސް، އެދިރިއުޅުމުގައި ހަމަޖެހުމެއް ނެތެވެ. ކައިވެންޏަށް ދެކުދިން ލިބުނުއިރުވެސް ރަފީޢުގެ އަނބިމީހާގެ ކިބައިގައި އެއްވެސް ހަރުދަނާ ގޮތެއް ނުހުރެއެވެ. އަބަދުވެސް އޭނާ ވިސްނަނީ، ކޮންމެވެސް މައްސަލައެއް ފެންމަތިކޮށް، ފިރިމީހާއާ ޒުވާބުކުރާނޭ ފުރްޞަތު ހޯދާށެވެ. އެ ދިރިއުޅުމުގައި ކިތަންމެ އުނދަގޫވިޔަސް، އެ ދެމަފިރިންނަށް ލިބިފައިވާ ލޯބިލޯބި ދެކުދިންގެ ޙައްޤުގައި ކައިވެނި ދާއިމްވޭތޯ ރަފީޢު ވަރަށް އެބަ މަސައްކަތް ކުރެއެވެ.

[ރަފީޢު ކެތްގަދަ...އަހަރެންނަމަ، ކެތެއް ނުކުރެވޭނެ. ޙަޤީޤަތުގައި ޒަވާޖީ ޙަޔާތެއް ދެމިއޮންނާނީ، އަނބިމީހާ ހަރުދަނާ މީހަކަށް ވެގެން...އަދިވެސް ވިސްނައިދީ....ތިކަހަލަ އަނބިން ގެންގުޅެން ރަނގަޅުވާނީ އެކަނި ވަކި ތަނެއްގައި. މިބުނީ ވަކި ދިރިއުޅުމެއްގައި، ވަކި ގެއެއްގައޭ....] ރީޙާން ބުންޏެވެ.

އެއީ ތެދެކެވެ. އެކަހަލަ އަނބިން ގެންގުޅެން އެންމެ ރަނގަޅުވާނީ، ވަކި ގެއެއްގައި އެކަނިމާއެކަންޏެވެ. އޭރުން ޝައްކު ކުރުމާއި ޝަކުވާ ކުރުން ހިސާބަކަށް މަދުވާނޭ ކަމަށް ތަޖްރިބާކާރުން ބުނެއެވެ.

ދުވަސްތައް އޭގެ ޠަބީޢީ ބުރުއަޅަމުން، ބައެއް ފަރާތްތަކުގެ އިންތިޒާރުގެ ދުވަސްތައް އަތްފޯރާފަށަށް ގެނެސް، އަނެއްބަޔަކު މާޒީގެ ހިތާމަތަކާ ދުރަށް ގެންދަމުން ދިޔައެވެ. މިހާރު ރީޙާން އިންތިޒާރު ކުރަމުންދާ ދުވަސްވެސް ކައިރިވަމުން ދަނީއެވެ.

ފާއިތުވެދާ ދުވަސްތަކުގައި، ރީޙާންގެ އުނަގަނޑުގައި ހާރޫނުބެ އަޅުވައިދީފައިވާ ތަވީދަށް އޭނާ ވަރަށް ސަމާލުވެއެވެ. އޭނާގެ ރައްކަލަކީ އެއީކަން އޭނާ ދަނެއެވެ. އެ ތަވީދު އޭނާގެ އުނަގަނޑުގައި އޮތް ކަމުގައިވިޔަސް، އޭނާއަށް ލޫބާގެ މަތިން ހަނދާން ކުރެވެއެވެ. ލޫބާ އިނީ އޭނާގެ ދަރިޔަކަށް ބަލިވެއެވެ. ހަމަގައިމުވެސް މިހާރު ލޫބާ ވިހާފާނެއެވެ. އެކަމަކު ލޫބާ އެ ދަރިފުޅު ރީޙާނަށް ނުދައްކާ އެއުޅެނީ ކީއްވެބާއެވެ.

ލޫބާއަށް ފެނިދާނެތީ ރީޙާން މިހާރު އެއްގޮތަކަށްވެސް އިރިފުސްމެ ވަގުތު ގެއިން ބޭރަކަށް ނުނިކުމެއެވެ. އިރިފުސްމެ ވަގުތު ފަހަނަޅައި ދަންދެން އޭނާ ހުންނަނީ ގޭގައެވެ. ނުވަތަ އޮފީހުގައެވެ.

އެއްރެއެއްގެ އިރިފުސްމެ ވަގުތެވެ. އޮފީސް ނިމުނީމާ، ކޮންމެހެން ގެޔަށް ދާންޖެހިގެން ރީޙާން ސައިކަލަށް އަރާ ދުއްވާލައިފިއެވެ. އޭނާއަށް އާދަޔާ ޚިލާފު ކަމަކާ ދިމާވީ ފޭދޫއާއި މަރަދޫފޭދޫ އަދި މަރަދޫ ފަހަނައަޅައި، މީހުން ނޫޅޭ ސަރަޙައްދަށް އެރުނު ފަހުންނެވެ. އޭނާ ސައިކަލްގެ ސްޕީޑް ބާރުކޮށްލިއެވެ. ލޫބާޔާ ވަކިވުމަށްފަހު، ފާއިތުވެދިޔަ ދުވަސްތަކުގައި ދުވަހަކުވެސް ރޭގަނޑުގެ ވަގުތު އޭނާ އެކަނި ފަޅުރަށްތައް ހުރަސްކޮށްފައި ނުވެއެވެ. ކުއްލިއަކަށް ރީޙާނަށް ސައިކަލްގެ ދުވެލި މަޑުކޮށް، މައްޗަށް ބަލައިލެވުނީ މަތިން އެއްޗެއް އުދުހިފައި އަންނަހެން ހީވެގެނެވެ. އެޔާއެކު އޭނާއަށް ސައިކަލްގެ ބުރަކި ޖައްސާލެވުނެވެ. އޭނާގެ ބޯމަތިން، ބާރަވަރަކަށް ފޫޓް މަތިން ދަތުރު ކުރަމުން އެދަނީ ނުހަނު ބިޔަ ދޫންޏެކެވެ. އެ ދޫނީގެ ފިޔަގަނޑުމަތީގައި ކުޑަކުޑަ ކުއްޖަކު އިނެވެ. އެއީ ލޫބާގެ ކަމެއްކަން ޔަޤީންވުމާއެކު، ރީޙާން އަނެއްކާވެސް ސައިކަލް ދުއްވާލައިފިއެވެ.

[ބައްޕާ....ބައްޕާ....] ރީޙާން މިފަހަރު ހުއްޓުނީ ކުޑަ ކުއްޖެއްގެ އަޑުންނެވެ. ރީޙާން ސައިކަލްގެ ދުވެލި މަޑުކޮށް، އަނެއްކާވެސް މައްޗަށް ބަލައިލިއެވެ. އެ ބިޔަ ދޫނީގެ ފިޔަގަނޑުމަތީގައި އިން ކުޑަކުޑަ ފިިރިހެން ކުއްޖާ އިނީ، ރީޙާނާ ދިމާއަށް ބަލަހައްޓައިގެން ހިނިއައިސްފައެވެ. އެއީ މަޢުޞޫމް ލޯބިލޯބި ކުއްޖެކެވެ. އެ ދޫނިވެސް އުދުހެމުން ދިޔައީ ސީދާ ރީޙާނާ އެކުއެކީގައެވެ.

[ބައްޕާ....ކޮއްކޮ އުރާލަބަލަ...ބައްޕަގެ އުނަގަނޑުގައި ތިއޮތް ތަވީދު ނަގާފައި ކޮއްކޮއާ ވާހަކަ ދައްކާލަބަލަ. ކޮއްކޮ ވަރަށް ލޯބިވޭ ބައްޕަދެކެ...] ފިޔަގަނޑު ދޭތެރޭގައި އިނދެ، އެކުއްޖާ މަޢުޞޫމް ގޮތަކަށް ބުންޏެވެ. ރީޙާން ގަނޑުވެފައި ކަހަލަ ގޮތަކަށް އެދިމާއަށް ބަލަން ހުއްޓެވެ. ހީވާކަހަލައެވެ. އެ ދަރިފުޅު އުރާލާ ލޯބިކޮށްލަން އޭނާ ބޭނުންވަނީއެވެ. ވުމާއެކު، އޭނާގެ އުނަގަނޑުގައި އަޅާފައިވާ ތަވީދު އޭނާ އެއްލާލާނީ ނޫންބާއެވެ. ހުއްޓުން އަރާފައި ހުރި ރީޙާންގެ ހިތަށްއެރީ ކީކޭކަމެއްވެސް ނޭނގެއެވެ. އޭނާ ސައިކަލްގެ ދުވެލި ބާރުކޮށްލައިފިއެވެ. ނަމަވެސް، އެއްވަރެއްގައި އޮވެގެން އޭނާގެ ބޯމަތިން ދަތުރުކުރަމުންދިޔަ ދޫނި ދަތުރުކުރަމުން ދިޔައެވެ. ދޫނި ދަތުރުކުރަމުން ދަނީ އޭނާގެ ކުރީގައި އޮވެގެންނެވެ.

މިހާރު ރީޙާން މައްޗަށް ބަލައިވެސްނުލައެވެ. އޭނާއަށް ގެޔާ ހަމަޔަށް ދެވުނުއިރުވެސް، އެ ދޫނި އޭނާގެ ކުރީގައި އޮވެގެން ދަތުރުކުރަމުން ދިޔައެވެ. ރީޙާން ގެޔަށް ވަދެ، މަންމައާއި ބައްޕަ ގާތު ލޫބާގެ ތުރާތައް އަނެއްކާވެސް ފެށިއްޖެއޭ ބުނެފިއެވެ. އަދި އޭނާގެ ދަރިފުޅު ދުށް ކަމަށާއި، ނަމަވެސް ތަވީދުގެ ސަބަބުން ކައިރި ނުވެވުނު ވާހަކަވެސް ބުންޏެވެ.

[ކައިރި ނުވެވެންޏާ އެއްވެސް މައްސަލައެއް ނޫން....އަޅާނުލާ. ބައްޕަ އަދި ހާރޫނުބެ ގާތު ބުނެގެން އިތުރަށް ވަރުގަދަ އެއްޗެއް ތައްޔާރު ކުރުވާނަން. ދެން ޖެހޭނީ، ތި އެތި އެކަށް މިއަތޮޅުން ފައްސާލަން. އޭރުން ހުރިހާ ކަމެއް ހަމަޖެހިދާނެ.] ރީޙާންގެ ބައްޕަ މަޖީދު ބުންޏެވެ.

ރީޙާން ބޭނުންވަނީ ދާއިމަށް ލޫބާގެ ކިބައިން ސަލާމަތްވާށެވެ. އެހެން ނަމަވެސް، އޭނާގެ ދަރިފުޅު ދެކެލުމުގެ ޝައުޤުވެރިކަން އޭނާގެ ހިތުގައި ވަރަށްބޮޑަށް ވެއެވެ.

ދުވަސްތައް ފާއިތުވަމުންދެއެވެ. ފާއިތުވެދާ ކޮންމެ ދުވަހެއްގައިވެސް ރީޙާނަށް ދުރުން މާދުރުން ލޫބާގެ ނިޝާންތައް ފެންނަމުންދެއެވެ. ނަމަވެސް، ލޫބާގެ ކިބައިން އެއްވެސް އުނދަގުލެއް ނުވާތީ، ރީޙާން އެކަމަކާ މާބޮޑަކަށް ނުވިސްނައެވެ. ނަމަވެސް، އޭނާގެ ދަރިފުޅާ ދޭތެރޭ އޭނާއަށް ވަރަށް ބޮޑަށް ވިސްނެއެވެ.

މިހާރު ރީޙާނާއި ލޫބާ ވަކިވިތާ ތިންއަހަރުވީއެވެ. ވުމާއެކު، ރީޙާންގެ މައިންބަފައިން މިހާރު ވިސްނަމުންދަނީ، ރީޙާން މީހަކާ ދެވުމަށެވެ. އެމީހުން މިހާރު އެ ޢާއިލާގެ ގާތް ކުއްޖަކާ މަޝްވަރާވެސް ކޮށްފިއެވެ. އެއީ އެ ޢާއިލާގެ ދުވަސްވީ ރަޙްމަތްތެރިއެއްގެ ދަރިއެކެވެ.

[ދަރިފުޅާ ރީޙާން...ބައްޕަމެން އެބަ ވިސްނަން، ދަރިފުޅުގެ ކައިވެނި، ބައްޕަގެ ރައްޓެހި ޢުޘްމާންގެ ދަރިފުޅާ ހަމަޖައްސަން. ބައްޕައަށް ހީވަނީ އެއީ ރަނގަޅު ކަމެއްހެން.] މަޖީދު ބުންޏެވެ. ރީޙާން ވިސްނާލިއެވެ. ދެން ނަޝްވާ ނޫން އެހެން މީހަކާ ކައިވެނި ކުރުމަކީވެސް އޭނާ ވިސްނާ ކަމެއް ނޫނެވެ.

މިހާރު ރީޙާންގެ ހުރިހާވެސް ފިކުރަކީ ނަޝްވާ ޑޮކްޓަރަކަށް ވެގެން އައުމުން، އޭނާޔާ ކައިވެނި ކުރުމެވެ.

[ބައްޕާ....މިވަގުތު އަދި އަހަރެން ކައިވެންޏަކާމެދު ނުވެސް ވިސްނަން. އަހަރެން އިންނަން ބޭނުންވާ ކުއްޖާ ކިޔަވައި ނިމިގެން އަންނާކަށް، ދެން މާގިނަ ދުވަސްތަކެއް ނެތް....] ރީޙާން ބުންޏެވެ.

[އެކުއްޖަކީ ކާކުތަ؟ މީގެކުރިންވެސް ދަރިފުޅު އަމިއްލައަށް ހޯދައިގެން އިން ކުއްޖާގެ ސަބަބުން ދަރިފުޅަށް ކެހި ލިބިއްޖެ. އިތުރަށް އެކަހަލަ ކެއްސެއް ލިބޭކަށް ބައްޕައެއް ނޭދެން.] މަޖީދު ބުންޏެވެ. އޭނާ ބޭނުންވަނީ ރީޙާނަށް ވިސްނައިދީގެން ޢުޘްމާންގެ ދަރިފުޅު ރާނިޔާއާ ކައިވެނި ކުރުވާށެވެ.

[ބައްޕާ، އަހަރެން ތިކަންތަކާ އެބަ ވިސްނަން. ވިސްނާފައި ގޮތެއް ނިންމާނަން. ބައްޕާ ނަޝްވާ ޑޮކްޓަރުކަން ކިޔަވައިގެން އަންނަންވާއިރަށް، އަހަރެން ޤަޞްދުކުރަނީ އިންތިޒާރު ކުރަން.] އަނެއްކާވެސް ރީޙާން ބުންޏެވެ.

[ތިބުނާ ކުއްޖާޔަށް އެނގޭނެތަ، ދަރިފުޅު އިންތިޒާރު ކުރާކަން.] ރީޙާންގެ ވާހަކަ އަޑުއަހަން ހުރެފައި، ޤިސާމާ ބުންޏެވެ. ރީޙާން ބޯޖަހާލިއެވެ.

[ދަރިފުޅާ...ބޭރުގައި ކިޔަވަން ތިބެފައި އަންނަ ކުދިން، ގިނަފަހަރު އަންނާނީ....އެއުޅޭ ތާކުން މީހަކާ ރައްޓެހިވެގެން ނޫނީ ކައިވެނިކޮށްގެން.] މަޖީދު ބޭނުންވަނީ ދަރިފުޅަށް ވިސްނައިދޭށެވެ.

[ތިހެންވެސް ވެދާނެ ބައްޕާ. އެކަމަކު ބައްޕަމެން ތިބުނާ ރާނިޔާ އަހަރެން ނުވެސް ދަންނަން. އަހަންނާ އިންނަން ރާނިޔާ ޤަބޫލުތަ؟] ރީޙާންގެ ޚިޔާލު މަޑުމަޑުން ބަދަލުވާން ފެށިއެވެ. ޢަމުދުން މިހާރުވެސް ނަޝްވާ އަންނަން އަތްނުލާ ދެއަހަރަށްވުރެން ގިނަ ދުވަސް އެބައޮތެވެ.

ރީޙާނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ނަޝްވާ އަންނާނީ އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކަށް ވުމަށްފަހުގައެވެ. އޭނާގެ ވިސްނުންހުރީ ޑޮކްޓަރުކަން ކިޔަވައިގެން އައިސް، އަމިއްލަ ކްލިނިކެއް ހުޅުވައިގެން ޚިދްމަތްދޭށެވެ. އަމިއްލަ ވަޒަނުގައެވެ.

[ބައްޕަ އެބަ ބުނޭ، ރާނިޔާއާ އިންނާށޭ...ހައިޝަމް ރާނިޔާ ދަންނަންތަ؟] ރީޙާނާ ހައިޝަމް ވާހަކަ ދައްކަން ތިބީ ހިތަދޫ ލިންކް ރޯޑް ސަރަޙައްދުގައި ހުރި ކެފޭއެއްގެ ތެރޭގައެވެ.

[އާނ، އެއީ ވަރަށް ރީތި ކުއްޖެއް. ރީޙާނާ ވަރަށް ގުޅޭނެ. ރަނގަޅު ކަމެއް ކޮށްލަން. ހިނގާ އެގެޔަށް ދަމާ. ނުކެރެންޏާ އަހަރެން ގެންގޮސްދީފާނަން.] ހައިޝަމް ބުންޏެވެ. ރާނިޔާއަކީ ހައިޝަމްގެ ގެ ކައިރީ ކުއްޖެކެވެ. ވުމާއެކު، އޭނާ ނިކަން ރަނގަޅަށް ރާނިޔާ ދަނެއެވެ.

[އަދި ދާނެ ކަމެއް ނެތް...އަހަރެން ހަމަ ބޮޑަށް ނަޝްވާޔަށް އިންތިޒާރު ކުރާހިތްވަނީ. ނަޝްވާޔަކީ އަހަރެން ފުރަތަމަ ލޯބިވި މީހާ...] ރީޙާން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން