ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން-
ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން-
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

އެގޮތުން މި ހިނގާ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 1,331,148 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި 1,387,700 ފަތުރުވެރިންނާ އަޅާބަލާއިރު 4.1 އިންސައްތައިގެ ދަށްވުމެކެވެ.

މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން މިއަހަރުގެ މާރިޗު މަހުން ފެށިގެން ފަތުރުވެރިން އަންނަ އަދަދު ދަށްވެފައި އޮތުމަށްފަހު، މިހާރު ވަނީ އަލުން ކުރިއެރުން ލިބެން ފަށާފައެވެ.

އެގޮތުން މިމަހުގެ ފުރަތަމަ 11 ދުވަހުގެ ތެރޭގައި 76,531 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އައި 73,312 ފަތުރުވެރިންނާ އަޅާބަލާއިރު 4.4 އިންސައްތައިގެ ކުރިއެރުމެކެވެ.

މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5,964 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަމުން އަންނައިރު، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ޗައިނާއެވެ. ޗައިނާއިން މިހާތަނަށް 237,271 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ ޖުމްލަ ފަތުރުވެރިންގެ 18.1 އިންސައްތައެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރަޝިއާއިން އައިސްފައިވާއިރު އެ ޤައުމުން 191,530 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ އިނގިރޭސިވިލާތުން 102,596 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ މީހުން ޗުއްޓީ ހޭދަކުރުމަށް އަދިވެސް އިޚްތިޔާރުކުރަނީ ރިސޯޓުތަކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން 955,696 ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، 291,113 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ.

މީގެ އިތުރުން، ރާއްޖޭގެ އެކި ހޮޓާތަކުގައި 30,953 ފަތުރުވެރިން އަދި ސަފާރީތަކުގައި 24,470 ފަތުރުވެރިން ވަނީ އެމީހުންގެ ޗުއްޓީ ހޭދަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު