ދޯމާ އާޝްރާމްޝާލާ" ބޯޑިން ސުކޫލު
ދޯމާ އާޝްރާމްޝާލާ" ބޯޑިން ސުކޫލު
އިންޑިއާގެ މަހާރާޝްޓްރާ ސްޓޭޓްގެ އަމްރާވަތީ ޑިސްޓްރިކްޓްގައި ހުންނަ ސަރުކާރުގެ "ދޯމާ އާޝްރާމްޝާލާ" ބޯޑިންގ ސްކޫލުގެ ބައެއް އަންހެން ދަރިވަރުންގެ ފަރާތުން ފެނުނު އާދަޔާޚިލާފު ކަންތައްތަކަކާ ގުޅިގެން، ސްކޫލު ތެރޭގައި ބޮޑު ބިރުވެރިކަމެއް އުފެދި، 608 ދަރިވަރުން ސްކޫލު ދޫކޮށް ގެއަށް ގޮސްފިއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ އެ ސްކޫލުގެ 16 އަންހެން ދަރިވަރަކު، އެއްވެސް ސަބަބަކާ ނުލައި ކުއްލިއަކަށް ބާރަށް ހީނ، ރޯން ފެށުމަށްފަހު ހަރަކާތް ހުއްޓި ގަނޑުވާ ގޮތް ވުމާ ގުޅިގެންނެވެ.

މި ހާދިސާއާ ގުޅިގެން ސްކޫލުގެ ހޮސްޓެލްގެ ކޮރިޑޯތަކުގައާއި މުޅި އަވަށު ތެރޭގައި ތަފާތު އަޑުތަކާއި ބިރުވެރި ވާހަކަތައް ފެތުރެން ފެށިއެވެ. ބައެއް ދަރިވަރުން ބުނި ގޮތުގައި އެ ކުދިންނަށް ފައިގައި އަޅާ ގުންގުރޫ (އިންޑިއާގެ ނެށުންތެރިން ފައިގައި އަޅާ އަޑުގޮވާ އެއްޗެއް) ގެ އަޑު އިވުނެވެ. މިކަމާ ގުޅިގެން ބެލެނިވެރިންނާއި އަވަށުގެ މީހުން ދެކުނީ މިއީ ރޫހާނީ ކަމެއްގެ ސަބަބުން ދިމާވި ހާދިސާއެއް ކަމަށެވެ.

އަދި ބައެއް ބެލެނިވެރިން ތުހުމަތުކުރި ގޮތުގައި މިކަން ދިމާވީ ސްކޫލް ގޯތިތެރޭގައި ހުރި "މަހުއާ" ގަހެއް ކަނޑާލުމުގެ ސަބަބުންނެވެ. ނަމަވެސް ސްކޫލުގެ ހެޑްމާސްޓަރު ސަންޖޭ ޗައުދަރީ ވަނީ އެ ގަސް ކަނޑާފައިވަނީ މީގެ ހަ އަހަރު ކުރިން ކަމަށް ވިދާޅުވެ، އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.

މިކަމާ ގުޅިގެން ސިއްހީ އޮފިޝަލުންނާއި ޑޮކްޓަރުން އެ ސްކޫލަށް ޒިޔާރަތްކޮށް ބެލިބެލުމުން، މިއީ އެއްވެސް ރޫހާނީ ކަމަކާ ގުޅުމެއް ހުރި ހާދިސާއެއް ނޫންކަން ވަނީ ކަށަވަރުވެފައެވެ. މެޑިކަލް އޮފިޝަލް ޑޮކްޓަރު އަބީޝެކް ނައިދޫ ވިދާޅުވީ، މިއީ މާބޮޑަށް ސްޓްރެސްވެ ފިކުރުބޮޑުވުމުގެ ސަބަބުން ކުރިމަތިވި "މާސް ހިސްޓީރިއާ" ނުވަތަ ސިއްހީ ގޮތުން ނަންދެވިފައިވާ "މާސް ސައިކޯޖެނިކް އިލްނަސް" ގެ ހާދިސާއެއް ކަމަށެވެ.

އެއް ކުއްޖެއްގެ ކިބައިން ފެނުނު ނަފްސާނީ މި އަސަރު އެހެން ކުދިންނަށް ފެތުރިގެން ދިޔައީ ސްކޫލު ތެރޭގައި މާބޮޑަށް ތޮއްޖެހިފައި އޮތުމާއި، ކާނާގެ ފެންވަރު ދަށްވުމާއި، ސާފުތާހިރުކަން ކުޑަވުމުގެ އިތުރުން ނަފްސާނީ ގޮތުން ބޭނުންވާ އެހީތެރިކަމާއި ކައުންސިލިންގ ނުލިބުމުގެ ސަބަބުން ކަމަށް އޮފިޝަލުން ފާހަގަކުރެއްވިއެވެ.

މި ހާދިސާއާ ގުޅިގެން ސްޓޭޓް ޓްރައިބަލް ކޮމިޝަނަރު ރާތޯޑް ވަނީ އެ ސްކޫލަށް ޒިޔާރަތްކުރައްވައި ހާލަތު ވަޒަންކުރައްވާފައެވެ. އަދި ޚުރާފާތްތަކާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "އަޚިލް ބާރަތިޔާ އަންދަޝްރަދާ ނިރްމޫލަން ސަމިތީ" ގެ ޓީމަކުން އެ ސްކޫލަށް ގޮސް ދަރިވަރުންނަށް ކައުންސިލިންގ ފޯރުކޮށްދީފައިވާއިރު، ކަމާބެހޭ އިދާރާތައް ގުޅިގެން ހަގީގަތް އޮޅުންފިލުވައިދީ، ކުށްހީތަކާއި ޚުރާފީ ގަބޫލުކުރުންތަކުން މީހުން ދުރުހެލިކުރުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް މިހާރު ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު