ޞާދިރު ޢަލީދީދީ   28 އޮކްޓޯބަރު 2020 - 14:50
އިރިފުސްމެ
އިރިފުސްމެ
އެޕިސޯޑް 16

................

[އަދި ދާނެ ކަމެއް ނެތް...އަހަރެން ހަމަ ބޮޑަށް ނަޝްވާޔަށް އިންތިޒާރު ކުރާހިތްވަނީ. ނަޝްވާޔަކީ އަހަރެން ފުރަތަމަ ލޯބިވި މީހާ...] ރީޙާން ބުންޏެވެ.

[ރީޙާން....ހިނގާ މާދަމާ ދަތުރުދަމާ. ޝީނާ ދަތުރު ދާން ކިޔާތާ ވަރަށް ދުވަސް ވެއްޖެ.] ހައިޝަމް ބުންޏެވެ.

[މައްސަލައެއްނެތް...ކޮން ހިސާބަކަށް ދާނީ. މިދުވަސްކޮޅު ވަރަށް ބާރު ބޮޑުވާނެ. ވަރަށްގިނަ މީހުން މިދެދުވަހު ދަތުރުދާނެ.] ރީޙާން ބުންޏެވެ.

[ރުއްޖެހެރެ ސަރަޙައްދަށް ދާނީ. ވަރަށް ހެނދުނާ ގޮސްގެން ނޫނީ ރަނގަޅު ތަންކޮޅެއް ނުވެސް ލިބޭނެ. ބޮޑަށް ޤަބޫލު ކުރެވެނީ މާދަމާ ނޫން އަނެއް ދުވަހު ރޯދަ ހިފަންޖެހޭނޭ ކަމަށް.] ހައިޝަމް ބުންޏެވެ.

އެދުވަހު ގެޔަށް ގޮސް، ހައިޝަމްމެން ދަތުރު ދިޔުމަށްޓަކައި ތައްޔާރުވިއެވެ.

އިރު ފެނުން ތޮޅެލުމާއެކުހެން، މަރަދޫ ހުސްވާ ހިސާބުން ފެށިގެން ހިތަދޫއާ ޖެހެންދެން މީހުންތައް ތޮއްޖެހެން ފަށައިފިއެވެ. މިއީ ކޮންމެ ރަމަޟާން މަހެއްގެ ފެށުންވެސް އައްޑުއަތޮޅު ރައްޔިތުން ފާހަގަކުރާ ގޮތެކެވެ. މާހެފުން ތައްޔާރުކޮށްގެން މޫދަށް އެރި، ކުޅިވަރު ކުޅެ، މަޖާކުރުމަކީ އައްޑުއަތޮޅުގެ ޘަޤާފީ އާދައެކެވެ.

ރީޙާންމެން ޓެންޓްޖެހީ އައްޑުއަތޮޅުގައި މިހާރު ޓުއަރިސްޓް ހޮޓަލެއް ނުވަތަ ރިސޯޓެއް ހެދުމަށްޓަކައި ކަނޑައަޅާފައިވާ ހަންކެޑެ ސަރަޙައްދުގައެވެ.

[ހައިޝަމް ހިނގާ ފެތުމުގެ ރޭހެއް ބާއްވަމާ. ހަމަގައިމުވެސް ފެތުމުން އަހަރެން ފަހަތަށް ޖައްސާލެވޭނެ މީހަކު ނުހުންނާނެ.] ރީޙާން މޭ ފުއްޕާލިއެވެ. ޙަޤީޤަތުގައި އެދުވަހު މޫދަށް އެރުނުއިރު، ރީޙާންގެ އުނަގަނޑުގައި ތަވީދު ލާފައިވާ ރޮދިގަނޑު މޮހެވިފައިވާ ކަމެއް، އޭނާޔަށް ނޭނގުންވީ، ކާކުގެ ނަޞީބުބާއޭ ހިތަށްއަރައެވެ. ފަހަރެއްގައި އެއީ އޭނާގެ ދަރިފުޅުގެ ނަޞީބު ކަމަށްވެސް ވެދާނެއެވެ. ނަމަވެސް، އެދުވަހުގެ މަޖަލުގެ ތެރޭގައި ތަވީދުގެ މަތިން ރީޙާން ކުޑަކޮށްވެސް ހަނދާނެއް ނެތެވެ. އެދުވަހު ދަތުރު ނިންމާފައި ގެޔަށް ދިޔައިރުވެސް އޭނާ ތަވީދުގެ މަތިން ހަނދާނެއް ނެތެވެ.

[ދަރިފުޅާ...ރީޙާން ފެންވަރައިގެން އައިސްބަލަ. ބައްޕަމެން މިއުޅެނީ މިރޭ ރާނިޔާމެންގެޔަށް ގޮސްލަން ކަމަށް. ދަރިފުޅުވެސް ގޮވައިގެން ދާނީ....] ރީޙާން ގެޔަށް އައިސް ވަނުމާއެކު، ބޮޑުކޮޓަރީގައި އިން މަޖީދު ބުންޏެވެ.

[މައްސަލައެއް ނެތް، ފެންވަރައިގެން އެބަ އަންނަން.] ރީޙާން ގޮސް ގިފިއްޔަށް ވަނެވެ. އޭރު ގިފިލިތެރޭގައި ލޫބާ ހުއްޓެވެ. ރީޙާނަށް ނުފެންނާނޭހެނެވެ. އޭނާ ހުރީ ވަރަށް މާޔޫސްވެފައެވެ. ލޫބާ ކިތަންމެ ރީޙާންދެކެ ލޯބިވިޔަސް، ރީޙާންގެ އުފާތަކަށް ހުރަސްއަޅާކަށް އޭނާ ބޭނުމެއް ނޫނެވެ.

ނަމަވެސް، ރީޙާން އެހެން ކައިވެންޏެއް ކުރުމަކީ، ލޫބާގެ ހިތަށް ކުޅަދާނަވާނޭ ކަމެއް ނޫނެވެ. އޭނާޔަކީ އިންސާނަކަށްނުވި ކަމުގައިވިޔަސް، އޭނާގެ ހިތުގައި ރީޙާނަށްޓަކައި އުފެދިފައިވަނީ މާ މަތިވެރި ލޯތްބެކެވެ.

[އަހަރެން ރީޙާންދެކެ ވަރަށް ލޯބިވޭ...ވަރަށް ލޯބިވޭ....އަހަންނަށް ތިޔަހެން ނަހަދާ ރީޙާން....އަހަރެންގެ ލޯބިން އަހަރެން ރީޙާނަށް ދުނިޔޭގައިވާ ހުރިހާ އުފާތައްވެސް ހޯދައިދީފާނަން. އަހަންނަށް ރީޙާނާ ވަކިން ނޫޅެވޭނެ. އަހަންނާ ދަރިފުޅު އެކަނިވެރިކޮށްފައި، އެހެން ދިރިއުޅުމެއް ފަށަން ނޫޅޭ. އަހަންނަކީ އިންސާނަކަށް ނުވިޔަސް....ރީޙާނަށް އެއްވެސް ގެއްލުމެއް ނުވާނެ.] ރީޙާން ފެންވަރައިގެން ގޮސް ކޮޓަރިއަށް ވަންއިރު، ކޮޓަރި އެނދުމަތީގައި އޮތް ކުރު ނޯޓެއް ރީޙާން ކިޔާލިއެވެ. އެޔާއެކު އޭނާޔާ ޝަބާބް ނުވަތަ ލޫބާގެ ލޯބީގެ ގުޅުންތަކުގެ މާޒީ، އޭނާގެ ލޯމަތިން ތަޞްވީރުވާން ފަށައިފިއެވެ. އެއީ އުފާވެރި ދުވަސްތަކެކެވެ.

ލޫބާޔަކީ އިންސާނަކަށްނުވި ކަމުގައި ވިޔަސް، އޭނާގެ ފަރާތުން ރީޙާން ޙިއްޞާކޮށްފައިވަނީ ވަރަށް ފޮނި ލޯތްބެކެވެ. އިންސާނުންނާ ލޫބާ ތަފާތުވަނީ އެކަނި ލޯބި ދިނުމުގައެވެ. އިންސާނުންނަށްވުރެން އެ ހުނަރު އޭނާޔަށް ލިބިފައި ވަނީ މާބޮޑަށްވެސް ފުރިހަމަޔަށެވެ. އެ ކުރު ނޯޓް ކިޔާލެވުމާއެކު، ލޫބާގެ ހަނދާންތައް އޭނާގެ ސިކުނޑިއަށް ފުނިޖެހެން ފަށައިފިއެވެ. އޭނާޔަށް ޤަބޫލު ކުރެވެއެވެ. ލޫބާޔަކީ އިންސާނަކަށް ނުވިޔަސް، އޭނާގެ ދިރިއުޅުމަށް ބޭނުންވާ ހުރިހާ ސިފަތަކެއްވެސް ލޫބާގެ ކިބައިގައި ވެއެވެ.

އެހެން ނަމަވެސް، އެނގިހުރެ ހަންޑިއަކާއެކު ދިރިއުޅުން ޙިއްޞާ ކުރާކަށް ރީޙާން ބޭނުމެއް ނޫނެވެ. ޙަޤީޤަތުގައި އޭނާވެސް ލޫބާދެކެ ލޯބިވިއެވެ. ނަމަވެސް، އެ ލޯބި ދަމަހައްޓާކަށް މިހާރު އޭނާ ބޭނުމެއް ނޫނެވެ. އޭނާވެސް މިހާރު ބޭނުންވަނީ ބައްޕަމެން އެދޭ ފަދައިން އައު ޒަވާޖެއް ފައްޓާށެވެ.

[ދަރިފުޅާ ރީޙާން...އަދިވެސް ނުނިމޭތަ؟ ނިމިއްޖެއްޔާ ނިކުމެގެން އައިސްބަލަ...] ރީޙާން ސިހުނީ ސިޓިންގރޫމާ ދިމާއިން ބައްޕަ ގޮވި އަޑަށެވެ.

[މިހާރު ނިމިއްޖެ ބައްޕާ...] ރީޙާން ތައްޔާރުވެލައިގެން ނިކުތެވެ. އޭރު މަޖީދު ގުޅި ޓެކްސީ އަތުވެއްޖެއެވެ.

ރީޙާންމެނަށް ރާނިޔާމެން ގެޔަށް ދެވުނުއިރު، އެގޭގައި އެމީހުނަށް އިންތިޒާރު ކުރަނީއެވެ. ޙަޤީޤަތުގައި ރާނިޔާއާއި ރީޙާންގެ ގުޅުމަކީ ރާނިޔާގެ ބައްޕަ ޢުޘްމާންވެސް ވަރަށް ރުހޭ ކަމެކެވެ.

[އަވަހަށް އާދޭ...މިހާރު އިންތިޒާރު ކޮށްކޮށް އަހަރެމެން ވަރުބަލިވެއްޖެ.] ޢުޘްމާން ބުންޏެވެ. އޭރު ރަކި ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވައިގެން ރާނިޔާ އިނެވެ. ޙަޤީޤަތުގައި ރާނިޔާ އިނީ ލަދުގެންފައެވެ.

[ރީޙާނާއި ރާނިޔާ ދޭބަލަ ކުޑަކޮށް ވާހަކަ ދައްކާ ހަދާލަން އެފަރާތަށް...] ރާނިޔާގެ މަންމަ ރަޝީދާ، ރީޙާންގެ މޫނަށް ބަލައިލުމަށްފަހު، މިހެން ބުނީމާ، ރީޙާން ތެދުވެގެން ހިނގައިގަތެވެ. ރީޙާންގެ ފަހަތުން ކަހަލަ ގޮތަކަށް ރާނިޔާވެސް ދިޔައެވެ. އެމީހުން ނިކުތީ އެގޭގެ ވަލުދޮރާށިން ބޭރަށެވެ. އެއީ އެގޭ މީހުން ދުވާލުގެ ވަގުތު ފިނިކޮށްލުމަށްޓަކައި ތިބޭ ތަނެވެ. ޙަޤީޤަތުގައި އެއީ އެގޭ މީހުންގެ ފިނި މައިޒާނެވެ. އެތަނުގައި ޖޯލިފަތިތަކާއި އުނދޯލި ހުރެއެވެ.

ރީޙާން އިށީނީ އެތަނުގައި ހުރި އެންމެ ހިތްފަސޭހަހެން ހީވާ ޖޯލީގައެވެ. އޭނާގެ ފަހަތުން އައިސް، ޖެހިގެން ހުރި ޖޯލީގައި ރާނިޔާވެސް އޮށޯތެވެ. ދެން ދިޔައީ ހިމޭން ވަގުތުކޮޅެކެވެ. ކުރިން ވާހަކަ ދައްކާނީ ކާކުކަން ނޭނގިފައި ތިބީކަންނޭނގެއެވެ. ރެޔަކީ ހަނދުމަހެއްގެ މެދު ހަފްތާގެ ރޭތަކުގެ ތެރެއިން ރެޔަކަށް ވުމާއެކު، ނިކަން ރީތި ހަނދުވަރެއް މުޅި ހިސާބުގަނޑަށް ފެތުރިފައި ވުމާއެކު، އެތަނަށް އިތުރު ފުރިހަމަކަން ގެނެސްދީފައިވެއެވެ.

[ރާނިޔާ....ކިހިނެއް؟] އެތާނގައި ތިބޭތާ ދިހަވަރަކަށް މިނިޓް ފަހުން ހިތްވަރުކޮށްފައި ރީޙާން ވާހަކަ ދެއްކިއެވެ. ރީޙާންގެ އަޑު ޖެހުމުން، ރާނިޔާގެ މޭގަނޑު ފިނިވެގެންދިޔަ ކަހަލައެވެ.

[ރަނގަޅު...ރީޙާން ކިހިނެއްތަ؟] ރީޙާންގެ މޫނަށް ރާނިޔާ ބަލައިލިއެވެ.

[ރަނގަޅު...ރާނިޔާ...އަހަންނާ އިންނަން އެއްބަސްވީ...އަހަރެންދެކެ ލޯބިވާތީތަ؟] ރާނިޔާގެ މޫނަށް ރީޙާން ބަލައިލިއެވެ. ބޮލުގެ އިޝާރާތުން ރާނިޔާ އާއެކޭ ބުނެފައި، އިސްއޮބާލައިފިއެވެ. އޭރު އެތަނަށް އިތުރު މީހަކު އައިސް ހުއްޓުނު ކަމުގެ އިޙްސާސް ރާނިޔާއަށްވިއެވެ. ރާނިޔާ ވަށައިގެން ހޯދާލައިފިއެވެ.

[ކިހިނެއްވީ؟] ރީޙާންވެސް ހޯދާލިއެވެ.

[ކޮންމެވެސް މީހަކު މިތަނަށް ހުއްޓުނުހެންހީވީ....ކުޑަ ކުއްޖެއްގެ އަޑު އިވުނުހެންވެސް ހީވި....] ރާނިޔާ ބުންޏެވެ.

[އެއީ ހީވި ގޮތެއް ކަމަށްވާނީ....ދެން ހިނގާ އެފަރާތަށް ދާން. ކައިވެންޏަށް މިހާރު ބައްޕަމެން ތާރީޚުވެސް ކަނޑައަޅާފާނެކަންނޭނގެ.] ރާނިޔާގެ އަތުގައި ހިފައިގެން ގޮސް ރީޙާން ގެޔަށް ވަނެވެ. އޭރު ޙަޤީޤަތުގައި ރީޙާނަށްވެސް އެތަނުގައި އިތުރު މީހަކު ހުރިކަމުގެ އިޙްސާސް ކުރެވުނެވެ. ކުއްޖަކު ބައްޕާއޭ ކިޔާ ގޮވި އަޑުވެސް އޭނާއަށް އިވުނެވެ.

[އާދޭ...އާދޭ...ބައްޕަމެން މިހާރު ކައިވެނި ކުރާނޭ ތާރީޚެއްވެސް ކަނޑައަޅައިފިން. ފުރަތަމަ ތިދެކުދިން ބޭނުންވާ ތާރީޚެއް ބުނޭ.] މަޖީދު ބުންޏެވެ. ރީޙާން ބުނީ، ބައްޕަމެންނަށް ފެންނަ ތާރީޚެއް ހަމަޖެއްސުމަށެވެ.

ދެ ޢާއިލާގެ މަޝްވަރާގެ މަތިން، ކުރިޔަށް އޮތް މަހުގެ ފުރަތަމަ ހަފްތާގައި ކައިވެނި ކުރަން ހަމަޖެއްސުމަށްފަހު، ރީޙާންމެން ގެޔަށް ދިޔައިރު، ދިހައެއްޖަހާ ބޮޑުވެއްޖެއެވެ.

ގެޔަށް އައިސް ރީޙާންވަނީ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެވުމާއެކު، އޭނާގެ ލޮލުގައި އަޅައިގަތީ ކޮޓަރި އެނދުމަތީގައި މާބޮނޑިއަކާއެކު އޮތް ކަރުދާސްގަނޑު ފެނުނީމައެވެ. ރީޙާން ކޮޓަރި ތަޅުލުމަށްފަހު، އެތެރެއަށް ވަދެ އެ މާބޮނޑި ނެގިއެވެ. އެއަށްފަހު، މާބޮނޑީގައި ހަރުކޮށްފައިވާ ކުރު ނޯޓް ކިޔާލިއެވެ. ދާދި އެއް ޢިބާރާތާކެވެ. އޭގައިވެސް ވަނީ ލޫބާޔަށް ރީޙާނާ ވަކިން ނޫޅެވޭނެ ކަމަށާއި، ރީޙާންގެ ލޯބި ދާއިމަށް އޭނާޔަށް ބޭނުންވާ ކަމަށެވެ. އަދި ރީޙާން ކައިވެންޏެއް ކުރިޔަސް ވަރިހަމަ ކަމަށާއި، ނަމަވެސް އޭނާއަށްވެސް ލޯބި ދިނުމަށް އެދި އެ ނޯޓްގައި އާދޭސްކޮށްފައި ވެއެވެ. ރީޙާން އެނދުގެ ސައިޑް ކަބަޑް މަތީގައި މާބޮނޑި ބާއްވާލުމަށްފަހު، ހެދުން ބަދަލުކޮށްލައިގެން އޮށޯތެވެ.

އޭނާ އޮށޯތް ވަގުތު ލޫބާގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހި، އޭނާ ސިހިއްޖެއެވެ. ރީޙާން ފުންމައިގެން ތެދުވެ ހޯދަން ފަށައިފިއެވެ. ނަމަވެސް މީހަކު ފެންނާކަށް ނެތެވެ. އެކަމަކު ރުއިމުގެ އަޑު ކެނޑިނޭޅި އިވިއިވި ހުއްޓެވެ. ރީޙާން ހޮޅިބުރިވެސް ދިއްލައިފިއެވެ. ނަމަވެސް، މީހަކު ފެންނާކަށް ނެތެވެ. ވުމާއެކު، އޭނާ އަނެއްކާވެސް ނިދާބޮކި ޖެއްސުމަށްފަހު، އޮށޯވެއްޖެއެވެ. ދެން އިވެން ފެށީ ވަރަށް އަސަރާއެކު ލޫބާ ރޮއި ގިސްލާ އަޑެވެ.

[ރީޙާން...އާދޭސްކުރަން...އަހަންނަށް ތިޔަހެން ނަހަދާ...މުޅިން ރީޙާންގެ ދިރިއުޅުމުން އަހަރެން ބާކީނުކުރޭ....އަހަންނަކީ އިންސާނަކަށް ނުވިޔަސް، އަހަރެންގެ އެތެރެހަށީގައިވެސް ހިތެއް އެބައޮތް....ތިގޮތަށް އަނިޔާ ކުރީމާ، މި ހިތަށްވެސް އަސަރުކުރޭ....ކޮންމެވެސްވަރަކަށް ރީޙާންގެ ލޯބި އަހަންނާއެކު ޙިއްޞާކުރޭ....] މިފަހަރުވެސް އައީ އަޑެވެ. ލޫބާއެއް ނުފެނެއެވެ.

[ލޫބާ....ކޮންތާކު ހުރެގެންތަ ތި ވާހަކަ ދައްކަނީ...] ރީޙާންގެ ހިތުގައި ކުއްލިއަކަށް ރަޙުމް އުފެދުނީކަންނޭނގެއެވެ.

[އަހަރެން މިއިނީ ރީޙާންގެ އެނދުގެ އެއްފަރާތުގައި...ރީޙާން...] ވަރުގަދަ އައްޔަކާއެކު ކުއްލިއަކަށް އެ ފާޅުވީ ލޫބާއެވެ. ވަގުތުން ރީޙާނަށް ބަލައިލެވުނީ އޭނާގެ އުނަގަނޑުގައި ތަވީދު އޮތްތޯއެވެ. ތަވީދެއް ނެތެވެ. އެޔާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ.

[ރީޙާންމެން ދަތުރުގޮސް ފަތަން އުޅެނިކޮށް ތަވީދު ކަނޑައިގެންދިޔައީ...އަޅެ....ދެން ތަވީދެއް ނާޅައްޗޭ. އަހަރެން ބޭނުން، ރީޙާން އެހެން ޒަވާޖެއް ފައްޓައިގެން އުޅޭއިރު، ތަންކޮޅެއް ކައިރިން ރީޙާންގެ އުފާތައް ދެކެން...އެއީވެސް އަހަންނަށް ލިބޭނޭ ހިތްހަމަޖެހުމެއް. އަހަރެން އުންމީދު ކުރަން، އަހަންނަށް ލިބޭ، މިކުޑަކުޑަ ހިތްހަމަޖެހުމުން މަޙްރޫމް ނުކުރުވާނޭ ކަމަށް.] ލޫބާއަށް ގިސްލެވުނެވެ. އެހިނދު ބޭއިޚްތިޔާރުގައި ރީޙާނަށް ލޫބާގެ އަތުގައި ހިފަހައްޓާލެވުނެވެ.

[ލޫބާ....ނުރޮއި ހުއްޓާލާ...އަހަރެން ތަވީދެއް ނާޅާނަން. އެކަމަކު އަހަރެން އިންނަ މީހަކަށް ލޫބާގެ ފަރާތުން އެއްވެސް ތުރާލެއް ކުރިމަތިވެގެން ނުވާނެ. އެކަމަށް އެއްބަސްވަންތަ؟] ބޭއިޚްތިޔާރުގައި ރީޙާނަށް ލޫބާގެ ހަށިގަނޑުގައި އޮޅުލައިގަނެވިއްޖެއެވެ. ލިބުނު އުފަލާއި ހިތްހަމަޖެހުމާއެކު، ލޫބާ ރީޙާންގެ މޭގެތެރެޔަށް ބޮނޑިވެލައިފިއެވެ.

[އާނ...ރީޙާން....އަހަރެން ރާނިޔާއަށް އެއްވެސް އުނދަގުލެއް ނުކުރާނަން. ރާނިޔާއާއި ރީޙާންގެ ޒަވާޖީ ޙަޔާތަށް ހުރަސްއެޅޭފަދަ އެއްވެސް ކަމެއް އަހަރެންގެ ފަރާތަކުން ނުވާނެ.] މިހާރު ލޫބާ އެއިނީ ވަރަށް ބޮޑަށް އުފާވެފައެވެ.

އެރޭ ރީޙާން ލޫބާ ހިތްހަމަޖެހޭވަރަށް ލޯބިދިނެވެ. އެދެމީހުންގެ ދަރިފުޅުގެ ވާހަކަ ދެއްކީ އެއަށްފަހުގައެވެ. ލޫބާ ބުނީ ދަރިފުޅު ރީޙާނާ ބައްދަލުކުރަން ވަރަށް ބޮޑަށް ބޭނުންވާ ވާހަކައާއި، އެކުއްޖާއާ ބައްދަލުކޮށް، ކުޑަކޮށް ވާހަކަ ދައްކާލުމަށެވެ.

އެރެޔަށްފަހު، ރީޙާންގެ ކައިވެންޏާ ހަމަޔަށް ކޮންމެ ރެޔަކުވެސް ރީޙާނާއި ލޫބާ ބައްދަލުކުރެއެވެ. ހީވާކަހަލައެވެ. ލޫބާއަކީ އިންސާނަކަށް ނުވިޔަސް، ރީޙާނަށް ލޫބާދެކެ މާބޮޑަށް ލޯބިވެވުނީއެވެ. ހަމަގައިމުވެސް ރީޙާން ލޫބާއާއެކު ގުޅުން ދަމަހައްޓާކަން އޭނާގެ ބައްޕަމެނަށް ކިރިޔާވެސް އެނގޭނަމަ، އެމީހުން އެކަމަށް ހުރަސްއަޅާނެއެވެ. ރީޙާން އޭނާގެ ރަޙްމަތްތެރިޔާ ގާތުވެސް އޭނާޔާ ލޫބާގެ ގުޅުން ކުރިޔަށް ގެންދާ ވާހަކައެއް ނުބުނެއެވެ. އެކަމަށް ހައިޝަމް ހުރަސްއަޅާނެކަން އޭނާޔަށް އެނގޭތީއެވެ.

ރީޙާނާއި ރާނިޔާގެ ކައިވެނި، ކުޑަކުޑަ ޙަފްލާއަކަށްފަހު ކުރެވުނު ރޭ ލޫބާ ވަރަށް ރުޔެވެ. ރީޙާނަށް ފެންނަފަށުގައި ހުރެގެނެވެ. ޙަޤީޤަތުގައި ލޫބާ ރޯތަން ފެނުމުން، ރީޙާން ދެރަވެސްވިއެވެ.

[ރީޙާން...މާވަރަކަށް ތި ބަލަނީ ކޮންތާކަށް...އެތާ ފާރުކައިރީ މީހަކު ހުރީތަ؟] ލޫބާގެ ޙަރަކާތްތަކަށް ބަލަންހުރި ރީޙާން ސިހުނީ ރާނިޔާގެ އަޑުންނެވެ. ރީޙާނަށް ތެޅިގަނެވުނެވެ.

އޭރުވެސް ރީޙާނަށް އެކަނި ފެންނާނޭހެންހުރެ ލޫބާ ރޮމުންދިޔައެވެ.

[މިއުފާވެރި ރެޔާމެދު ވިސްނާލެވުނީ....މިހާރު ދެން ހުރިހާ ކަމެއް ނިމުނީނު. ހިނގާ ކޮޓަރިޔަށް ދަމާ....] ރީޙާން ރާނިޔާގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިޔަށް ވަނެވެ. ރީޙާން ބޭނުންވީ އަވަހަށް ލޫބާގެ ކުރިމަތިން ދުރަށްދާށެވެ. ނަމަވެސް، އޭނާ ކޮޓަރިޔަށް ވަންއިރު، ލޫބާ ކޮޓަރިތެރޭގައި ހުއްޓެވެ. ރޮއިރޮއިއެވެ.

ކޮޓަރިއަށް ވަދެ، ރާނިޔާ، އާ ކައިވެނީގެ ރެޔަށްޓަކައި އޭނާ ހޯދާފައި އޮތް ނައިޓީލިއެވެ. ރީޙާންވެސް ސޯޓްލައިގެން އައިސް އެނދުގައި އޮށޯތެވެ. އޭރު ރާނިޔާވެސް އެނދުގައި އޮށޯވެގެން އޮތެވެ. ރީޙާން އޮތީ ކޮޓަރީގެ އެއްފަރާތެއްގައި ރޮއިރޮއި ހުރި ލޫބާއަށް ބަލަހައްޓައިގެނެވެ. ހީވާކަހަލައެވެ. ރީޙާނާއި ރާނިޔާގެ ދެމެދަށް ލޫބާ ހުރަސްއަޅަނީއެވެ.

[ރީޙާން...ކޮން ވިސްނުމެއްގައި...މިއުފާވެރި ރޭ ރީޙާން ތިކުރާ ފިކުރެއް އަހަންނަކަށް ނޭނގުނު. އަޅެ މިފަރާތަށް އެނބުރިބަލަ...] ރާނިޔާ ރީޙާންގެ ގައިގައި ކޮއްޓާލިއެވެ. ރީޙާން ތެޅިގެންފައި ރާނިޔާއާ ދިމާއަށް އެނބުރުނެވެ. އެއަށްފަހު، އޭނާ ނިދާބޮކިވެސް ނިއްވާލައި، ކޮޓަރިތެރެ އެކަށް އަނދިރިކޮށްލިއެވެ.

ލައިޓް ނިއްވާލީމާ، އެދެމަފިރިންގެ ޙަރަކާތްތައް ލޫބާއަށް ނުފެންނާނޭ ކަމަށް އޭނާ ހީކުރީކަންނޭނގެއެވެ. ނަމަވެސް، ރީޙާނާއި ރާނިޔާ އެވަގުތު ތިބިގޮތް ލޫބާ ހުރީ ބަލާށެވެ. ލޫބާއަށް ކެތްކުރެވުނީ ވަކިވަރަކަށެވެ. ބޭއިޚްތިޔާރުގައި އޭނާޔަށް ރީޙާންމެނާ ކައިރިއަށް ޖެހިލެވުނެވެ. އޭނާގެ ކުރިމަތީގައި އެހެން މީހަކު ރީޙާންގެ ފަރާތުން އުފާވެރިކަން ލިބިގަންނަ މަންޒަރު ދެކޭކަށް އޭނާޔަށް ލާހިކުނުވިއެވެ.

ލޫބާ ރީޙާނާ ދިމާއަށް ގުދުވެ ރީޙާންގެ ގައިގައި ކޮއްޓާލިއެވެ. އެހިނދު ރީޙާން އެނބުރި ލޫބާގެ މޫނަށް ބަލައިލައިފިއެވެ. އޭރު ލޫބާގެ ލޮލުން ކަރުނަ ހިލެމުން ދަނީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން