އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު
އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު އައްޑު ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މާދަމާ އެ ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޝާހިދު ވިދާޅުވި ގޮތުގައި އައްޑޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެމަނިކުފާނު އެ ސިޓީއަށް ވަޑައިގަންނަވާނީ މާދަމާ ހަވީރުގެ ވަގުތެއްގައެވެ.

ޝާހިދު އައްޑު ސިޓީއަށް މި ދަތުރުފުޅު ކުރައްވާއިރު، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނު ވާދަކުރައްވަން ތައްޔާރުވެވަޑައިގަންނަވަމުންދާ ކަމުގެ އަޑުތައް ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ.

އެހެންނަމަވެސް މިކަމާ ގުޅޭގޮތުން ޝާހިދު އަދި ރަސްމީކޮށް ވަކިއެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވާން ފަށާފައިވާއިރު، މިހާތަނަށް އެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިޢުލާންކުރައްވާފައިވަނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލެވެ.

މީގެ އިތުރުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ނައިބު ރައީސް ފައިޞަލް ނަސީމް ވެސް ވަނީ އެމްޑީޕީގެ ޓިކެޓުގައި ރިޔާސީ އިންތިޚާބަށް ނުކުމެވަޑައިގަތުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު