ހޮލޯގްރާމް އަހުމަދު
ހޮލޯގްރާމް އަހުމަދު
ދިވެހިރާއްޖޭގެ އިސްލާހީ ހަރަކާތްތަކުގައި އިސް ރޯލެއް އަދާކުރެއްވި އަދި ދޮގު ތުހުމަތުތަކުގައި އެކި ފަހަރުމަތިން ޖަލަށްލައި ބޮޑެތި އަނިޔާތަކެއް ތަހައްމަލު ކުރެއްވި ހދ. ކުޅުދުއްފުއްޓަށް އުފަން އަހުމަދު އާދަމް (ހޮލޯގްރާމް އަހުމަދު) އުމުރުން 55 އަހަރުގައި އިއްޔެ ނިޔާވެއްޖެ އެވެ.

އޭނާ ނިޔާވީ އިންޑިއާގެ ޓްރިވެންޑްރަމްގައި ބޭސްފަރުވާގެ ދަތުރެއްގައި އުޅުއްވަނިކޮށެވެ.

އަހުމަދު އާދަމްއަކީ ރާއްޖޭގެ ސިޔާސީ ތާރީހު ބަދަލުކޮށްލި އޯގަސްޓް 12، 13، 2004 ގެ އިންގިލާބީ މުޒާހަރާ ފެށުމުގެ މައިގަނޑު ސަބަބެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސިޔާސީ ހިޔާލު ފާޅުކުރުމަށް ހުޅުވާލި "މިނިވަން ބަހުސް" ގެ ދެވަނަ ބައްދަލުވުމުގައި، އަހުމަދު އާއި އޭނާގެ ބޭބެ އަބްދުއްރަޝީދު ވަނީ ރައީސް މައުމޫނުގެ އިސްތިއުފާއަށް ގޮވާލައި ޕޯސްޓަރެއް ނަންގަވައިފައެވެ.

މިއީ އެއިރުގެ ސަރުކާރާ ދެކޮޅަށް އެހާ ފާޅުކަން ބޮޑު ގޮތެއްގައި އިސްތިއުފާއަށް ގޮވާލި ފުރަތަމަ ފަހަރަށް ވީއިރު، އެ މައްސަލައިގައި އޯގަސްޓު 8، 2004 ގައި އަހުމަދު ހައްޔަރުކުރުމާ ގުޅިގެން ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލައި ބޮޑު މުޒާހަރާ ފެށިގެން ދިޔައެވެ.

ހައްޔަރުކުރެވުނު އެކި ފަހަރުމަތިން ސިފައިންގެ ފަރާތުން ލާއިންސާނީ ބޮޑެތި އަނިޔާތަކެއް ލިބުނުކަން އަހުމަދު ފަހުން ދީފައިވާ އިންޓަވިއުތަކުގައި ހާމަކޮށްފައިވެއެވެ.

އޭނާ އެންމެ ފުރަތަމަ ޖަލަށްލެވުނީ 1988 ވަނަ އަހަރު ސްކޫލް ދައުރުގައި، ރައްޓެއްސަކު ބަންދުކުރި ސަބަބު ސާފުކުރަން ފުލުސް އޮފީހަށް ދިޔުމުންނެވެ. ޖަލުގައި ކުރެވުނު ތަޖުރިބާތަކުގެ ސަބަބުން ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކޮށް، ގައުމަށް އިސްލާހީ ބަދަލުތަކެއް ގެންނަން ވިސްނަން ފެށުނު ކަމަށް އޭނާ ބުނެފައިވެއެވެ.

އަހުމަދު ހިންގި "ހޮލޯގްރާމް" ފިހާރައި މެދުވެރިކޮށް ލޭއައުޓް ހެދުމާއި، ފޮންޓު ފޮތް ހެދުމުގެ އިތުރުން ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމު މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

އޯގަސްޓް 2004 ގެ ހާދިސާއަށްފަހު އޭނާގެ ފިހާރައިގައި ހުރި ކޮމްޕިއުޓަރުތަކާއި މުދާތައް ސަރުކާރުން ހިފެހެއްޓި ނަމަވެސް، އޭނާ ހަނދާން ހުންނާނީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށްޓަކައި އަނިޔާވެރިކަމާ ދެކޮޅަށް ބިރުފަހަނައަޅައި ނުކުތް ހިތްވަރުގަދަ މުޖާހިދެއްގެ ގޮތުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް