މަރްޔަމް ނަހްދާ ވަޙީދު   18 އޯގަސްޓު 2026 - 10:16
އޭދަފުށީގެ ކަރަންޓު ވިއުގައަށް ސޯލާ ހަކަތަ ގުޅުމަށް ބޭއްވި ރަސްމިއްޔާތު، ފޮޓޯ: މިނިސްޓްރީ
އޭދަފުށީގެ ކަރަންޓު ވިއުގައަށް ސޯލާ ހަކަތަ ގުޅުމަށް ބޭއްވި ރަސްމިއްޔާތު، ފޮޓޯ: މިނިސްޓްރީ
ބ. އޭދަފުށީގެ ކަރަންޓު ވިއުގައަށް އިޔާދަކުރަނިވި ހަކަތަ ގުޅާލުމުގެ ގޮތުން، އެ ރަށުގައި ގާއިމުކުރި 1.2 މެގަވޮޓްގެ ސޯލާ ޕީވީ އަދި 1.5 މެގަވޮޓް އަވަރގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް) ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ސިސްޓަމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވައި، ރަށުގެ ސެންޓްރަލް ގްރިޑާ ގުޅައިދެއްވީ އެންވައިރަމެމްޓް މިނިސްޓަރ ޢަލީ ޝަރީފެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާއި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ މިނިސްޓްރީން ބުނީ، މިއީ ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އޭދަފުއްޓަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި މަޝްރޫއަކީ 'އެކްސެލެރޭޓިންގ ރިނިއުއަބަލް އެނާޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ' (އެރައިސް) މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ ދަށުން ކުރިއަށްގެންދިޔަ މަސައްކަތެއް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

އެރައިސް މަޝްރޫއުގެ ތިން ވަނަ ފިޔަވަހީގެ ދަށުން ރާއްޖޭގެ 9 ރަށެއްގައި ސޯލާ ސިސްޓަމް ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން މަސައްކަތް އެއްކޮށް ނިމި ހިދުމަތް ދޭން ފެށި ފުރަތަމަ ރަށަކީ އޭދަފުށި ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ. މި ފިޔަވަހީގެ ދަށުން ޖުމްލަ 11 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމް އެކި ރަށްރަށުގައި ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މިހާތަނަށް ރާއްޖޭގައި އެއް ސަބް-ޕްރޮޖެކްޓެއްގެ ދަށުން އެންމެ ގިނަ އަދަދަކަށް ސޯލާ ހަކަތަ އުފެއްދުމަށް ހިންގޭ އެންމެ ބޮޑު މަޝްރޫއު ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މި ނިޒާމު ރަސްމީކޮށް ބޭނުންކުރަން ފެށުމާއެކު، އޭދަފުށީގައި ކަރަންޓު އުފެއްދުމަށް އަންދަމުންދާ ޑީސަލްގެ މިންވަރު ވަރަށް ބޮޑުތަނުން މަދުވެގެންދާނެއެވެ. މިއީ ތެލަށް ކުރާ ބޮޑު ހޭދަ ކުޑަކުރުމުގެ އިތުރުން، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކޮށް، ތިމާވެށި ހިމާޔަތްކުރުމަށް ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު