ފަތުރުވެރިކަމާ ބެހޭ ވަޒީރު (ވ) އާއި، ވިޒިޓް މޯލްޑިވްސްގެ އެމްޑީ (ކ)
ފަތުރުވެރިކަމާ ބެހޭ ވަޒީރު (ވ) އާއި، ވިޒިޓް މޯލްޑިވްސްގެ އެމްޑީ (ކ)
މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި ނޭދެވޭ އަސަރުތަކުން އަރައިގަނެ، ރާއްޖޭގެ ފަތުރުވެރިކަން މިހާރު އާންމު ހާލަތަށް އިއާދަކުރެވިފައިވާކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް ޓުއަރިޒަމް އިންޓެލިޖެންސް ކުއާޓަލީ ބްރީފިންގައި ވާހަކަ ދައްކަވަމުންނެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން "ވިޒިޓް މޯލްޑިވްސް އިޔާ 2027" ގެ ރަސްމީ ޝިއާރަކަށް "އައިލެންޑްސް އާ އަސް" އިއުލާނު ކުރުމަށް ބޭއްވި މިއަހަރުގެ ތިންވަނަ ކުއާޓަރުގެ "މޯލްޑިވްސް ޓޫރިޒަމް އިންޓެލިޖެންސް ބްރީފިން" ގައި ވަޒީރު އަމީން ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ވައިގެ ދަތުރުފަތުރަށް އެރި ބުރޫތަކާއެކު، ރާއްޖޭގެ ފަތުރުވެރިކަން ގާތްގަނޑަކަށް ހަތަރު މަސް ދުވަހުގެ މުއްދަތަކަށް ދަށްވެގެން ދިޔަ ކަމަށެވެ. ނަމަވެސް، ފަތުރުވެރިކަމުގެ ސިނާޢަތާއި ސަރުކާރު ގުޅިގެން ކުރި ހަރުދަނާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ޖުލައި މަހުގެ ކުރީކޮޅުން ފެށިގެން ސިނާޢަތް އާންމު ހާލަތަށް ގެނެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިފަދަ އިންޓެލިޖެންސް ބްރީފިންއެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހުޅުވާލައި، ރައްޔިތުންނާއި ރަށްރަށަށް މި ސިނާޢަތުން ލިބޭ ފުރުސަތުތައް އިތުރުކުރުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ފަތުރުވެރިކަމުގެ 'ވިޒިޓާ ސާވޭ'ގެ ނަތީޖާތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 90 އިންސައްތައަށްވުރެ ގިނަ މީހުން އެމީހުންގެ އާއިލާގެ މީހުންނާއި ރަހުމަތްތެރިންނަށް ރާއްޖެއަށް ޒިޔާރަތްކުރުމަށް ރިކޮމެންޑް ކުރާނެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި 80 އިންސައްތައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ޗުއްޓީގެ ތަޖުރިބާއާމެދު އިންތިހާއަށް ހިތްހަމަޖެހޭކަން ހާމަކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، އޮސްޓްރޭލިއާއަށް މިހާރު ޤައުމީ އެއަރލައިން 'މޯލްޑިވިއަން'ގެ ދަތުރުތައް ފަށާފައިވާ ކަމަށެވެ. އަދި އިތިއޯޕިއަން އެއަރލައިންސްގެ ދަތުރުތައް މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ފެށުމަށް މަސައްކަތް ކުރަމުންދާކަން ވަޒީރު ހާމަކުރެއްވިއެވެ.

މީގެ އިތުރުން، އަންނަ އަހަރަކީ 'ވިޒިޓް މޯލްޑިވްސް އިޔާ'ގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ނިންމާފައިވާކަން ފާހަގަކުރައްވައި، އަމީން ވިދާޅުވީ އޭގެ ބޭނުމަކީ ހުރިހާ ފަރާތްތަކެއް ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިތުރު އުސްމިންތަކަކަށް ގެންދިއުން ކަމަށެވެ.

ވިޒިޓް މޯލްޑިވްސް އިޔާ 2027 ގެ މުޅި ކެމްޕޭނާއި ބްރޭންޑިންގެ ރަސްމީ ލޯގޯ އިފްތިތާހުކުރުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު ބާއްވާ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހީމް ޝިއުރީ ވިދާޅުވީ، ބައިނަލްއަގުވާމީ ގޮތުން މިހާރުވެސް ރާއްޖެއަށް އޮންނަނީ ވަރަށް ފުރިހަމަ ތަސައްވުރެއް ކަމަށާއި ވިޒިޓް މޯލްޑިވްސް އިޔާ 2027 ގެ ބޭނުމަކީ އެ ތަސައްވުރަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު