މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން- ފޮޓޯ: މަޖިލިސް
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން- ފޮޓޯ: މަޖިލިސް
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި އަތުލެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލައި ތައްޔާރުކުރަމުންދާ ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދެއެވެ.

މި ޕެޓިޝަންގެ ލަނޑުދަނޑި ހާސިލްކުރުމަށް މިހާރު މަދުވަނީ ގާތްގަނޑަކަށް 300 އެއްހާ ސޮއި ކަމަށް މައުލޫމާތު ލިބެއެވެ.

އޮގަސްޓު 7، 2026 ގައި އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މި ޕެޓިޝަންގައި ބުނެފައިވަނީ، މިނިވަން މެންބަރު ހަންނާނު ސްޕޮންސަރު ކުރައްވައި މަޖިލީހަށް ހުށަހެޅުއްވި ބިލުގެ (20/2026/ބ-22) ސަބަބުން، ރައްޔިތުންގެ ވޯޓުން ހޮވާފައިވާ ކައުންސިލަރުންގެ ބާރު ކެނޑި، އެ ބާރުތައް ވަޒީރުންގެ މަޖިލީހުގެ މުށުތެރެއަށް ލިބިގެންދާނެ ކަމަށެވެ.

އަދި ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ، ރައްޔިތުން ތަމްސީލުކުރާ ކައުންސިލަރުންނަށް ފިޔަވަޅު އެޅުމުގެ ފުރުސަތު މި ބިލުގެ ދަށުން ފަހިވެ، ރައްޔިތުންގެ ބަސްބުނުމުގެ ހައްގު ހަނިވެގެންދާނެ ކަމުގެ ކަންބޮޑުވުން ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު މި ބިލަކީ ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލްތަކުގެ ބިންތައް، ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުމަކުން ސަރުކާރަށް ނެގޭގޮތަށް ފަރުމާކޮށްފައިވާ ބިލެކެވެ. މީގެއިތުރުން، ރަށްރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްނުކުރި ނަމަވެސް ސަރުކާރުން އެދޭ ހާލަތްތަކުގައި ބިން ހަވާލުކުރަން ޖެހޭގޮތަށް ބިލުގައި ހިމަނާފައިވެއެވެ. އަދި ކައުންސިލަރުންގެ ސުލޫކީ މިންގަނޑަށް ބަދަލުގަނެ، ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް ކައުންސިލަރުންނަށް މަޖުބޫރުކުރާ މާއްދާތަކެއް ވެސް މި އިސްލާހުގައި ހިމެނެއެވެ.

މި ޕެޓިޝަންގައި ބުނެފައިވަނީ މިއީ ލާމަރުކަޒީ ގާނޫނުގެ ރޫހާ މުޅިން ހިލާފު އަދި ގާނޫނުއަސާސީން ރައްޔިތުންނަށް ދީފައިވާ ބާރުތަކަށް އަރައިގަތުން ކަމަށެވެ. އެހެންކަމުން މި ބިލު ވަގުތުން އަނބުރާ ގެންދިއުމަށް ޕެޓިޝަންގައި ވަނީ ގޮވާލާފައެވެ.

މި ބިލު މަޖިލީހަށް ބަލައިގަތުމަށް 55 މެންބަރުން ވޯޓު ދެއްވާފައިވާއިރު، ބިލާ ދެކޮޅަށް ވޯޓު ދެއްވީ 8 މެންބަރުންނެވެ. އިދިކޮޅު އެމްޑީޕީން މި ބިލަކީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށް ބުނަމުންދާއިރު، ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ގެންދަވަނީ މި ބިލު ދިފާއުކުރައްވަމުންނެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީއާ ގުޅިގެން މަސައްކަތް ކުރައްވާ މިނިވަން މެންބަރު ހަންނާނެވެ.



ކިޔުންތެރިންގެ ހިޔާލު