ޗުއްޓީ ދުވަސްވަރު، އިމާރާތްކުރުމުގެ ދާއިރާގައި ވަޒީފާއެއް އަދާކުރަމުންދިޔަ ބެލްޖިއަމްގެ ދަރިވަރަކަށް، ނަރުދަމާ ނިޒާމެއްގެ މަސައްކަތް ކުރަނިކޮށް ގާތްގަނޑަކަށް 9 މިލިއަން ޔޫރޯ (8 މިލިއަން ފައުންޑް) ގެ އަގުހުރި ރަންތަކެއް ފެނިއްޖެއެވެ.

"ކުއްލިއަކަށް އެތަނުން އެއްޗެއް ފެނުނީ،" އުމުރުން 18 އަހަރުގެ ކޯބޭ ބެލްޖިއަމްގެ ނިއުސް ނެޓްވޯކް ވީ.ޓީ.އެމް އަށް ކިޔައިދިނެވެ. "ފުރަތަމަ ހީކުރީ އެއީ 1 ޔޫރޯގެ ފައިސާ ފޮތިތަކެއް ކަމަށް. އެހެންވެ އެތަން ކޮންނަން ފެށީ. ދެން ފެނުނީ ރަން ބިސްކޯދު (ގޯލްޑް ބާ) އެއް. އެއީ އަހަރެމެން ހީކުރި މިންވަރަށް ވުރެ މާ ގިނަ ރަންކަން އެނގުނީ ދެން."

ބްރަސަލްސްގެ ހުޅަނގު އުތުރުން 30 ކިލޯމީޓަރު ދުރުގައި އޮންނަ ސިންޓް-ގިލިސް-ޑެންޑާމަންޑްގެ ވޭން ލެންގަންހޯވްސްޓްރާޓްގައި ހުރި ކުރީގެ ބަނގުރާ އުފައްދާ ކާރުޚާނާއެއް ހުރި ބިމުގައި މަސައްކަތް ކުރަމުން ދަނިކޮށް މި ރަންތައް ފެނުނީ މިދިޔަ އަންގާރަ ދުވަހުއެވެ.

މި ރަންތަކުގެ ތެރޭގައި ރަން ފައިސާ ފޮއްޗާއި، ރަން ގަނޑުތަކުގެ އިތުރުން ނަމްބަރު ޖަހާފައިވާ ރަން ބިސްކޯދުތައް ހިމެނެއެވެ. މި ތަކެތި ފެނިފައިވަނީ 19 ވަނަ ގަރުނުގެ ފަހުކޮޅު އެ ކާރުޚާނާގެ ވެރިޔާ ތިއޯފިލަސް ވޭން އޭޝްއަށް ބިނާކުރި ބޮޑު ގަނޑުވަރެއްފަދަ ގޭގެ ބިންގަޅީގެ ފާރުގެ ތެރޭގައި ފޮރުވާފައި އޮތް ދަބަހަކުންނެވެ.

ކޯބޭ ބުނި ގޮތުގައި، އާދައިގެ އަންގާރަ ދުވަހެއްގެ ހެނދުނު މަސައްކަތުގައި އުޅެނިކޮށް މިފަދަ ކަމަކާ ކުރިމަތިލާންޖެހޭނެ ކަމަކަށް އެއްވެސް ވަރަކަށް އުންމީދެއް ނުކުރެއެވެ. އަދި މި ރަންތަކަކީ ގަސްތުގައި އެތަނުގައި ފޮރުވާފައިވާ ތަކެތިކަން އެނގޭ ކަމަށް އޭނާ ބުންޏެވެ. "އެތަކެތި ހުރީ ފާރުގެ ތެރޭގައި ރަނގަޅަށް ވަޅުލާފައި. އެއީ ތިޖޫރިއެއް ކަހަލަ އެއްޗެއްގެ ތެރެއަކު ނޫން."

