މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް، ފޮޓޯ: ކައުންސިލް
މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް، ފޮޓޯ: ކައުންސިލް
މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ވިޔަފާރި އުސޫލުން މަސްކެއްކުމާއި، ރިހާކުރު ހެދުމާއި، ހަވާދު މުގުރުން ފަދަ މަސައްކަތްތައް ކުރާ ފަރާތްތަކަށް ހާއްސަ ރައްކާތެރި ޒޯނެއް ކަނޑައަޅައި، އެ ފުރުސަތު ފަހިކޮށްދިނުމާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ދިރާސާކުރަން ފަށައިފިއެވެ.

މި މައްސަލަ ދިރާސާކުރުމަށް ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މި ހުށަހެޅުން ކައުންސިލަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލް މެންބަރު އިސްމާއީލް ހަލީމެވެ.

އިސްމާއީލް ހަލީމް ވިދާޅުވި ގޮތުގައި، މާލޭގެ، ހާއްސަކޮށް ގަލޮޅުގެ ބައެއް ގޭގޭގައި ވަރަށް ޒަމާނުއްސުރެ އާއިލީ ތަރިކައެއްގެ ގޮތުގައި މަސްކައްކައި ރިހާކުރު ހެދުމުގެ މަސައްކަތް ކުރަމުން އާދެއެވެ. ނަމަވެސް، މާލެ ތަރައްގީވެ، އުސް އިމާރާތްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ހަނި ގޯޅިތަކުގެ ތެރޭގައި ދަރު އަންދައިގެންނާއި ދުން އަރުވައިގެން މިފަދަ މަސައްކަތްތައް ކުރުމަކީ އާންމު ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާންޖެހޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މެންބަރު އިތުރަށް ވިދާޅުވީ، މި މަސައްކަތް ކުރާ އާއިލާތަކުންވެސް އެދެނީ އާންމުންނަށް އުނދަގޫ ނުވާނެ ފަދަ އެހެން ގޮތެއް ހޯދައިދިނުމަށެވެ. އެހެންކަމުން، އިގްތިސާދަށް އުފެއްދުންތެރި މަސައްކަތެއް ކޮށްދޭ ބަޔަކު ހުއްޓުވާލުމުގެ ބަދަލުގައި، އެކަށީގެންވާ ރައްކާތެރި މާހައުލެއްގައި އެ މަސައްކަތް ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، މީގެ ކުރިން މާލެއާއި ވިލިމާލޭގައި އިންޑަސްޓްރިއަލް ޒޯންތަކެއް ކަނޑައެޅިފައި އޮތް ނަމަވެސް، މިހާރު އެ ބިންތައް އެކި ބޭނުންތަކަށް ސަރުކާރުން ނަގާފައިވާ ކަމަށެވެ. އެގޮތުން ވިލިމާލޭގެ ސަރަހައްދު ތިލަމާލެ ބުރިޖުގެ މަސައްކަތަށް ބޭނުންކުރަމުންދާކަން މޭޔަރު ފާހަގަކުރެއްވިއެވެ.

މޭޔަރު އިތުރަށް ވިދާޅުވީ، މިފަދަ ކަންކަމަށް ދާއިމީ ހައްލެއް ލިބޭނީ ސިޓީ ކައުންސިލާ ބިންތައް ހަވާލުކުރެވިގެން ކަމަށެވެ. އަދި ތިލަފުއްޓަކީވެސް މިފަދަ މަސައްކަތްތަކަށް ހާއްސަ ކުރެވިދާނެ ތަނެއްގެ ގޮތުގައި މޭޔަރު ފާހަގަކުރެއްވިއެވެ.

މި މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދުމުގެ ގޮތުން، އާންމުންނަށް އުނދަގޫ ނުވާނެ ގޮތަކަށް މި މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތްތައް ބަލައި ދިރާސާކުރުމަށް، މާލެ ސިޓީ ކައުންސިލްގެ ލޭންޑް ޔޫސް ޕްލޭން ކޮމިޓީއަށް މިހާރު ވަނީ މި މައްސަލަ ފޮނުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު