ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު
ދިވެހިރާއްޖެއަކީ މުޅި ދުނިޔެއަށް ވޯޓާ ވިލާ އަޅާނެ ގޮތް ދަސްކޮށްދިން ގައުމު ކަމަށް ވިޔަސް، މިއަދު ރާއްޖޭގައި ވޯޓާ ވިލާއެއް އަޅައި، ފަންގަނޑެއް ޖަހާލުމުގެ ފުރުސަތު ވެސް ދިވެއްސަކަށް ނެތް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސްކުރައްވަމުން ޑރ. ޝަމްހީދު ވިދާޅުވީ، މި ސަރުކާރު އައި ފަހުން ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާ އެއްކޮށް ހަލާކުވެ، ދިވެހި ކުދި އަދި މެދުފަންތީގެ ކޮންޓްރެކްޓަރުން މުޅިން ބިކަވެފައިވާ ކަމަށެވެ. އަދި ރިސޯޓުތައް ހަދާ ސަރަހައްދުތަކުން މިއަދު ފެންނަނީ ހާހުން ބޭރު މީހުން އައިސް މަސައްކަތް ކުރާތަން ކަމަށާއި، އޭގެއިން ސަބް ކޮންޓްރެކްޓެއް ވެސް ދިވެއްސަކަށް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބިލަކީ ދިވެހިންނަށް ފުރުސަތު ހޯދައިދޭން ގެންނަ އިސްލާހެއް ކަމަށް ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ވިދާޅުވި ނަމަވެސް، ޓެކްސް ބޮޑުކޮށްގެން ދިވެހި ކޮންޓްރެކްޓަރުންނަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތް ކަމަށް ޝަމްހީދު ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި މިވަގުތު ވެސް ދެތިން ހަތަރު ބިލިއަން ޑޮލަރުގެ މަޝްރޫއުތައް ހިނގަމުންދާ ކަމަށެވެ. އެހެންނަމަވެސް، ދައުލަތުގެ ކުންފުނިތަކާއި ކައުންސިލްތަކުން ހިންގާ ހަތަރު ފަސް މިލިއަން ރުފިޔާގެ ކުދި މަޝްރޫއުތައް ވެސް، އެމްއޭސީއެލް ފަދަ ބޮޑެތި ކުންފުނިތަކުން އެއްކޮށް ބަންޑަލްކޮށްފައި ދެނީ ބޭރުގެ ކޮންޓްރެކްޓަރުންނަށް ކަމަށް ޝަމްހީދު ތުހުމަތުކުރެއްވިއެވެ.

މީގެއިތުރުން، ދިވެހި ވިޔަފާރިވެރިންނަށް ކޯޓާ ނުލިބިގެން އުޅޭއިރު، ބޭރު މީހުންނަށް ހިތުހުރި ވަރަކަށް ކޯޓާ ލިބޭ ސިޔާސަތެއް އޮތުމާއި، އިމްޕޯޓް ޑިއުޓީ ދެއްކުމުގައި ދިވެހިންނާއި ބޭރު ކުންފުނިތަކާ ދެމެދު ބޮޑެތި ތަފާތުތަކެއް ހުރިކަން ވެސް ޝަމްހީދު ފާހަގަކުރެއްވިއެވެ.

"ބޭރު މީހުން ޕްރޮޖެކްޓްގެ ނަމުގައި ޑިއުޓީ ފްރީކޮށް މެޝިނަރީ އެތެރެކުރާއިރު، ދިވެހި ކޮންޓްރެކްޓަރުން ޖެހެނީ ބޮޑު ޑިއުޓީއެއް ދައްކަން. މި މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެތައް ފަހަރަކު ދެއްކި ނަމަވެސް ސަރުކާރުގެ އަޣުލަބިއްޔަތު އޮންނަ ކޮމިޓީން މިކަމަށް އެއްވެސް ހައްލެއް ހޯދައިދީފައެއް ނުވޭ،" ޝަމްހީދު ވިދާޅުވިއެވެ.

ޑރ. ޝަމްހީދު ވިދާޅުވީ، ދިވެހިންނަށް ހަގީގީ މާނައިގައި ފުރުސަތުތަކެއް ހޯދައިދޭން ބޭނުންނަމަ، ރިސޯޓު ކޮންސްޓްރަކްޝަން އަދި އެހެނިހެން ބޮޑެތި ޕްރޮޖެކްޓްތަކުގެ މަދުވެގެން 30 އިންސައްތަ އާއި 50 އިންސައްތައާ ދެމެދުގެ މަސައްކަތް ދިވެހިންނަށް ސަބް ކޮންޓްރެކްޓް ކުރަން މަޖުބޫރުވާ ގޮތަށް ގާނޫނުތަކާއި ސިޔާސަތުތައް ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި މިފަދަ ހަރުދަނާ ސިޔާސީ ބަދަލުތަކެއް ނުގެނެސް، ހަމައެކަނި ޓެކްސް ރޭޓަށް ބަދަލު ގެނެސްގެން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށާއި ދިވެހި ވިޔަފާރިވެރިންނަށް އެއްވެސް ހެޔޮ ބަދަލެއް ނާންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު