އެމްއެމްއޭ
އެމްއެމްއޭ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދިވެހި ދަރިވަރުންނަށާއި ދަސްވެނިންނަށް މަރުކަޒީ ބޭންކުގެ މަސައްކަތްތަކާއި މާލީ ދާއިރާގެ އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ އިންޓާންޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މި ފަހަރުގެ ޕްރޮގްރާމުގައި ޖުމްލަ 10 ފުރުސަތު ކަނޑައަޅާފައިވާއިރު، މިއީ އޯލެވެލް، އޭލެވެލް، ޑިގްރީ ނުވަތަ މާސްޓާޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. ދެ ހަފުތާއާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް ކުރިއަށްގެންދާ މި އިންޓާންޝިޕަށް ހޮވޭ ފަރާތްތަކުގެ މަސައްކަތު ގަޑިއަކީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 3:00 އަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް އެ ފަރާތެއްގެ ތައުލީމީ ފެންވަރަށް ބަލައި އުޖޫރައެއް ދިނުމަށް އެމްއެމްއޭއިން ވަނީ ނިންމާފައެވެ. އެގޮތުން އޯލެވެލް އަދި އޭލެވެލް ހަދާފައިވާ ފަރާތްތަކަށް 8،000 ރުފިޔާ، ޑިގްރީއެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް 9،000 ރުފިޔާ، އަދި މާސްޓާސް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް 10،000 ރުފިޔާގެ އުޖޫރައެއް ލިބިގެންދާނެއެވެ.

މި ޕްރޮގްރާމުގެ ދަށުން ބައިވެރިންނަށް ތަފާތު ދާއިރާތަކުން ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. އޭގެ ތެރޭގައި އިކޮނޮމިކްސް، އައިޓީ، މީޑިއާ އެންޑް ކޮމިއުނިކޭޝަން، ލީގަލް، ބޭންކިން، އެކައުންޓިން އަދި އެޑްމިނިސްޓްރޭޝަން ފަދަ ދާއިރާތައް ހިމެނެއެވެ.

މި ޕްރޮގްރާމަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 13 ވަނަ ދުވަހެވެ. ޝައުގުވެރިވާ ފަރާތްތަކުން ސަރުކާރުގެ ކެރިއަރ ޕޯޓަލް މެދުވެރިކޮށް ސީވީއާއި ތައުލީމީ ސެޓުފިކެޓުތަކާއެކު ފޯމު ހުށަހަޅަންޖެހޭނެއެވެ. 18 އަހަރު ނުފުރޭ ކުދިންނަށް ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ބޭނުންވާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭއިން އިތުރަށް ބުނީ، ޝޯޓްލިސްޓް ކުރާ ފަރާތްތައް ހޮވުމުގައި މާލީ ދާއިރާއަށް ހުރި ޝައުގުވެރިކަމާއި، ލީޑަރޝިޕް ހުނަރާއި، މުއާމަލާތް ކުރުމުގެ ގާބިލުކަމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު