ވަޠަނީ ހިދުމަތުގެ ޕްރޮގްރާމެއްގެ ތެރެއިން
ވަޠަނީ ހިދުމަތުގެ ޕްރޮގްރާމެއްގެ ތެރެއިން
ޒިންމާދާރު އަދި ގައުމީ ލޯބިި ހުރި ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "ވަޠަނީ ޚިދުމަތުގެ އަސާސީ ތަމްރީނު" ޕްރޮގްރާމުގެ ހަތަރުވަނަ ބެޗަށް ކުދިން ހޮވުމުގެ މުހިންމު މަރުހަލާތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ސެލެކްޝަން ޕްރޮސެސްއާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ލެފްޓިނެންޓް ކާނަލް އިބްރާހިމް ހަލީމް ވިދާޅުވީ، މި ބެޗުގައި ފުރުސަތު ދީފައިވަނީ ތިންވަނަ ބެޗަށް ކުރިމަތިލީ ކުދިންގެ ތެރެއިން ޖާގަ ނުލިބި ތިބި ކުދިންނަށް ކަމަށެވެ. މި މަސައްކަތް ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެމްއެންޑީއެފްގެ 6 ޓީމަކުން މާލެ ހިމެނޭހެން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ނިސްބަތްވާ 13 މަރުކަޒެއްގައި ހަރަކާތްތެރިވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކުދިން ހޮވުމުގައި ބަލާ މިންގަނޑުތަކަށް އަލިއަޅުވާލައްވަމުން ހަލީމް ވިދާޅުވީ، މި މަރުހަލާގައި އެޕްޓިޓިއުޓް ޓެސްޓާއި، އިންޓަވިއުއާއި، ފިޒިކަލް ޓެސްޓުގެ އިތުރުން ފުރުމުގެ ހުނަރު ބަލާ ސްވިމިންގ ޓެސްޓާއި ސިއްހީ ހާލަތު ދެނެގަތުމަށް ހެލްތް ސްކްރީނިންގ ކުރިއަށްދާނެ ކަމަށެވެ. އަދި މި މަސައްކަތުގައި ސަރުކާރުގެ އެކި މުއައްސަސާތަކާއި ރަށު ކައުންސިލްތަކުން ލިބެމުންދާ ފުރިހަމަ އެއްބާރުލުމަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

ވަޠަނީ ޚިދުމަތުގެ މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ ދަށުން، ދިވެހި ޒުވާނުންނަކީ އިސްލާމީ އަގީދާގެ މަތީގައި ތަރުބިއްޔަތުވެފައިވާ، އަޚުލާގީ ގޮތުން ނަމޫނާ ބަޔަކަށް ހެދުމަށް ފަރުމާކޮށްފައިވާ ހަރަކާތެކެވެ. މި ތަމްރީނުތަކުގައި ސުލޫކީ މިންގަނޑުތަކުގެ އިތުރުން، ކުއްލި ހާލަތްތަކުގައި ބޭނުންވާނެ ފަސްޓް އެއިޑް، އަލިފާން ނިއްވުމުގެ ހުނަރުތައް، އަމިއްލަ ނަފްސުގެ ދިފާއުގައި ބޭނުންކުރާނެ އުކުޅުތައް އަދި އަސްކަރީ ތަމްރީނުގެ މުހިންމު ބައިތައް ދަސްކޮށްދެވޭނެއެވެ.

މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލާ ދަރިވަރުންނަށް ސެޓްފިކެޓް 3 ފެންވަރުގެ 'ސިވިލް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް' ސެޓިފިކެޓާއި، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ އަދި ބޭސިކް ފަސްޓް އެއިޑް ސެޓިފިކެޓް ލިބިގެންދާނެއެވެ. މިއީ ވަޒީފާގެ މައިދާނަށް ނުކުންނަ ޒުވާނުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

މިހާތަނަށް މި ޕްރޮގްރާމުގެ 2 ބެޗެއްގެ ތަމްރީނު ފުރިހަމަވެފައިވާއިރު، 3 ވަނަ ބެޗުގެ ކިޔެވުމާއި ތަމްރީނުތައް މިހާރު ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ. ތިންވަނަ ބެޗުގައި ރާއްޖޭގެ 112 ރަށަކުން ޖުމުލަ 352 ކެޑޭޓުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި 288 ފިރިހެން ކުދިންނާއި 64 އަންހެން ކުދިން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު