މިނިސްޓްރީ އޮފް ފިނޭންސް
މިނިސްޓްރީ އޮފް ފިނޭންސް
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއިން އާންމުކޮށްފައިވާ އެންމެ ފަހުގެ "ވިކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުން ދައްކާ ގޮތުގައި، ކޯޕަރޭޓް އިންކަމް ޓެކްސް އާއި އާންމު މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީ.ޖީ.އެސް.ޓީ) އިން ލިބުނު އާމްދަނީ އިތުރުވުމާއެކު، 06 އޯގަސްޓް 2026 ގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 26.5 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

މިއީ ފާއިތުވި އަހަރުގެ އެ މުއްދަތުގައި ލިބުނު 24.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 9.3 އިންސައްތައިގެ އިތުރުވުމެކެވެ.

ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް ކުރާ ޓެކްސް އާމްދަނީ ވަނީ 18.7 ބިލިއަން ރުފިޔާއިން 20.5 ބިލިއަން ރުފިޔާއަށް (10.1 އިންސައްތައިން) އިތުރުވެފައެވެ. މީގެ ތެރެއިން ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މުދަލާއި ޚިދުމަތުން ނަގާ ޓެކްސްގެ ގޮތުގައި ޖުމްލަ 10.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މީގެ ތެރޭގައި ޖީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު 3.4 ބިލިއަން ރުފިޔާއާއި ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު 7.1 ބިލިއަން ރުފިޔާ ހިމެނެއެވެ. އިމްޕޯޓް ޑިއުޓީން 2.0 ބިލިއަން ރުފިޔާ، ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސްގެ ގޮތުގައި 5.3 ބިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ، އަދި އެއާޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

މީގެ އިތުރުން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި 454.8 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ.

ދައުލަތުގެ ދަރަނި ދެއްކުމުގެ އިލްތިޒާމްތައް އަދާކުރުމުގެ ގޮތުން، ފާއިތުވި ހަފްތާގައި ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބޭރުގެ ލޯނުތައް އަދާކުރުމަށެވެ. އެގޮތުން 06 އޯގަސްޓް 2026 ގެ ނިޔަލަށް ލޯނު ދެއްކުމަށް ޖުމްލަ 9.6 ބިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ޚަރަދުވި 3.9 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 146.0 އިންސައްތައިގެ އިތުރުވުމެކެވެ.

މިއަހަރަށް ލޯނު ދެއްކުމަށް ބަޖެޓުގައި ކަނޑައަޅާފައިވާ ޖުމްލަ އަދަދަކީ 12.9 ބިލިއަން ރުފިޔާއެވެ.

ޚަރަދުގެ ބަޔަށް ބަލާއިރު، ރިކަރަންޓް އެކްސްޕެންޑިޗަރ ވަނީ އަހަރުން އަހަރަށް ބަލާއިރު 20.2 އިންސައްތަ އިތުރުވެ، 23.9 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ.

މީގެ ތެރޭގައި މުސާރައާއި އިނާޔަތްތަކާއި ޕެންޝަނަށް ކުރެވުނު 9.4 ބިލިއަން ރުފިޔާގެ ޚަރަދާއި، ސަރުކާރު ހިންގުމާއި އިދާރީ ޚަރަދުތަކަށް ހޭދަވި 14.4 ބިލިއަން ރުފިޔާގެ އިތުރުން، އެހީއާއި ސަބްސިޑީއަށް ކުރެވުނު 7.8 ބިލިއަން ރުފިޔާގެ ޚަރަދު ހިމެނެއެވެ.

ކެޕިޓަލް ޚަރަދު 7.0 އިންސައްތަ އިތުރުވެ 3.4 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައިވާއިރު، އޭގެ ތެރޭގައި ބިމާއި އިމާރާތްތަކަށް 1.1 ބިލިއަން ރުފިޔާ، ފާލަމާއި ބަނދަރުތަކަށް 261.0 މިލިއަން ރުފިޔާ، އަދި އިމާރާތްކުރުމުގެ އެހެނިހެން އުމްރާނީ ވަސީލަތްތަކަށް 791.2 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

06 އޯގަސްޓް 2026ގެ ނިޔަލަށް ދައުލަތުގެ އޯވަރޯލް ފިސްކަލް ބެލެންސްގެ ގޮތުގައި 792.8 މިލިއަން ރުފިޔާގެ ޑެފިސިޓެއް ރެކޯޑުކުރެވިފައިވީ ނަމަވެސް، ޕްރައިމަރީ ބެލެންސް ހުރީ 2.4 ބިލިއަން ރުފިޔާގެ ސަރޕްލަސްއެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު