މެރިކަލްޗަރގެ ސިނާއަތް
މެރިކަލްޗަރގެ ސިނާއަތް
ދިވެހިރާއްޖޭގެ މެރިކަލްޗަރ ސިނާޢަތް އިތުރަށް ފުޅާކޮށް ތަރައްޤީކުރުމުގެ މަޤްޞަދުގައި، އެ މަސައްކަތަށް ޚާއްޞަކޮށްގެން އިތުރު 10 ސަރަޙައްދެއް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކަނޑައަޅައިފިއެވެ. މިއާއެކު، މީގެކުރިން ކަނޑައަޅާފައިވާ 3 ސަރަޙައްދާއެކު، މި ދާއިރާއަށް ޚާއްޞަކުރެވުނު ސަރަޙައްދުތަކުގެ ޖުމްލަ ޢަދަދު މިހާރު ވަނީ 13 އަށް އިތުރުވެފައެވެ.

އަލަށް ކަނޑައެޅުނު ސަރަހައްދުތަކުގެ ތެރޭގައި ހިމެނެނީ ތ. އަތޮޅުން 2 ސަރަހައްދު، މ. އަތޮޅުން 3 ސަރަހައްދު، ފ. އަތޮޅުން 2 ސަރަހައްދު، ދ. އަތޮޅުން 2 ސަރަހައްދު އަދި ގއ. އަތޮޅުން 1 ސަރަހައްދެވެ. މީގެއިތުރުން ބޮޑު ތިލަދުންމައްޗާއި، މަނިޔަފުއްޓާ ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުގައި އޮންނަ ފަޅުވެސް ވަނީ މެރިކަލްޗަރގެ މަސައްކަތްތަކަށް ޚާއްޞަކޮށްފައެވެ.

މެރިކަލްޗަރ ސިނާއަތަކީ ވަކި ޚާއްޞަ ސިނާއަތެއްގެ ގޮތުގައި ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު ސިޔާސަތެކެވެ. އެގޮތުން، ސަރުކާރުގެ 2023-2028 ގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ލަނދުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން، ފާއިތުވި ދެ އަހަރުގެ ތެރޭގައި ޢަމަލީ ގިނަ މަސައްކަތްތަކެއް ވަނީ ފަށާފައެވެ. އޭގެ ތެރޭގައި ބޭރުގެ އިންވެސްޓްމަންޓްތަކަށް ފުރުޞަތު ހުޅުވާލުމާއި، "އެސްއެމްއީ ޑިޖިޓަލް" މެދުވެރިކޮށް ހިންގާ މެރިކަލްޗަރ ސްކީމްތަކުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ލުއި އުޞޫލުތަކެއްގެ ދަށުން ބިމާއި ފަޅުތައް ދޫކުރުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، 2025 ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ފަހަރަށް ޞިނާޢީ ފެންވަރުގައި މޫދުވިނަ (ސީވީޑް) ބޭރުގެ ބާޒާރަށް އެކްސްޕޯޓް ކުރަން ވަނީ ފަށާފައެވެ. އަދި ހަމައެއާއެކު، މި ދާއިރާއަށް ބޭނުންވާ ފަންނީ ހުނަރާއި ތަމްރީނު ދިވެހިންނަށް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ދަނީ ފުޅާ ދާއިރާއެއްގައި ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު