ގައުމީ ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ހިތްވަރު ދިނުމުގެ އެވާޑު އަރުވަނީ، ފޮޓޯ: ރައީސް އޮފީސް
ގައުމީ ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ހިތްވަރު ދިނުމުގެ އެވާޑު އަރުވަނީ، ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ އުތުރާއި ދެކުނުގައި އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯންތަކާއި އާރބަން ސެންޓަރުތައް ތަރައްޤީކޮށް، އާބާދީ އެއްފަސްކުރުމަކީ މި ސަރުކާރުގެ މައިގަނޑު ސިޔާސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ދަ ޕަލްސް ޕޮޑްކާސްޓް" އަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން ތަންފީޒު ކުރަމުންދަނީ މެދު އަދި ދުރުރާސްތާގެ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތެކެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ކުރިފުޅުމަތީގައި ކުޑަ ރަށެއް ނުވަތަ ބޮޑު ސިޓީއެއް ތަފާތުކުރުމެއް ނެތި ކޮންމެ ރައްޔިތަކީވެސް ހަމަހަމަ ރައްޔިތެކެވެ.

އަދި ސަރުކާރަކުން ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކަމާއެކު ލިބެންޖެހޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި، މި ދައުރުގެ ތެރޭގައި ހުރިހާ ރަށެއްގައި ކޮންމެހެން ހުންނަންޖެހޭ އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

މި ސިޔާސަތުގެ ދަށުން ކޮންމެ ރަށެއްގައި ސިއްހީ، ތައުލީމީ، ކުނި މެނޭޖްކުރުން، ކުޅިވަރު، ބޭންކިންގ އަދި ވިޔަފާރީގެ ދާއިރާއިން ބޭނުންވާ ވަސީލަތްތައް ޤާއިމުކުރެވޭނެއެވެ.

މީގެ ތެރޭގައި ފިޓްނަސް ސެންޓަރުތަކާއި، އައުޓްޑޯ ޖިމްތަކާއި، ޕޮލިސް ސްޓޭޝަންތަކާއި، ކުޑަކުދިންގެ ޕާކުތަކުގެ އިތުރުން ފެނާއި ނަރުދަމާގެ މަސައްކަތް ނިންމުމާއި ރައްކާތެރި ބަނދަރުތައް ހެދުން ހިމެނެއެވެ.

އަދި ސަރަހައްދީ ތަރައްޤީގެ ޕްލޭންގެ ދަށުން އެއަރޕޯޓުތަކާއި، މަތީ ފެންވަރުގެ ހޮސްޕިޓަލްތަކާއި ސްކޫލްތައް ބިނާކުރުމުގެ މަސައްކަތް ޚާއްސަ ޕްލޭނެއްގެ ދަށުން ކުރިއަށްދާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު