ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން ކޮންމެ މީހަކީވެސް ވަރުބަލިކަން އިހުސާސްކުރަންޖެހޭނެ މީހެކެވެ. ނަމަވެސް، އަބަދު ވަރުބަލިވެފައި ހުރުމަކީ އާންމު ކަމެއް ނޫނެވެ. ގިނަ ފަހަރަށް މިފަދަ ވަރުބަލިކަމަކީ އަހަރެމެންގެ ދިރިއުޅުމުގެ އާދަކާދަތަކާ ނުވަތަ ސިއްޙީ ބައެއް ކަންކަމާ ގުޅިފައިވާ ކަމެކެވެ. ތިރީގައި މިވަނީ އަބަދު ވަރުބަލިކަން އިހުސާސްވާން މެދުވެރިވާ މައިގަނޑު ސަބަބުތަކެވެ.

ވަރުބަލިކަން އިހުސާސްވާ އެންމެ އާންމު އެއް ސަބަބަކީ ބޭނުންވާ މިންވަރަށް ކާބޯހައިޑްރޭޓްސް ހަށިގަނޑަށް ނުލިބުމެވެ. ހަކަތަ ހޯދުމަށްޓަކައި ހަށިގަނޑަށް ރަނގަޅު ކާނާ ބޭނުންވެއެވެ. ވަކިން ހާއްސަކޮށް، ރިފައިންޑް ކާބޯހައިޑްރޭޓްސް (ހަކުރު ގިނަ ތަކެތި) ގިނައިން ކެއުމުން ލޭގައި ހަކުރު ހުންނަ މިންވަރު ކުއްލިއަކަށް މަތިވެފައި އަލުން ދަށްވެއެވެ. މީގެ ސަބަބުން ވަރުބަލިކަން އިހުސާސްވެއެވެ. އެހެންކަމުން، ފައިބަރާއި މުއްސަނދި ކާނާ އިޚްތިޔާރުކުރުން މުހިންމެވެ.

ކަސްރަތު ނުކުރުމަކީވެސް ވަރުބަލިކަމުގެ ސަބަބެކެވެ. ގިނަ މީހުން ހީކުރަނީ ވަރުބަލިވާތީ ކަސްރަތު ނުކުރެވެނީ ކަމަށެވެ. ނަމަވެސް، ދިރާސާތަކުން ދައްކާ ގޮތުގައި ހެލިފެލިވެ އުޅުމަކީ ހަށިގަނޑުގެ ހަކަތަ އިތުރުކޮށްދޭ ކަމެކެވެ. މަދު މަދުން ނަމަވެސް ކަސްރަތު ކުރުމުން ވަރުބަލިކަން ކުޑަވެގެންދެއެވެ. މީގެ އިތުރުން، ނިދި މަދުވުމަކީ ވަރުބަލިކަމުގެ އެންމެ ބޮޑު އެއް ސަބަބެވެ. ރޭގަނޑު މަދުވެގެން 7 ގަޑިއިރާއި 9 ގަޑިއިރާ ދެމެދު ނިދަން ބޭނުންވެއެވެ. ނިދި މަދުވުމުން ސިކުނޑިއަށާއި ހަށިގަނޑަށް ބޭނުންވާ އަރާމު ނުލިބި، ދުވާލު ގަޑީގައި ވަރުބަލިކަން އިހުސާސްވެއެވެ.

ކާނާގެ ބާވަތްތަކަށް ބަލާއިރު، ޕްރޮޓީން މަދުވުމަކީވެސް ވަރުބަލިވާ ކަމެކެވެ. ޕްރޮޓީން ބޭނުންކުރުމުން މެޓަބޮލިޒަމް ރަނގަޅުވެ، ވަރުބަލިކަން ކުޑަކޮށްދެއެވެ. ހަމައެއާއެކު، ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ނުބުއިމަކީ (ޑީހައިޑްރޭޝަން) ވަރުބަލިކަމާއި ބޯއެނބުރުން ފަދަ ކަންކަން މެދުވެރިވާ ކަމެކެވެ. ހަށިގަނޑުގެ މަސައްކަތްތައް ފުރިހަމައަށް ކުރިއަށް ގެންދިއުމަށްޓަކައި ދިޔާ ތަކެތި ބޭނުންވެއެވެ.

ނަފްސާނީ ގޮތުން ކުރިމަތިވާ ސްޓްރެސް ނުވަތަ ފިކުރު ބޮޑުވުމަކީވެސް ވަރުބަލިކަމަށް މަގުފަހިވާ ކަމެކެވެ. އަބަދު ކަންކަމާ ފިކުރުކުރުމަކީ ހަށިގަނޑުގެ ހަކަތަ ދަމައިގަންނަ ކަމެކެވެ. މީގެ އިތުރުން، އެނާޖީ ޑްރިންކްސް ފަދަ ތަކެތި ބޭނުންކުރުމަކީ ވަގުތީ ގޮތުން ހަކަތަ ލިބުނު ކަމަށް ހީވިޔަސް، އޭގެ އަސަރު ކެނޑުމުން ކުރިއަށްވުރެ ބޮޑަށް ވަރުބަލިކުރުވާ ކަމެކެވެ.

ބައެއް ކަހަލަ ކާނާއަށް އެލާޖިކްވުމަކީވެސް ވަރުބަލިކަމުގެ ސަބަބަކަށް ވެދާނެއެވެ. ގިނަ ފަހަރަށް ވަކި ކަހަލަ ކާނާއެއް ކެއުމުން ބޮލުގައި ރިއްސުން ނުވަތަ ވަރުބަލިކަން އިހުސާސްވާނަމަ، އެއީ އެ ކާނާ ހަށިގަނޑަށް ނުގުޅުމުގެ ނިޝާނެކެވެ. ހަމައެހެންމެ، މާ ގިނައިން ކެލޮަރީ މަދުކޮށް ކެއުމަކީ ހަށިގަނޑުގެ މެޓަބޮލިޒަމް ދަށްކޮށް، ވަރުބަލިކުރުވާ ކަމެކެވެ. ހަށިގަނޑަށް ބޭނުންވާ އަސާސީ މިންވަރަށް ކެލޮރީ ލިބެންޖެހެއެވެ.

އަބަދު ވަރުބަލިކަން އިހުސާސްވާނަމަ، ތިމާގެ ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލު ގެންނަންޖެހެއެވެ. ރަނގަޅު ކާނާ ކެއުމާއި، ގަވާއިދުން ކަސްރަތުކުރުމާއި، ހަމަނިދި ހޯދުމަކީ ވަރުބަލިކަމުން ސަލާމަތްވުމަށް ކުރެވިދާނެ މުހިންމު ކަންކަމެވެ. މިފަދަ ބަދަލުތައް ގެނައުމުންވެސް ވަރުބަލިކަން ފިލައިނުދާނަމަ، ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ އެންމެ ރަނގަޅު ގޮތެވެ.



ކިޔުންތެރިންގެ ހިޔާލު