މި ބިމުގައި ބަނގުރާ އުފައްދަން ފަށާފައިވަނީ 1899 ވަނަ އަހަރުގައެވެ. އަދި 1970 ވަނަ އަހަރު އެ މަސައްކަތް ހުއްޓާލިއެވެ. މިހާރު މި އިމާރާތް އާބާތުރަ ފިލުވައި އޮފީސްތަކާއި މީހުން ދިރިއުޅޭ ތަންތަން ހެދުމުގެ މަސައްކަތް ކުރަނީ އިޖުތިމާއީ ޖަމްއިއްޔާއެއް ކަމަށްވާ ސީ.އޭ.ޑަބްލިޔު އޫސްޓް-ވްލާންޑަރެން އިންނެވެ. އެ ޖަމްއިއްޔާގެ އޮފިޝަލެއް ކަމަށްވާ ގީރްޓް ހިލާރޓް ބުނި ގޮތުގައި، މަސައްކަތްތެރިން ނަރުދަމާ ހޮޅި ވަޅުލުމަށް ކޮންނަނިކޮށް މި ރަންތައް ފެނުމާއެކު ފުލުހުންނަށް ވަނީ އަންގާފައެވެ.

ފެނުނު ރަންތައް މިހާރު ވަނީ ބްރަސަލްސްގެ ރައްކާތެރި ތަނަކަށް ބަދަލުކޮށްފައެވެ. އަދި އޭގެ ގާނޫނީ ވެރިފަރާތް ހޯދުމަށް ރަސްމީ ތަހުގީގެއް ވަނީ ފަށާފައެވެ. އީސްޓް ފްލެންޑާސްގެ ޕްރޮސެކިއުޓާ އޮފީހުން ބުނި ގޮތުގައި، މި ރަންތަކަކީ ވައްކަން ކޮށްފައިވާ ނުވަތަ ކުށްކޮށްގެން ހޯދާފައިވާ ތަކެތިތޯ ފުރަތަމަ ކަށަވަރު ކުރަންޖެހެއެވެ. މީގެ އިތުރުން، އިމާރާތްކުރާ ކުންފުންޏާއި، އެ ބިމުގެ މިހާރުގެ ވެރިފަރާތާއި، އަދި ކުރީގެ ވެރިފަރާތް ކަމަށްވާ ވޭން އޭޝްގެ އާއިލާގެ މެންބަރުންގެ މެދުގައި މި މުދަލުގެ މިލްކުވެރިކަމާ މެދު ގާނޫނީ ބޮޑު ބަހުސެއް ހިނގާނެ ކަމަށް ބެލެވެއެވެ. ބެލްޖިއަމްގެ ގާނޫނު ބުނާގޮތުން، މިފަދަ ތަކެތީގެ އަސްލު ވެރިފަރާތެއް ފާޅުވޭތޯ މަދުވެގެން 5 އަހަރު ވަންދެން އިންތިޒާރު ކުރަންޖެހެއެވެ.

ޑެންޑާމަންޑްގެ ކުރީގެ މޭޔަރު ޕިއެޓް ބައިސް ވިދާޅުވި ގޮތުގައި، ވޭން އޭޝްގެ އާއިލާއަކީ ވަރަށް މުއްސަނދި ބައެކެވެ. އެހެންކަމުން އެމީހުންގެ މުދަލުގެ ބައެއް ރަނަށް ބަދަލުކޮށް، ރައްކާތެރިކަމުގެ ގޮތުން ފޮރުވާފައި ބެހެއްޓުމަކީ އެކަށީގެންވާ ކަމެކެވެ.

ކޯބޭ ބުނި ގޮތުގައި، މިހާ ގިނަ އަދަދެއްގެ ރަން ފެނުމުން އެ ތަކެތި ކަމާބެހޭ ފަރާތްތަކާ ހަވާލުކުރަންޖެހޭނެކަން އޭނާއަށާއި އޭނާގެ އެކުވެރިންނަށް ވަގުތުން ވިސްނުނެވެ. "ފެނުނީ މަދު ފައިސާ ފޮތިކޮޅެއް ނަމަ ފަހަރެއްގައި ހަވާލުނުކޮށްފާނެ، އެކަމަކު މިއީ މާ ގިނަ މިންވަރެއް،" އޭނާ ބުންޏެވެ. އަދި އުންމީދު ކުރަނީ މިކަމުގެ އަގުވަޒަންކޮށް ކޮންމެވެސް ކަހަލަ އިނާމެއް ލިބޭނެ ކަމަށްވެސް އޭނާ ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު