އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަށް ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް އެރުވުން، ފޮޓޯ: ރައީސް އޮފީސް
އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަށް ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް އެރުވުން، ފޮޓޯ: ރައީސް އޮފީސް
ދިވެހި ދައުލަތަށާއި، ދިވެހި އަދަބިއްޔާތާއި ތާރީޚަށް ދިގު މުއްދަތެއްގައި އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކުރައްވާފައިވާ މައްޗަންގޮޅި ކަށިމާ އަލްއުސްތާޛު އަޙްމަދު ޝާކިރަށް، ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ލަޤަބް (ނ.ދ.ޝ.ޢ) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަރުވައިފިއެވެ.

މި ޝަރަފު އަލްއުސްތާޛު އަޙްމަދު ޝާކިރަށް އެރުވީ، މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ތިލަދުންމަތީ އުތުރުބުރީ އުތީމުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ. މިއީ އެމަނިކުފާނު ދިވެހި ޤައުމަށް ކޮށްދެއްވާފައިވާ އިޚްލާޞްތެރި ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެރުވި މަތިވެރި ޢިއްޒަތެކެވެ.

އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރު ދިވެހި ދައުލަތުގެ ޚިދުމަތް ފެށްޓެވީ 30 ޖުލައި 1969 ގައެވެ. މެދުނުކެނޑި 41 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރެއްވިއިރު، އެމަނިކުފާނު ވަނީ ސަރުކާރުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވާފައެވެ. އޭގެ ތެރޭގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގގެ ވަކީލު ކަމާއި، ޝިޕިންގ މާސްޓަރ ކަމާއި، ޑިރެކްޓަރ އޮފް އެޑްމިނިސްޓްރޭޝަންގެ މަޤާމުގެ އިތުރުން ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ އެގްޒެކެޓިވް ޑިރެކްޓަރ ކަން ހިމެނެއެވެ.

ދައުލަތުގެ ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހުވެސް، ތަޢުލީމީ ދާއިރާއިން ވިލާ ކޮލެޖުގައި 12 އަހަރަށްވުރެ ދިގު މުއްދަތަކަށް ކިޔަވައިދެއްވައި، ސީނިއަރ ކަރިކިއުލަމް ޑިވެލޮޕަރއެއްގެ މަޤާމު އަދާކުރެއްވިއެވެ. މީގެއިތުރުން، އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި މާލެއަތޮޅުގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ސަރުކާރުގެ ޗާޕުޚާނާގެ ތެރެއިން ދިވެހި އަދަބިއްޔާތަށް ވެދެވަޑައިގެންނެވި ކަށިމާ ޝާކިރަކީ ރާއްޖޭގެ ތަމްސީލު ކުޅުމާއި ސްޓޭޖް ޑްރާމާގެ ރޮނގުން އާންމުންގެ ބޮޑު މަޤްބޫލުކަމެއް ހޯއްދަވާފައިވާ ފަންނާނެކެވެ. މަޖީދިއްޔާގެ ރަން ޔޫބީލް ތަމްސީލުތަކުން ފެށިގެން އޮލިމްޕިއަންސް ޝޯތަކާއި، ކަލްޗަރަލް އެންޑް ޑްރެމެޓިކް ސޮސައިޓީ (ސީ.ޑީ.އެސް) އުފައްދަވައި ދިހަ އަހަރު ވަންދެން ތަފާތު ހުށަހެޅުންތައް ގެނެސްދެއްވިއެވެ.

ޓެލެވިޜަން މޯލްޑިވްސްގެ ޕްރޮގްރާމް ޕްރޮޑިއުސަރެއްގެ ގޮތުން މަސައްކަތް ކުރައްވަމުން، "ޣާޒީ ބަންޑާރައިން"، "ދޮންހިޔަލައާއި އަލިފުޅު" އަދި "ތަރާގަނޑުގެ ކަށިގަނޑު" ފަދަ މަޝްހޫރު ޓެލެޑްރާމާތަކާއި ފިލްމުތަކުގެ ސްކްރީންޕްލޭ ލިޔުއްވައި، ގިނަ ފަންނާނުންތަކެއް ތަމްރީނު ކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ތާރީޚު ދިރާސާ ކުރެއްވުމަކީ ކަށިމާ ޝާކިރު އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ދާއިރާއެވެ. އެގޮތުން 640 ޞަފްޙާގެ "ވިހިވަނަ ޤަރުނުގެ ތެރޭގައި ދިވެހިރާއްޖެ" އާއި މި ސީރީޒްގެ އިތުރު 5 ވޮލިއުމް އެމަނިކުފާނު ވަނީ ލިޔުއްވާފައެވެ. މީގެއިތުރުން އިސްލާމްދީނުގެ ތާރީޚާއި، ޝަރުޢީ ނިޒާމާއި، ފައިސާގެ ތާރީޚުގެ އިތުރުން ދައުލަތުގެ މުއައްސަސާތަކާއި އިސް ޚިދުމަތްތެރިންގެ ބައޮގްރަފީ ފޮތްތައްވެސް ވަނީ ޝާއިޢުކުރައްވާފައެވެ.

ޢިލްމު ހާސިލުކުރެއްވުމުގައި ނަމޫނާ ދައްކަވަމުން، އަލްއުސްތާޛު އަޙްމަދު ޝާކިރު ވަނީ ޢުމުރުފުޅުން 69 އަހަރުގައި މާސްޓަރ އޮފް ޝަރީޢާ ހާސިލުކުރައްވާފައެވެ. އެމަނިކުފާނަށް މީގެ ކުރިން ތަމްސީލު ކުޅުމާއި، ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމާއި، ނޫސްވެރިކަމުގެ ރިހިގަލަން އަދި ތާރީޚީ ފޮތް ލިޔުއްވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވެއެވެ. އަދި 2025 ވަނަ އަހަރުގެ ޝާރުޖާ އިންޓަރނޭޝަނަލް ނެރޭޓަރސް ފޯރަމްގެ ޝަރަފުވެރި އެވޯޑުވެސް ވަނީ ހާސިލުކުރައްވާފައެވެ.

ކަށިމާ އަޙްމަދު ޝާކިރަކީ މިހާރުވެސް ޤައުމީ ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކައުންސިލްގެ ދިވެހި ތާރީޚުގެ އިސްވާރުގެ މަޤާމާއި، ޤައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއަރޕަރސަންގެ މަޤާމު އެމަނިކުފާނު ގެންދަވަނީ ފުރުއްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު