ފްރެންޑް 4 ދޯނިން ގެއްލުނު މީހުން-
ފްރެންޑް 4 ދޯނިން ގެއްލުނު މީހުން-
މިދިޔަ ބުދަ ދުވަހު ކަނޑުމަތީގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، ރާއްޖެއާ ގާތް ގުޅުން އޮންނަ ގައުމުތަކުގެ ފަންނީ އެހީތެރިކަން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

މި ހާދިސާއަކީ "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ތ. މަޑިފުށިން ފުރައިގެން ތިލަފުއްޓަށް ގޮސް، އެ ރަށުން ހިލަ އާއި ހިލަވެލި ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް ކަނޑުވެ، އަޑިއަށް ދިއުމުގެ ސަބަބުން ހިނގި ހާދިސާއެކެވެ.

އެމްއެންޑީއެފްއިން މައުލޫމާތު ދޭ ގޮތުގައި، ދޯނި އަޑިއަށް ދިޔަ ވަގުތު އޭގައި ޖުމްލަ އަށް މީހުން ތިއްބެވެ. އޭގެ ތެރެއިން ހަތް މީހަކު ވަނީ ކަނޑުމަތިން ސަލާމަތް ކުރެވިފައެވެ. ނަމަވެސް، މި ހާދިސާގައި އެހީތެރިކަން ފޯރުކޮށްދީ މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަނުގައި އަމަލީ ގޮތުން ބައިވެރިވި ފުލުހަކާއި ސިފައިންގެ މީހެއްގެ އިތުރުން ދޯނީގެ ކައްޕި ވަނީ ގެއްލިފައެވެ.

ގެއްލިގެން ހޯދަމުންދަނީ ނ. މަނަދުއަށް ނިސްބަތްވާ 33 އަހަރުގެ ޕޮލިސް ސާޖަންޓް އަލީ ނާފިއު އާއި، އެމްއެންޑީއެފްގެ 39 އަހަރުގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދުގެ އިތުރުން، ދޯނީގެ ކައްޕި ކަމަށްވާ ތ. މަޑިފުށީ، 35 އަހަރުގެ މުހައްމަދު ހަމްދޫނެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ގެއްލުނު މީހުން ހޯދުމަށް ކަމަށެވެ. އަދި މި އޮޕަރޭޝަނަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމަށް ރާއްޖެއާ ގާތް ގުޅުން އޮންނަ ގައުމުތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ފާހަގަކުރިއެވެ. މިނިސްޓްރީން މިކަން ހާމަކޮށްފައި މިވަނީ، ގެއްލުނު މީހުން ހޯދުމުގައި ބޭރުގެ އެހީތެރިކަން ނުހޯދަނީ ކީއްވެގެންތޯ ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައެވެ.

މި ތިން މީހުން ހޯދުމުގެ މަސައްކަތުގައި މިހާރުވެސް ވައިގެ މަގުން ޔޫއޭވީ ނުވަތަ ޑްރޯންގެ އިތުރުން މޯލްޑިވިއަންގެ ފްލައިޓެއް އަންނަނީ ބޭނުންކުރަމުންނެވެ.

އެމްއެންޑީއެފް އިން ރޭގެ ވަގުތެއްގައި ބުނީ ‏ފްރެންޑް 4 ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު 3 މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 6112 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1370.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު މީހުން އަދި ފެނިފައި ނުވާކަމަށް އެމްއެންޑީއެފް އިން ހާމަކުރިއެވެ.

ސަރުކާރުން ވަނީ ލިބެން ހުރި ހުރިހާ ވަސީލަތެއްގެ ބޭނުންކޮށްގެން، އެ މީހުން ހޯދުމުގެ މަސައްކަތް މެދުކަނޑާނުލާ ކުރިއަށް ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އާއިލާތަކަށާއި ރައްޔިތުންނަށް ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު