21 ކިލޯ މަސްތުވާތަކެތި މައްސަލައިގައި ހައްޔަރުކުރި ތިން މީހުން، ފޮޓޯ: ފުލުހުން
21 ކިލޯ މަސްތުވާތަކެތި މައްސަލައިގައި ހައްޔަރުކުރި ތިން މީހުން، ފޮޓޯ: ފުލުހުން
21 ކިލޯ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ދިވެހި މީހާ، މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބަލައި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ކަސްޓަމްސްއާއި ފުލުހުން ގުޅިގެން މާލޭގައި ހިންގި ހާއްސަ "ކޮންޓްރޯލް ޑެލިވަރީ" އޮޕަރޭޝަނެއްގެ ތެރެއިން ހައްޔަރުކުރި މި މީހަކީ ލ. ކަލައިދޫ، ހިޔާވަހި، އުމުރުން 27 އަހަރުގެ ޢަބްދުﷲ ރާއިފްއެވެ. އޭނާގެ މައްޗަށް ކުށް ސާބިތުކުރެވޭ މިންވަރުގެ އެކަށީގެންވާ ހެކި ފުލުހުން ހުށަހަޅާފައިވާކަން ފަނޑިޔާރު ނެރުއްވި އަމުރުގައި ވަނީ ބަޔާންކުރައްވާފައެވެ.

މި މައްސަލައިގެ ތަހުގީގު ފެށިގެން އައީ މިދިޔަ މެއި މަހުގެ 4 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 7 ކިލޯގެ މަސްތުވާތަކެތީގެ ޝިޕްމަންޓެއް ކަސްޓަމްސް އިން އަތުލައިގަތް ހިސާބުންނެވެ. އެ ތަކެތި ފުލުހުންނާ ހަވާލުކުރުމުން، މީގެ އަޑީގައި ތިބި މީހުން ހޯދުމަށް ފުލުހުން ހިންގި އޮޕަރޭޝަނުގައި މާލޭގެ ދެ ގެއެއް ބަލައި ފާސްކުރިއިރު، އިތުރު 13 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ.

ރާއިފްގެ އިތުރުން މި މައްސަލައިގައި ބަންގްލަދޭޝްގެ ދެ ރައްޔިތުން ކަމަށްވާ އެމްޑީ ޖޯޝިމް އުއްޑިން (43އ) އަދި މަމުން ދަލި (32އ) ވެސް ވަނީ ހައްޔަރުކޮށްފައެވެ. މި އެންމެންގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ ކަމުގެ ތުހުމަތެވެ.

މި މައްސަލައިގައި ހިމެނޭ ބިދޭސީ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އެންމެ ފަހުން މިދިޔަ ޖުލައި 30 ގައި ކޯޓަށް ހާޒިރުކުރުމުން ދިން 15 ދުވަހުގެ މުއްދަތު އަންނަ ހުކުރު ދުވަހަށް ހަމަވާނެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު